މޯލްޑިވްސް ޕޮލިސް ސާވިސް

ގިނަ ރަށްތަކެއްގައި ޕޮލިސް ޕޯސްޓް އަޅަނީ

ފުލުހުންގެ ހިދުމަތް މިހާރަށްވުރެ ފުޅާ ކުރުމަށް ގިނަ ރަށްތަކެއްގައި ޕޮލިސް ޕޯސްޓް ބަހައްޓަން ނިންމައި އެކަމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، ފުލުހުންގެ ހިދުމަތް ރާއްޖޭގެ ކޮންމެ ރަށަކުން ލިބިގެން ދިއުމަށް ރަށްރަށުގެ ކައުންސިލްތަކުންނާއި ރައްޔިތުންގެ ފަރާތުން އެދެމުންދާތީ ހޯމް މިނިސްޓަރުގެ ލަފަޔާއެކު މޯލްޑިވްސް ޕޮލިސް ސާވިސްގެ އެގްޒެކެޓިވް ބޯޑުގެ މަޝްވަރާކޮށް ވީއެންމެ އަވަހަކަށް ގިނަ ރަށްތަކެއްގައި ޕޮލިސް ޕޯސްޓްތައް ގާއިމްކޮށް ފުލުހުން އެރަށްރަށުގައި ބައިތިއްބަން ނިންމަވާފައިވާ ކަމަށެވެ.

ޑިވިޒަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން އާދަމް ވިދާޅުވީ، ޕޮލިސް ޕޯސްޓްތައް ބަހައްޓައި ފުލުހުންގެ ހިދުމަތް މިހާރު ލިބެން ނެތް 20 ރަށެއްގައި ފުލުހުންގެ ހިދުމަތް ތައާރަފް ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިޔަށް ގެންދާ ކަމަށެވެ.

އޭސީޕީ ހުސައިން އާދަމް ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ގޮތަށް މަސައްކަތް ކުރިޔަށްދާނަމަ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 20 ރަށުގައި މުޅިން އަލަށް ފުލުހުން ތިބެން ފަށާނެ ކަމަށެވެ. މި ރަށްރަށަށް ފުލުހުން ފޮނުވުމަށްޓަކައި އެކަމަށް ބޭނުންވާ ފުލުހުން މިހާރު ނަގައި ނިމިފައިވާ ކަމަށާއި އެފުލުހުންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ކުރިޔަށް އޮތް ހަފްތާގައި ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަތޮޅުތަކުގައި ފުލުހުންގެ ހިދުމަތް ފުޅާކޮށް މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ދާއިމަށް ފުލުހުން ބޭތިއްބުމަށް ފަށާ މި މަސައްކަތުގެ ދަށުން ފުރަތަމަ ފުލުހުން ބައިތިއްބާ 20 ރަށުގައިވެސް ރޯދަ މަސް ފެށުމުގެ ކުރިން ފުލުހުން ތިބެން ފަށާނެއެވެ. މިއާއެކު އެ ރަށްރަށުގައި ފުލުހުންގެ ހިދުމަތް ދާއިމީ ގޮތެއްގައި ފަށައި ރައްޔިތުންނާ ގާތުން ފުލުހުން ރައްޔިތުންނާއެކު ގުޅިގެން މަސައްކަތްކޮށް އިޖުތިމާއީ ހާލަތު ދަމަހައްޓައި ކުށުގެ ނުރައްކާ ކުޑަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރައްޔިތުންނާއި ކައުންސިލާއެކު ގުޅިގެން ކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.

ޕޮލިސް ޕޯސްޓް ތަކުގައި މަސައްކަތް ކުރާނެ ފުލުހުން ނަގަމުންދަނީ ފުލުހުންގެ ތެރޭގައި އެކަމަށްޓަކައި އިއުލާނުކޮށް އެކަމަށް ކުރިމަތިލާ ފުލުހުންގެ ތެރެއިންނެވެ.

ފުލުހުން ބުނީ، ރާއްޖޭގައި ފުލުހުންގެ ހިދުމަތް ފުޅާކޮށް މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތްދިނުމަށް ކުރަމުންދާ މަސައްކަތަކީ ފުލުހުންނަކީ ރައްޔިތުންނަށް ކުރިމަތިވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނެޖެހޭ ބަޔަކަށްވެފައި ކުށުގެ ނުރައްކާ ކުޑަކޮށް ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ގެނައުމަށް ކުރެވޭ މަސައްކަތެެއް ކަމަށެވެ. ހަމައެހެންމެ ރަށްރަށުގައި އަމާން ވެއްޓެއް ގާއިމްކޮށް ރައްޔިތުންނަށާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކަންމަތީ ދެމެހެއްޓުމަށް ކުރެވޭ މަސައްކަތް އިތުރު ކުރުމުގެ ގޮތުން ކުރެވޭ ކަމެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ 79 މަރުކަޒު 79 ރަށުގައި ހުރެއެވެ. އެ ރަށްރަށުގައި ދާއިމީ ގޮތެއްގައި ފުލުހުން ދަނީ ހިދުމަތް ދެމުންނެވެ.