ޗައިނާގެ ޝަންޝާ ޕްރޮވިންސުން ޓޫރިސްޓުންނާއެކު މޯލްޑިވިއަންގެ ފުރަތަމަ ބޯޓު މިއަދު ހެނދު ރާއްޖެ އަތުވެއްޖެ އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޗައިނާގެ ޝަންގްޝާ ޕްރޮވިންސުން މިއަދު ރާއްޖެ އައި ބޯޓުގައި 196 ޓޫރިސްޓުން ރާއްޖެ ގެނެސްފައިވެ އެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި ޝަންޝާ ޕްރޮވިންސާއި ރާއްޖެއާ ދެމެދު އެ އެއާލައިނުން ހަފުތާއަކު އެއް ފްލައިޓް ބާއްވާނެ ކަމަށެވެ.
ދަތުރުތައް ފުޅާ ކުރުމުގެ ގޮތުން އިތުރު ބޯޓެއް ގެނެސް ޗައިނާގެ އިތުރު ތިން މަންޒިލަކަށް މިހާރު ދަނީ ދަތުރު ކުރަމުންނެވެ. އެ ކުންފުނީގެ އާ ބޯޓުގައި ޗައިނާއިން ޓޫރިސްޓުން ގެނައުމުގެ ދަތުރުތައް ފަށާފައިވަނީ އިއްޔެ އެވެ. އެ ކުންފުނިން އަލަށް ދަތުރު ފެށި ތިން ސިޓީއަކީ ޗައިނާގެ ޝަންޝާ އާއި ނަންޖިން އަދި ޝިއާން ސިޓީ އެވެ.
ދަތުރުތައް ފުޅާ ކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ އެއާބަސް އޭ-321 މަރުކާ ބޯޓެއް ގެނެސްފަ އެވެ. މި ބޯޓަކީ 200 މީހުންގެ ޖާގައިގެ ބޯޓެކެވެ.
މޯލްޑިވިއަންއިން ބުނި ގޮތުގައި ޗައިނާ ތިން ސިޓީއަކަށް ފެށި އާ ދަތުރުތަކާއިއެކު 900 ވަރަކަށް ޓޫރިސްޓުން ހަފުތާއަކު ރާއްޖެ ގެނެވޭނެ އެވެ.