ހަބަރު

ގެޓްސެޓް ލޯނުން 10 ޒުވާނަކު ވިޔަފާރި ފަށައިފި: މިނިސްޓްރީ

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް މި ސަރުކާރުން ފަށާފައިވާ، "ގެޓްސެޓް" ލޯނު ޕްރޮގްރާމުން ފައިސާ ދޫކުރި 10 ފަރާތަކުން ވިޔަފާރިތައް ފަށައި ކާމިޔާބުކަމާ އެކު އެ ވިޔަފާރިތައް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.

މިދިޔަ އަހަރު ސަރުކާރުން ތައާރަފް ކުރި އެ ލޯނު ސްކީމްގެ ފުރަތަމަ ބުރުގައި 34 ޒުވާނެއްގެ ޕްރޮޕޯސަލް އަށް ލޯނު ދޫކުރަން ވަނީ ނިންމައިފަ އެވެ.

ގެޓްސެޓް ލޯނު ޕްރޮގްރާމުގެ ކޯޑިނޭޓަރު މަހީލް އަލީ ޖަލީލު ވިދާޅުވީ އެ ފަރާތްތަކުގެ ތެރެއިން، ވިޔަފާރި ފެށުމަށް ވާން ޖެހޭ ތައްޔާރީތަކާ ގުޅޭ ގޮތުން 33 ފަރާތަކާ މަޝްވަރާކޮށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައިވާ ކަމަށެވެ. ލޯނު ފައިސާ ދޫކުރުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ނުވަނީ އެންމެ ފަރާތަކުން ކަމަށް ވެސް މަހީލް ވިދާޅުވި އެވެ. އެ ފަރާތާ މަޝްވަރާކޮށްގެން އެކަން ވީހާ ވެސް އަވަހަކަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަހީލް ވިދާޅުވީ ލޯނު ދޫކުރުމަށާއި ވިޔަފާރި ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް މިނިސްޓްރީ އިން ކަނޑައެޅި ކަންކަން ފުރިހަމަ ކުރި، 30 ފަރާތަކަށް އެލޯނުގެ ފުރަތަމަ ޕޭމަންޓް މިހާރު ދޫކޮށްފައިވާ ކަމަށެވެ. ލޯނުގެ ފައިސާ ނުލިބި ހުރި ހަތަރު ޒުވާނުންނަށް ވެސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ލޯނުގެ ފުރަތަމަ ބައި ދޫކުރާނެ ކަމަށް ވެސް މަހީލް ވިދާޅުވި އެވެ.

ގެޓްސެޓް ލޯނުގެ ފައިސާ ދޫކުރަނީ ބައިބަޔަށް ބަހާލައިގެންނެވެ. އެންމެ ފުރަތަމަ ދޫކުރަނީ ވިޔަފާރި ފެށުމަށް ކުރަން ޖެހޭ އިންވެސްޓްމަންޓަށް ދޫކުރާ ފައިސާ އެވެ. މަހީލް ވިދާޅުވި ގޮތުގައި ފައިސާ ދޫކުރި ފަރާތްތަކުގެ ތެރެއިން 10 ފަރާތަކުން މިހާރު ވެސް ވިޔަފާރިތައް ފަށައި ކާމިޔާބު ކަމާ އެކު ދަނީ ހިންގަމުންނެވެ. އަދި އޭގެ ތެރެއިން އެންމެ ކާމިޔާބު ކަމާ އެކު ކުރިއަށް ދަނީ ޓޫރިޒަމާ ގުޅުން ހުރި ދާއިރާގެ ވިޔަފާރިތައް ކަމަށް މަހީލް ވިދާޅުވި އެވެ.

"މި ފައިސާ ހަވާލު ކުރުން އިންނާނީ އިކޮނޮމިކް މިނިސްޓްރީ އިން ކުރަން ޖެހޭ މަސައްކަތް ކުރުމަށް ފަހު ބެންކަށް ފޮނުވާލަން ޖެހެނީ ދެން ފައިސާ ދޫކުރުން އިންނާނީ ބެންކުން. އެހެންވީމައި މި ފެށޭ ހަފްތާ ތެރޭގައި ހުރިހާ އެންމެނަށް ފައިސާ ހަވާލު ކުރެވި ގެޓްސެޓް ލޯނުގެ ފުރަތަމަ ބުރުގެ މަސައްކަތް އެކީ ނިމޭނެ. މި ބުރު މި ދިޔައީ ވަރަށް ކާމިޔާބުކޮށް،" މަހީލް ވިދާޅުވި އެވެ.

ފުރަތަމަ ބުރު ނިމުމާ އެކު އަންނަ މަސް ތެރޭގައި ގެސްޓްސެޓް ލޯނުގެ ދެވަނަ ބުރަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާނެ ކަމަށް މަހީލް ވިދާޅުވި އެވެ. އަދި ފުރަތަމަ ބުރުގައި ވެސް 100 އަށް ވުރެ ގިނަ އެޕްލިކޭޝަން ލިބުމުން ދެވަނަ ބުރު ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ސްކީމަށް ކުރިމަތިލާ އިރު ކުރަން ބޭނުންވާ ވިޔަފާރިއެއްގެ ކޮންސެޕްޓާއި ލަފާ ކުރާ އާމްދަނީގެ ތަފްސީލްތައް ހިމަނަން ޖެހެ އެވެ.

މި ލޯނު ސްކީމްގެ ޖުމްލަ އަދަދަކީ 200 މިލިއަން ރުފިޔާގެ ލޯނު ސްކީމެކެވެ. ރަހުނަކާ ނުލައި ނެތި މި ސްކީމުން 300،000ރ. އާއި 800،000ރ. އާ ދެމެދުގެ އަދަދެއްގެ ލޯނު ދޫކުރާނެ އެވެ. މި ލޯނުތައް ދެއްކުމަށް ހަތަރު އަހަރާއި ނުވަ އަހަރު ލިބެ އެވެ.