ހަބަރު

އެސްޓީއޯއިން ރޯދަ މަހަށް ހާއްސަކޮށް ފިޔާ، އަލުވި އަދި ބިސް ވިއްކަން ފަށައިފި

އެސްޓީއޯ އިން ރޯދަ މަހަށް ހާއްސަކޮށް ފިޔާ، އަލުވި އަދި ބިސްކޭހުގެ ޝިޕްމަންޓެއް ގެނެސް ވިއްކަން ފަށައިފި އެވެ.

އެސްޓީއޯ ސުޕާ މާކެޓުގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖާ ރީޖަނަލްސް، ފާތިމަތު އާޝާން ވިދާޅުވީ ކޮންމެ އަހަރެކޭ އެއްފަދައިން މިއަހަރު ވެސް އެސްޓީއޯ އިން ރޯދަ މަހަށް ހާއްސަކޮށް ގެންނަ ފިޔާ އަލުވި އަދި ބިސްކޭހުގެ ޝިޕްމަންޓު މިއަދު ގެނެސް ވިއްކަން ފަށައިފަވާ ކަމަށާއި އެތަކެތި ވިއްކަން ހުންނާނީ އަތިރިމަތީގައި ހުންނަ ހަ ނަމްބަރު ކޮށިން ކަމަށެވެ.

އާޝާން ވިދާޅުވީ މިއަދުން ފެށިގެން ރޯދަ މަހާއި ހަމަޔަށް އެތަކެތި ވިއްކާނީ ހެނދުނު 9:00 އަކުން ފެށިގެން މެންދުރު 12:00 އަށް ކަމަށާއި އަދި މެންދުރު ފަހު 1:30 އިން ފެށިގެން 3:00 ޖަހަންދެއް ކަމަށެވެ. އަދި ރޯދަ މަސް ފެށުމުން ހެނދުނު 10:00 އަކުން 2:00 އަކަށް ވިޔަފާރި ކުރާނެ ކަމަށް އާޝާން ވިދާޅުވި އެވެ.

"މި މަސައްކަތް ކުރަނީ ބާޒާރުގެ ހުންނަ އަގަށް އެއްވަރަށް ނޫނީ އެއަށްވުރެއް ރަނގަޅު އަގެއްގައި އާންމު ރައްޔިތުންނަށް އެ ވިއްކަން. މިއަދު އަޅުގަނޑުމެން ބެލި އިރުވެސް ބާޒާރުގައި ވެސް ހަމަ 160 އަށް ވުރެއް އަގު ހެވެއް ނޫން. އެހެންވި މި ވިސްނީ ފިޔާ 160 އަށް ވިއްކަން. އަދި އަލުވި ތަންކޮޅެއް އަގު ބޮޑުކޮށް ބާޒާރުގައި ހުރީ ނަމަވެސް އަޅުގަނޑުމެން ވިއްކަނީ 250 އަށް. ދެން އަޅުގަނޑުމެން ބިސް ކޭސް 275 އަކަށް ވިއްކާ އިރު ބާޒާރުގައި އެއަށް ވުރެއް ބޮޑުކޮށް މި އުޅެނީ،" އާޝާން ވިދާޅުވި އެވެ.

އާޝާން ވިދާޅުވީ ގޮތުގައި މި ރޯދަ މަހާއި ދިމާކޮށް މޫސުން ގޯސްވެފައިވާ އިރު މުދާ ގެންނަން ދަތި ވާނެ އެވެ. ނަމަވެސް އެއް އަގެއްގައި އެތަކެތި ވިއްކުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ރީޖަނަލްގެ 13 އައުޓްލެޓަކުން މިތަކެތި ވިއްކާނެ ކަމަށް އާޝާން ވިދާޅުވި އެވެ. އެގޮތުން މާލެއާ ހުޅުމާލެ، ވިލިމާލޭގެ އިތުރުން ހޯރަފުށިން ލިބެން ހުންނާނެ ކަމަށާއި އަދި ވަރަށް އަވަހަށް އައްޑޫއަށް ވެސް ޝިޕްމަންޓެއް ގެންދިޔުމަށް މަސައްކަތް ކުރާ ކަމަށް އާޝާން ވިދާޅުވި އެވެ.