ރިޕޯޓް

ހަލީމާއެކު، ޓީމް އެމްޓީސީސީ ބާރަށް ކުރިޔަށް!

"އަޅުގަނޑުގެ އަޒުމަކީ އެމްޓީސީސީއަކީ ރާއްޖޭގެ އެއްވަނަ ކުންފުންޏަށް ހެދުން. މި ކުންފުނިން މި ސަރަހައްދުގެ ޕްރޮޖެކްޓްތައް ނަގާ ދުވަހަކީ ވަރަށް ދެކެން ބޭނުންވާ ދުވަހެއް،" ރާއްޖޭގެ އެންމެ ބޮޑު ޓްރާންސްޕޯޓް ކުންފުނި، އަދި "އަބަދު ވެސް ގެއްލުން" ވާ އެމްޓީސީސީގެ މިހާރުގެ ޗީފް އެކްޒެކެޓިވް އޮފިސަރު (ސީއީއޯ) އަބްދުރައްޒާގު ހަލީމްގެ އަޒުމަކީ މިއީ އެވެ.

ހަލީމް ވަނީ ކުރިން ސަރުކާރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ސަރުކާރުގައި 1998 ވަނަ އަހަރުން ފެށިގެން ރައީސް އޮފީހުގައި މަސައްކަތް ކުރެއްވި އެވެ. ރައީސް މައުމޫނު ރާއްޖޭން ބޭރަށް ކުރައްވާ ދަތުރުފުޅުތަކަށް ބޭނުންވާ މައުލޫމާތައް ހޯދުމާއި ރާއްޖޭގައި ހިންގާ ހުރިހާ މަޝްރޫއުތަކެއް ބެލެހެއްޓުމުގައި ވެސް އެންމެ އިސްކޮށް އުޅުއްވީ އޭނާ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރިއަށް ގެންދެވި "ވެށިފަހި މާލެ" މަޝްރޫއު ކޯޑިނޭޓް ކުރުމުގައި ވެސް އުޅުއްވީ އޭނާ އެވެ.

ހަލީމް އެމްޓީސީސީ ސީއީއޯގެ މަގާމު މި ސަރުކާރުން ދެއްވީ މިދިޔަ އަހަރު އެވެ. އޭނާ މި މަގާމަށް އައިއިރު އެމްޓީސީސީއަކީ ކިހާ ވަރެއްގެ ކުންފުންޏެއް ކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ. ސަބަބަކީ ރައީސް އޮފީހުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ސަރުކާރު ކުންފުނިތަކުގެ ހިސާބު ކިތާބު ބަލަހައްޓަން ޖެހުމެވެ. ކުންފުނިތަކުގެ "ޕާފޯމަންސް" ބަލަން ޖެހުމެވެ.

"ރައީސް އޮފީހުގައި މަސައްކަތް ކުރިއިރު އިކޮނޮމިކް ސެކްޓާގައި ހުރި އިޝޫތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު ސަރުކާރު ކުންފުނިތަކުގެ ޕާފޯމަންސް ވެސް މޮނީޓަ ކުރަމުން ގެންދަން. ހުރިހާ ކުންފުނިތަކެއް ވެސް. އެހެންވީމަ ކުންފުނިތަކުގެ ޕްރޮގްރެސް ވެސް އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް އެނގޭ،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޮޑު ކުންފުންޏެއްގެ މަތީ މަގާމެއް ލިބިދާނެ ކަމަށް "ދުވަހަކު ވެސް" ހިތަށް ނާރާ ކަމަށެވެ.

"ކުރިއަކުން ކުންފުންޏެއްގެ މަގާމެއް އަދާ ކުރުމަށް ވިސްނުމެއް ވެސް ނެތް. ހަމަ އަނެއްހެން ދަންނަވާނީ އެއްގޮތަކަށް ވެސް ހޯޕް ކޮށްގެން ހުރިކަމެއް ނޫނޭ މިއީ. މި ގޮތަށް ކުންފުންޏެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުން،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވި ގޮތުގައި އެމްޓީސީސީ ސީއީއޯގެ މަގާމާ ހަވާލުވެ ވަޑައިގެންނެވިއިރު، މިއީ ކިހާވަރެއްގެ ގޮންޖެހުން ބޮޑު މަގާމެއްކަން ގަބޫލު ކުރެއްވި ކަމަށެވެ.

"އަޅުގަނޑު އައިއިރު އެނގޭ އެމްޓީސީސީއަކީ މި ކަހަލަ ހިސްޓްރީއެއް އޮތް ކުންފުންޏެއް ކަން. އެހެންވެ އިންޓްރެސްޓް ހުރީ ވެސް. މި ޗެލެންޖު ނަގަން. އަޅުގަނޑުގެ ގާބިލްކަން ހުރި މިންވަރަކުން ބަލާނަން ރާއްޖޭގެ އެއްވަނަ ކުންފުންޏަށް ހެދޭތޯ،" ހަލީމް ވިދާޅުވި އެވެ.

ހަލީމު ހަވާލުވި ހިސާބުން އެމްޓީސީސީއަށް "އެނގިއްޖެ" އެވެ. މީގައި ގިނަ "ސިއްރު" ތަކެއް ވެސް ފަރުދާވެފައިވެ އެވެ. އެއް ކަމަކީ ސަރުކާރުގެ އެއްބާރުލުން ބޮޑު ކަމެވެ. އަނެއް ކަމަކީ "ޓީމް އެމްޓީސީސީ" ގެ ބަދަހި ގުޅުމެވެ. މުވައްޒަފުންގެ ގުޅުން ބޮޑު ކަމެވެ. ގާބިލް ޓީމެއް އޮތުމެވެ.

ހަލީމު ވިދާޅުވި ގޮތުގައި ކުރިން އެމްޓީސީސީއަށް ވަނީ އިހުމާލުވެފަ އެވެ.

"އެމްޓީސީސީއަށް ކުރިން މަޝްރޫއު ތަކެއް ނުލިބޭ. އެމްޓީސީސީއަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏެއް. އެމްޓީސީސީއަކީ ރާއްޖޭގެ އެންމެ ދުވަސްވީ ކޮންސްޓްރަކްޝަން ކުންފުނި. އެމްޓީސީސީގައި ޕްރޮޖެކްޓްތައް ނެގުމުގެ ގާބިލްކަން އެބަހުރި. އެކަމަކު އެމްޓީސީސީ އަށް ބަނދަރުގެ ޕްރޮޖެކްޓްސްތަކާ މިފަދަ އެހެން ޕްރޮޖެކްޓައް ނުދީ އެހެން ކުންފުނިތަކަށް މިފަދަ ޕްރޮޖެކްޓްތައް ކުރިން ހަވާލުކުރީ،" އެމްޓީސީސީއަށް ގެއްލުންވި ސަބަބު ހަލީމް ވިދާޅުވި އެވެ.

އެހެންނަމަވެސް، މިހާރުގެ ސަރުކާރުގެ އެއްބާރުލުމާ އެކު އެމްޓީސީސީ ދަނީ ފައިމައްޗަށް ތެދުވަމުންނެވެ. އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުވަނީ ރެކޯޑް އަދަދަކަށް ފައިދާވެފަ އެވެ. މިދިޔަ އަހަރު 80 މިލިއަން ރުފިޔާވަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. މިއީ ރެކޯޑެކެވެ.

ހަލީމް ވިދާޅުވި ގޮތުގައި އެމްޓީސީސީގައި އޮތް ޓީމާއެކު އެ ކުންފުނި ވަރަށް އުހަށް އެރިދާނެ އެވެ.

"އެމްޓީސީސީގައި އޮތްވަރުގެ ޓީމެއް އެހެން ކުންފުންޏަކުން ނެތް. ހުރިހާ ގޮތަކުންވެސް އެންމެ ކޮމްޕިޓެންޓް ޓީމް މި އޮތީ. އެޑްމިނިސްޓްރޭޓިވް ދާއިރާއިން ވިއަސް، ނޫނީ ޕްރޮޖެކްޓް ސައިޑުން ވިއަސް. އަދި ޓްރާންސްޕޯޓް ސެކްޓާ އިން ވިއަސް މި އޮތީ އެންމެ ވަރުގަދަ ޓީމް. ސަބަބެއް ނެތިގެނެއް ނޫނޫ ޓީމް އެމްޓީސީސީ ކިޔަނީ،" ވިޔަފާރީ އާއި އިގްތިސާދީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އެއްބާރުލުމާއެކު އެމްޓީސީސީ ވަރަށް ބޮޑުތަން ކުރިއެރުވިދާނެކަން ޔަގީން ކުރައްވާ ކަމަށެވެ.

"ހަމައެކަނި އަޅުގަނޑު އަޔަކަސް އެމްޓީސީސީއަކަށް މާ ބޮޑުކަމެއް ނުކުރެވޭނެ. ހިތަށް އަރަނީ މިއީ ވަރަށް ބޮޑު ޗެލެންޖެއްގެ އިތުރުން އޮޕަޗުނިޓީ އެކޭ. ފުރުސަތެކޭ! އެހެންވެ ސަރުކާރުން ދެއްވާ އެއްބާރުލުމާ އެހީތެރިކަމާ އެކީ ކުރިއަށް ދެވިދާނެ. މި ވަގުތު ވެސް ފާހަގަ ކޮށްލަން ސަރުކާރުން ހާއްސަކޮށް ރައީސް ދެއްވާ ލަފާފުޅު،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވި ގޮތުގައި އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެމްޓީސީސީގެ މުވައްޒަފުން ސިޔާސީ "ވަކިތަކުން" ދުރުކުރުމަށެވެ.

"މުވައްޒަފުންގެ އެއްބައިވަންތަކަމަށް އިސްކަން ދޭނަން ސިޔާސީ ނުފޫޒުތަކުން އެއްކިބާ ކުރުމަށް. މިއީ ވަރަށް ސަމާލުކަން ދޭކަމެއް. އެމްޓީސީސީގެ ޓީމް ކުރިއަށް ދަނީ ނަމަ ޓާގެޓަށް ވާސިލްވާނެ. މިހާރު މި ތަނަށް އައުމުން އެނގޭ މި ފަދަ ކުންފުންޏަކުން ގައުމާއި ރައްޔިތުންގެ ތަރައްގީއަށް ހިއްސާ ކުރެވޭނެ މިންވަރު. އެހެންވީމަ އެ ޕޮޓެންޝަލް ހުރިކަން. އެހެންވެ ވަރަށް ކުރާހިތުން މިހާރު މި ކުރަނީ،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވި ގޮތުގައި ރައީސް އޮފީހުގައި ކުންފުނިތަކުގެ މަސައްކަތްތައް ބެލެހެއްޓި މީހެއްގެ ގޮތުން ގަބޫލު ކުރައްވާ ގޮތުގައި ސަރުކާރު ކުންފުނިތަކުގެ މެދުގައި އޮންނަންވާ ވަރަށް ގުޅުމެއް ނެތެވެ. މިއީ ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުންފުނިތަކުގެ މައްސަލަކީ ރިލޭޝަންޝިޕް. ސަރުކާރުން ދެއްވާ ހިދުމަތްތައް ދިނުމުގައި ކުންފުނިތައް އެބަޖެހޭ ބައިވެރި ވާން. މީގަ ވާގޮތަކީ ކުންފުނިތައް އުފައްދާފައި މި ހުންނަނީ ސްޕެސިފިކް މަސައްކަތް ތަކެއް ކުރުމަށް. އެހެންވީމަ ފާހަގަވާ ކަމަކީ އެއް ކުންފުނި އަނެއް ކުންފުންޏަށް ދޭން ޖެހޭ ސަޕޯޓާއި އެހީތެރިކަން ވީކްވުން. އެކަމަކު މިހާރު އެއްބާރުލުން ރަނގަޅުވަމުން އެބަދޭ،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ހުންނެވީ އަޒުމުގަ އެވެ. އެއީ ރާއްޖޭގެ އެންމެ ގެއްލުމުގައި ހިންގަމުން ދިޔަ ކުންފުންފުނި ކާމިޔާބު ކުންފުންޏަކަށް ހެއްދެވުމުގެ އަޒުމެވެ.