ބޭންކްތަކުން އާންމު ވިޔަފާރިތަކަށް ދޫކުރި ލޯނުގެ އަދަދު ތިން ޕަސެންޓް އިތުރުވީ އިރު ސަރުކާރުގެ ބޭނުންތަކަށް ލޯނު ދޫކުރި އަދަދު ހަތް ޕަސެންޓް އިތުރުވި، ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ބޭންކުން އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުގައި ސެންޓްރަލް ބޭންކާއި އެހެން ކޯމާޝަލް ބޭންކުން މިދިޔަ އަހަރު ޖުމްލަ 26 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެވެ. އޭގެ ތެރެއިން 58 ޕަސެންޓް ދޫކޮށްފައި ވަނީ އާންމު ވިޔަފާރިތަކަށް ކަމަށްވާ އިރު، އަނެއް 36 ޕަސެންޓް ދޫކޮށްފައި ވަނީ ސަރުކާރަށެވެ. އެމްއެމްއޭ އިން ދޫކުރި 57 ޕަސެންޓް ސަރުކާރުގެ ބޭނުން ތަކަށް ދޫކުރި އިރު، އެހެން ބޭންކްތަކުން ދޫކުރި ލޯނުގެ 43 ޕަސެންޓް ނަގާފައި ވަނީ ސަރުކާރުގެ ބޭނުންތަކަށެވެ.
އާންމު ވިޔަފާރިތަކަށް ދޫކުރި ލޯނުގެ ތެރެއިން ޓޫރިޒަމް ކުރިއަރުވަން 43 ޕަސެންޓްގެ ލޯނު ވަނީ ދޫކޮށްފަ އެވެ. އަދި ކޮމާޝިއަލް އެކި މަސައްކަތްތަކަށް 17 ޕަސެންޓް ލޯނު ދޫކުރި އިރު، އިމާރާތް ކުރުމުގެ ދާއިރާއަށް ވަނީ 11 ޕަސެންޓްގެ ލޯނު ދޫކޮށްފަ އެވެ.
ބޭންކްތަކުން ދޫކުރާ ލޯނުތަކުގެ ބޮޑު ބައެއް ސަރުކާރުގެ ޓީބިލްތަކަށް އިންވެސްޓް ކުރުމަކީ އެމްއެމްއޭ އިން އަބަދުވެސް ކަންބޮޑުވުން ފާޅު ކުރާ ކަމެކެވެ. އިގްތިސާދީ މިންގަޑަކުން ބަލާއިރު، އެގޮތަށް އެކަން ކުރުމުގެ ސަބަބުން ބޭންކުތަކުން އާންމު ވިޔަފާރިތަކަށް ދޫކުރަން ހުންނަ ލޯނުގެ އަދަދު ވަރަށް ބޮޑުތަން ދަށަށް ދެ އެވެ. ނަތީޖާއަކަށް ވާނީ ޕްރައިވެޓް ސެކްޓާގެ ދުވެލި ދަށަށް ދިޔުމެވެ.
މިއަހަރުގެ ބަޖެޓް ވެސް 1.6 ބިލިއަން ރުފިޔާ އިން ޑެފިސިޓް ވާނެ ކަމަށް ލަފާ ކުރެވޭ އިރު، އޭގެ ތެރެއިން 43 ޕަސެންޓް ފައިނޭންސް ކުރަނީ ބޭންތަކަށް ޓީބިލް ވިއްކައިގެންނެވެ. އަނެއް 57 ޕަސެންޓް ހަމަޖައްސަނީ ބޭރު ލޯނާއި އެހީތަކުގެ ތެރެއިން ކަމަށް ވަނީ ބަޖެޓް ކޮށްފަ އެވެ.
މިދިޔަ އަހަރު ނިމުނު އިރު ވެސް ސަރުކާރު ވަނީ 17 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފަ އެވެ. ޓީބިލް ވިއްކަން ޖެހެނީ ދައުލަތަށް ލިބޭ އާމްދަނީ އަށް ވުރެ ހަރަދު ބޮޑު ވާތީ އެބައި ފޫބެއްދުމަށެވެ.