ހަބަރު

ކަން ހާސިލް ކުރަން ކޮންމެ ވަސީލަތެއް ބޭނުން ކުރަންވެސް ބައެއް މީހުނަށް ވަރިހަމަ: ރައީސް

މުޖުތަމައު މިހާރު އޮތް ހާލަތުގައި އެބަޔަކު ބޭނުންވާ ކަމެއް ހާސިލް ކުރަން ކޮންމެ ފަދަ ވަސީލަތެއް ބޭނުން ކުރުމަށް ވެސް ބައެއް ފަރާތްތަކަށް ވަރިހަމަ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އުމުރުން ދުވަސްވީ ފަރާތްތަކާ ރައީސް މިރޭ ބައްދަލުކުރައްވައި ވިދާޅުވީ، މުޖުތަމައުގެ އިޖްތިމާއީ ފޭރާން މި ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށެވެ. ރައީސް ވިދާޅުވީ އުމުރުން ދުވަސްވީ ފަރާތްތަކުން މިއީ އަރާމު ކުރަން ޖެހޭ ދުވަސްތައް ކަމަށެވެ. ނަމަވެސް އެބޭފުޅުން ޅައިރުގައި އުޅުނު މިނިވަންކަންމަތީ މި މުޖުތަމައުގައި މިހާރު އުޅެވޭނެ ފަދަ މާހައުލެއް ނެތުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެފަދަ ވެއްޓެއް ގާއިމްކުރުމަށް ސަރުކާރުގައި ހިތްވަރު ހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި މުޖުތަމައުގައި ދުވަސްވީ މީހުންނަށް އަދި މިދެވޭ މަގާމު އެންމެ ރަނގަޅެއް ނޫން. އެކަމުގައި އަޅުގަނޑުމެން މި އޮތީ އަދި ފަހުރުވެރި މަގާމެއްގައެއް ނޫން. މި މުޖުތަމައުގެ އިޖްތިމާއީ ފޭރާން މި ވަނީ ހަލާކުވެފައި. މިހާރު އޮތް ހާލަތަކީ އެބަޔަކު ބޭނުންވާ ކަމެއް ހާސިލް ކުރުމަށް ކޮންމެ ފަދަ ވަސީލަތެއް ބޭނުން ކުރުމަށް ވެސް ބައެއް ފަރާތްތަކަށް ހަމަ ވަރިހަމަ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ތޫނު ހަތިޔާރުން ދޭ ހަމަލާތައް ހުއްޓުވައި މުޖުތަމައު އަމާން ކުރުމަށް މި ސަރުކާރުގެ ހިތްވަރު އެބަ ހުރި ކަމަށެވެ. އަދި އެކަމަށް ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ރައީސް ވައުދުވެ ވަޑައިގެންނެވި އެވެ.

އުމުރުން ދުވަސްވީ މީހުންނަށް އާސަންދައިން ލުއިތަކެއް ހަމަޖައްސައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދޮށީ އުމުރުގެ މީހުންނާ މެދު އަމަލު ކުރާނެ އުސޫލެއް ސަރުކާރުން އެކުލަވާލުމުގެ މަސައްކަތް މިހާރު އަންނަނީ ބާރަށް ކުރަމުންނެވެ. އަދި އެ އުސޫލަށް ވަރަށް އަވަހަށް އަމަލު ކުރަން ފައްޓަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ވެގެން އަންނަ އިތު އެތަނުގައި ދުވަސްވީ މީހުންނަށް ހިތްފަސޭހަ ދިރިއުޅުމެއް އުޅުމުގެ ފުރުސަތ އޮންނާނެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެންމެން ވެސް ލޯބިވާން ޖެހޭނީ ގައުމު ދެކެ އެވެ. ސިޔާސީ ފިކުރު ބައިވެފައި ވީ ނަމަވެސް ގައުމީ ކަންކަމުގައި ގައުމު ދެކެ ލޯބިވެގެން އިހުލާސްތެރި މަސައްކަތް ކުރަން ޖެހެ އެވެ. އެފަދަ ރޫހެއް މުޖުތަމައުގައި އާލާ ކުރުމަށް ދުވަސްވީ މީހުންގެ އެއްބާރުލުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

"ތިބޭފުޅުންނަކީ ގައުމަށް މުހިންމު ބައެއް. ގައުމީ ރޫހު އާލާކޮށް މުޖުތަމައު އެކަތިގަޑެއްގެ ގޮތުގައި ބޭއްވުމަށް ތިބޭފުޅުންގެ މަސައްކަތް ވަރަށް މުހިންމު،" ރައީސް ވިދާޅުވި އެވެ.