ހއ. ދިއްދޫ ކައުންސިލްގެ ނައިބު ރައީސް ކަމުން، ކައުންސިލް މެމްބަރު ޖައުހަރީ އަލީ އިސްތިއުފާ ދެއްވައިފި އެވެ.
ނައިބު ރައީސް ކަމުން ޖައުހަރީ އިސްތިއުފާ ދެއްވާފައި ވަނީ މިއަދު އެވެ.
ޖައުހަރީ މިރޭ ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވީ ކައުންސިލްގެ ރައީސް އިބްރާހިމް ޝިނާން ގަވައިދާ ހިލާފަށް ބައެއް ކަންކަން ކުރައްވާތީ އާއި އެފަދަ ކަންކަން ކުރެއްވުމަށްފަހު ޗުއްޓީއަށް ވަޑައިގެންނެވުމުން ގަވައިދާ ހިލާފަށް ކުރައްވާ އެފަދަ ކަންކަން ފޫބައްދަން އޭނާއަށް މަސައްކަތް ކުރައްވަން ޖެހި ވަޑައިގަންނަވާތީ ކަމަށެވެ.
"އެއީ މައިގަނޑު ސަބަބަކީ އެނޫނަސް ބައެއް ކަންކަން ގޯސްކޮށް ގެންދާތީ ކައުންސިލްގެ ނައިބު ރައީސެއްގެ ހައިސިއްޔަތުން މިވަގުތުން މަސައްކަތް ކުރަން އަޅުގަނގަނޑުގެ ޝައުގުވެރިކަން ނެތީ،" ޖައުހަރީ ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ޝިނާންގެ ބަހެއް ހޯދަން ގުޅުމުން އޭނަ ފޯނެއް ނުނަންގަވައެވެ.
ޖައުހަރީ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވި އިރު ކައުންސިލްގެ ހަތަރު މެންބަރަކު ސޮއި ކުރައްވައި މިހާރު ވަނީ ކައުންސިލްގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ވެސް ހުށަހަޅައި އެ މައްސަލަ ބަލައިގެންފައެވެ.
ދިއްދޫ ކައުންސިލްގައި ތިއްބަވަނީ ޕީޕީއެމްގެ ތިން މެންބަރުންނާއި އެމްޑީޕީގެ ދެ މެންބަރުންނާއި ޖޭޕީގެ މެންބަރަކާއި އަދާލަތުގެ މެންބަރަކެވެ. އިސްތިއުފާ ދެއްވި ޖައުހަރީއަކީ އަދާލަތުގެ މެންބަރެކެވެ. ކައުންސިލްގެ ރައީސަކީ ޖޭޕީގެ މެންބަރެއްގެ ގޮތުގައި ހޮވި ވަޑައިގަތުމަށްފަހު ޕީޕީއެމަށް ބަދަލުވެ ވަޑައިގެންނެވި ބޭފުޅެކެވެ.