ބޭރު ކުޅިވަރު

މެންސިޓީ ސިޓީ ގަދަ ހަތަރަކަށް، ޔުނައިޓެޑަށް މެޗު ފަސްކޮށްފި

May 15, 2016
3

ސްވަންސީ ސިޓީއާ ބައްދަލުކޮށް 1-1އިން އެއްވަރުވުމުން މެންޗެސްޓާ ސިޓީ އަށް އިނގިރޭސި ޕްރެމިއާ ލީގުގެ ގަދަ ހަތަރެއް ގާތްގަނޑަކަށް ކަށްވަރުވެއްްޖެ އެވެ.

ލީގުގައި ކުޅެންޖެހޭ ހުރިހާ މެޗެއް މިރޭ ނިމުނު އިރު ސިޓީ އަށް ވަނީ 66 ޕޮއިންޓް ލިބިފަ އެވެ. ގަދަ ހަތަރަކަށް އެ ޓީމާ އެންމެ ގާތުން ވާދަކުރަނީ 63 ޕޮއިންޓާއެކު ފަސް ވަނާގައި އޮތް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑެވެ. އެ ޓީމު ވެސްޓް ބްރޮމްއަލްބިއަންއާ ބައްދަލުކުރާ މެޗު ވަނީ ފަސްކޮށްފަ އެވެ. އެއީ ޔުނައިޓެޑުގެ އޯލްޑްޓްރެފޯޑްގައި ބޮމެއް އޮތް ކަމަށް ބެލެވިގެންނެވެ. ނަމަވެސް މެޗު ވީ އެންމެއަވަހަކަށް ފަށަން ޕްރެމިއާ ލީގުން ދަނީ މަސައްކަތް ކުރަމުންނެވެ. ފުލުހުން ވަނީ ކުއްތާ ބޭނުންކޮށްގެން ދަނޑު ބަލައި ފާސްވެސްކޮށްފަ އެވެ.

ސިޓީ އަށް ގަދަ ހަތަރެއް ކަށަވަރުވާނެ ކަމުގެ ޔަގީންކަން އޮތީ ވެސްޓް ބްރޮމް އަތުން މޮޅުވިޔަސް ސިޓީ އަށްވުރެ ކުރިއަށް ޔުނައިޓެޑަށް އެރުމުގެ ފުރުސަތު ހަނިވުމުންނެވެ. ޔުނައިޓެޑް މޮޅުވެއްޖެނަމަ، ޕޮއިންޓްގެ ގޮތުން ސިޓީއާ އެއްވަރުވާނެ އެވެ. ނަމަވެސް ފައިދާ ގޯލުގެ ތަފާތު މި ދެ ޓީމުގެ ވަރަށް ބޮޑެވެ. ސިޓީ އަށް ފައިދާ 30 ގޯލު އޮތްއިރު ޔުނައިޓެޑަށް ލިބިފައިވަނީ ފައިދާ 12 ގޯލެވެ. މިހެންވެ ސިޓީ ކަޓުވާލައި ޔުނައިޓެޑަށް ގަދަ ހަތަރަކަށް ދެވޭނީ ވެސްޓް ބްރޮމްއާ ދެކޮޅަށް 18 ގޯލުގެ ތަފާތުން މޮޅުވެގެންނެވެ.

ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން ލެސްޓާ ސިޓީ ހޯދާފައިވާއިރު ދެ ވަނަ ލިބުނީ އާސެނަލް އަށެވެ. ތިން ވަނަ ޓޮޓެންހަމަށެވެ. ލީގުގައި މިރޭ ލެސްޓާ އާއި ޗެލްސީ ކުޅުނު މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ. ޗެލްސީ ލީގު ނިންމާލީ 10 ވަނާގަ އެވެ. އެސްޓަން ވިލާގެ މައްޗަށް އާސެނަލް މިރޭ 4-0އިން ކާމިޔާބު ހޯދިއިރު ޓޮޓެންހަމް ބަލިވީ ރެލިގޭޓްވެފައިވާ ނިއުކާސަލް އަތުން 5-1އިންނެވެ.
ލިވަޕޫލް ލީގު ނިންމާލީ އަށް ވަނާގަ އެވެ. އެއަށްވުރެ ކުރީގައިވަނީ ވެސްޓްހޭމް އާއި ސައުތެމްޓަނެވެ.