ހަބަރު

ބްރިޖުގެ ސާމާނާއެކު އިމްްޕޯޓުކުރި މުދަލުގެ އަދަދު 20 ޕަސަންޓު އިތުރުވެއްޖެ

މާލެއާ ހުޅުލެ ދެމެދު އަޅައި ބްރިޖުގެ ސާމާނާއެކު މިދިޔަ މަހު އިމްޕޯޓު ކުރި މުދަލުގެ އަގު 20 ޕަސަންޓު އިތުރުވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އާމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އެޕްރީލު މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 2.6 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރުގެ އެޕްރީލު މަހު އެ އަދަދު 3.1 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށާއި އެ އަދަދުގެ ބޮޑުބައި ހިއްސާ ކުރަނީ ބްރިޖުގެ މަސައްކަތަށް އެތެރެކުރި ސާމާނާއި އަސްކަރިއްޔާއަށް ގެނައި ހެލިކޮޕްޓަރާއި އޭގެ ބައިތައް ކަމަށެވެ.

ކަސްޓަމްސް އިން ބުނީ ހުސްވި އެޕްރީލު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓު ކުރެވުނު ގައުމުތަކުގެ ގޮތުގައި ތަފާސް ހިސާބުން ދައްކަނީ އިންޑިޔާ އަދި ޗައިނާ ކަމަށެވެ. އެގޮތުން އިންޑިޔާއިން ގެނައި މުދަލުގެ އަގު ސީއައިއެފް 552.6 މިލިއަން ރުފިޔާއަށް އަރާއިރު، ޗައިނާއިން ގެނައި މުދަލުގެ އަގު 466.2 މިލިއަން ރުފިޔާއަށް އަރައި ކަމަށެވެ. އަދި މިދިޔަ މަހު ތިންވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވާ ވަނީ ސިންގަޕޫރުން އިން ކަމަށާއި އެއީ 385.5 މިލިއަން ރުފިޔާގެ މުދާ ކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީވެސް ވަނީ މިދިޔަ އަހަރުގެ އެޕްރީލު މަހާ އަޅާބަލާއިރު ހުސްވި އެޕްރީލު މަހު 11 ޕަސަންޓު އިތުރުވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެގޮތުން ފާއިތުވި އެޕްރީލު މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 209.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި ކުރީ އަހަރުގެ އެޕްރީލު މަހު ލިބިފައިވަނީ 188.7 މިލިއަން ރުފިޔާ ކަމަށް އެއިދާރާ އިން ބުންޏެވެ.

ނަމަވެސް ފާއިތުވި އެޕްރީލު މަހު ރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ދެ ޕަސަންޓު ދަށަށް ގޮސްފަވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.