ހަބަރު

މަރުގެ ހުކުމް އައިސްފައިވާ ހަނާ ގާރީ ކޯހުގެ ސެޓްފިކެޓް ދެއެއް ފުރިހަމަކޮށްފި

ގާނޫނީ ވަކީލް އަހުމަދު ނަޖީބް މަރާލިކަން ސާބިތުވެ މަރުގެ ހުކުމް އައިސްފައިވާ ފާތިމަތު ހަނާ ގާރީ ކޯހުގެ ސެޓިފިކެޓް ލެވަލް ދެއެއް ފުރިހަމަކޮށްފި އެވެ. އޭނާ މިދިޔަ އަހަރު ވަނީ ގާރީ ކޯހުގެ ސެޓިފިކެޓް އެކެއް ވެސް ފުރިހަމަކޮށްފަ އެވެ.

މިއަދު މާފުށީ ޖަލުގައި އޮތް ރަސްމިއްޔާތެއްގައި ކޯސް ނިންމިކަމުގެ ސެޓްފިކެޓް ހަނާއާ ހަވާލުކުރެއްވީ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަން ހަސަން ޒިލާލެވެ.

ނަޖީބް މަރާލުމުގެ ކުށް ސާބިތުވެގެން ކްރިމިނަލް ކޯޓުން މަރަން ހުކުމްކޮށް، ހައިކޯޓުން ތާއީދުކޮށްފައިވާ ހަނާ ގާރީ ކޯސް ފުރިހަމަކޮށްފައިވަނީ އޭނާ މިހާރު ބަންދުކޮށްފައި ހުންނަ މާފުށީ ޖަލުގައި ހުރެގެންނެވެ.

ހަނާ މަރަން މިދިޔަ ހަފުތާގެ ތެރޭގައި ހައިކޯޓުން ތާއިދުކޮށްފައިވާއިރު މި މައްސަލަ އަދި ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައެއް ނުވެ އެވެ. މުއްދަތުގެ ތެރޭގައި ހަނާގެ ފަރާތުން މި މައްސަލަ އިލްތިމާސްނުކޮށްފިނަމަ، ޕީޖީގެ ފަރާތުން މަރުގެ ހުކުމް ކަށަވަރުކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދޭނެ އެވެ.

މ. މަސްރޫރާ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ބަނުމަށް ފަހު ނަޖީބް މަރާލި މައްސަލައިގައި ހަނާގެ އިތުރުން ހަނާގެ ލޯބިވެރިޔާ މ. މަސްރޫރާ އަހުމަދު މުއްރަތު މެރުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި ހައިކޯޓުން ތާއިދު ވެސް ކޮށްފަ އެވެ. އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައި މަރުގެ ހުކުމް ކަށަވަރުކުރުމުގެ މަރުހަލާގަ އެވެ.