ޕީއެސްއެމް

މިފަހަރުގެ އަލިގަދަ ތަރިއަށް ބައި މިލިއަން ރުފިޔާ!

May 16, 2016
10
  • އަވަށްޓެރި ގައުމުތަކުން ވެސް އިނާމްތަކެއް
  • އަތޮޅުތަކުގައި ވެސް އޮޑިޝަންތައް
  • ހައްޖާއި އުމްރާ ދަތުރުތައް

މިއަހަރުގެ "އަލިގަދަތަރި"އަށް ބައި މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ބުނެފި އެވެ. ޕީއެސްއެމް އިން މިހެން ބުނީ ކޮންމެ އަހަރަކު ރޯދަ މަހު ބާއްވާ އަލިގަދަތަރި މުބާރާތް އިފްތިތާހުކޮށް ސްޕޮންސަރުންނާ އެކު ސޮއި ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައ ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް ވިދާޅުވީ، ކީރިތި ޤުރުއާން އަށް ލޯބި ކުރާ ފަރާތްތައް އުފައްދާ ޤުރުއާން އަށް މުޖުތަމައުގައި ކުރާ ގަދަރާއި އިހްތިރާމް އުފުލުމަށްޓަކައި ވަރަށް ހާއްސަ މަސައްކަތްތައް ކުރާ ކަމަށެވެ. އަދި ބޭނުމަކީ ޤުރުއާނުގެ އިލްމު ހުރި އަދި އިލްމު ފަތުރާދޭ ބަޔަކު އުފެއްދުން ކަމަށް އިކްރާމް ވިދާޅުވި އެވެ. އެގޮތުން ކޮންމެ ރޯދަމަހު ބާއްވާ އަލިގަދަތަރި މުބާރާތުން އެ މަގުސަދު ހާސިލް ވެފައިވާ ކަމަށާއި ދުވަހުން ދުވަހަށް އަލިގަދަތަރި މުބާރާތް ލިބޭ ތަރުހީބު ބޮޑުވެ މިފަހަރުގެ އިނާމަކަށް ބައި މިލިއަން ރުފިޔާ ދޭން ހަމަޖެހިފައިވާ ކަމަށް އިކްރާމް ވިދާޅުވި އެވެ.

"ބައި މިލިއަން ރުފިޔާގެ އަގުހުރި އިނާމަކީ ހަމައެކަނި ޕީއެސްއެމް އިން އެއްވަނައަށް ހުށަހަލައި އިނާމް. އޭގެ އިތުރުން އެއްވަނަ ދެވަނަ ތިން ވަނަ އަށް ދާ ފަރާތްތަކަށް އިސްލާމީ ޔުނިވާސިޓީ އިން ފުލް ސްކޯލާޝިޕް ވަނީ ދެއްވާފައި. އޭގެ އިތުރުން ހެޔޮ އެދޭ ފަރާތަކުން މިހާރުވެސް މަޝްވަރާ ކުރައްވަމުން ގެންދަވަނީ އެފަރާތްތަކަށް ހައްޖު ދަތުރަކާއި އުމްރާދަތުރެއް، ތިން ހަރަމަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ދެއްވުމަށް. އަދި އަޅުގަނޑުމެންގެ އެކުވެރި ބައެއް އިސްލާމީ ގައުމުތަކުން އިނާމް ހުށަހެޅުމަށް މަޝްވަރާ ކުރަމުންދޭ،" އިކްރާމް ވިދާޅުވި އެވެ.

އިކްރާން ވިދާޅުވީ ގޮތުގައި މިފަހަރު ބާއްވާ މި މުބާރާތުގެ އަތޮޅުތަކުތެރެއަށް ހާއްސަކޮށް އޮޑިޝަންތަކެއް ބާއްވާނެ އެވެ. އެގޮތުން ހއ. އިހަވަންދޫއާއި ގދ. ތިނަދޫގެ އިތުރުން ޏ. ފުވަމުލަކުގައި އޮޑިޝަން ބާއްވާނެ ކަމަށް އިކްރާމް ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އުޅޭ މީހަކަށް ވެސް އޮޑިޝަންގައި ބައިވުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އެފަރާތްތަކުން "ޕީއެސްއެމް ޝެއާ އެޕްލިކޭޝަން" ޑައުންލޯޑު ކުރުމަސް ފަހު އެ މެދުވެރިކޮށް ޤުރުއާން ކިޔަވާ ރިކޯޑިން ފުނުވުމުން ބައިވެރިވެވޭނެ ކަމަށް އިކްރާމް ވިދާޅުވި އެވެ.

އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ:

  • ޏ. ފުވަމުލަކު އޮޑިޝަން. 18 މެއި
  • ގދ. ތިނަދޫ އޮޑިޝަން. 22 މެއި
  • ހއ. އިހަވަންދޫ އޮޑިޝަން. 26 މެއި
  • މާލޭގެ އޮޑިޝަން. 30 މެއި

މިއަހަރުގެ އަލިގަދަތަރިގެ މެއިން ސްޕޮންސާ އަކީ އެލައިޑް އިންޝޫރަންސްގެ އަޔާދީ ތަކާފުލް އެވެ. އެކުންފުންޏާ އެކު މިރޭ ސޮއި ކުރެވުނީ 1.8 މިލިއަން ރުފިޔާގެ ސްޕޮންސާއަކަށެވެ.

އިކްރާމް ވިދާޅުވީ މި އަހަރުގެ އަލިގަދަ ތަރި މުބާރާތް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިޔުމަށް ފަހު އަންނަ އަހަރު އެ މުބާރާތަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އެގޮތުން އަލިގަދަ ތަރިއަށް ހޮވޭ ފަރާތަކީ ކީރިތި ޤުރުއާން އެކި ރާގު ރާގަށް ކިޔުމުގެ އިތުރުން ޤޫރުއާން ކިޔަން ތަމްރީން ކޮށްދިނުމުގެ ހުނަރަސްވެސް ބަލާނެ ކަމަށެވެ. އަދި މަދަހަ ވެސް ކިޔޭނެ ފަރާތަކަށް ވެސް ވާން ޖެހޭނެ ކަމަށް އިކްރާމް ވިދާޅުވި އެވެ.