ދުނިޔެ

ބަލި މީހާގެ ރުހުމުގައި އެ މީހާ މަރާލަން އެހީވުން ކެނެޑާގައި ޑޮކްޓަރުންނަށް ހުއްދަ ދީފި

Feb 7, 2015
1

ފަރުވާ ނުދެވޭ ފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުން ބޭނުންވެއްޖެ ނަމަ އެ މީހުން މަރާލުމުގައި ޑޮކްޓަރުންނަށް އެހީ ވެވޭނެ ކަމަށް ކެނެޑާގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ކުރިން އެކަން މަނާކޮށްފައި އޮއްވާ އެ ގައުމުގެ ސުޕްރީމް ކޯޓުން އިއްޔެ އެގޮތަށް ނިންމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ ޖަމާއަތުން އެ މައްސަލަ ހުށަހެޅީ ބޮޑު ބައްޔެއް ތަހައްމަލު ކުރަމުން ދިޔަ ދެ އަންހެނަކު އެ މީހުން މަރާލަ ދިނުމަށް ޑޮކްޓަރުން ކިބައިން އެދުމުން ވެސް އެކަން ނުކުރެވުމުންނެވެ. އެ ދެ މީހުންގެ ބަލި ހާލަތު ހުރިގޮތުން އެހެން މީހެއްގެ އެހީތެރިކަން ނެތި އެ މީހުންނަށް އެއްވެސް ކަމެއް ނުކުރެވޭއިރު އެ މީހުން މިހާރު ވަނީ މަރުވެފަ އެވެ.

ކޯޓުން ކުރި ހުކުމުގައިވަނީ ތަހައްމަލު ނުކުރެވޭ ފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހަކު މަރުވާން ބޭނުންވެ، އެކަމަށް އެދިއްޖެ ނަމަ އެކަމަށް ޑޮކްޓަރުންނަށް އެހީ ވެވޭނެ ކަމަށެވެ. ކޯޓުގެ ނިންމުމުގައިވަނީ އެކަން މުޅިން މަނާކޮށްފި ނަމަ ބައެއް މީހުންގެ ދިރިއުޅުން "ގެއްލިގެންދާނެ" ކަމަށެވެ. އެގޮތުން ތަހައްމަލު ނުކުރެވޭ ފަދަ ބަލިތަކުގައިވާ މީހުންނަށް ކެތް ނުކުރެވޭ ހިސާބަށް ކަންކަން ދާއިރު ވެސް ކެތް ކުރުމަށް އެ މީހުންނަށް މަޖުބޫރުވެގެންދާ ކަމަށް އެ ނިންމުމުގައިވެ އެވެ.

ކޯޓުގެ އެ ނިންމުމާ އެކު އެކަމާ ގުޅިގެން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކެނެޑާގެ ސަރުކާރަށް 12 މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.

ބަލި މީހާގެ ރުހުމާ އެކު ޑޮކްޓަރުން އެހީވެގެން ބަލި މީހާ މަރާލުމަކީ ޔޫރަޕްގެ ބައެއް ގައުމުތަކާއި އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ވެސް ހުއްދަ ކަމެކެވެ.

ބަލި މީހާ މަރާލުމުގައި ޑޮކްޓަރުން ބައިވެރިވުން ކެނެޑާގައި ހުއްދަކުރި ނަމަވެސް އެފަދަ ކަންކަމުގައި ޑޮކްޓަރުން ބައިވެރިވުން ގިނަ ގައުމުތަކުގައި ވަނީ މަނާކޮށްފަ އެވެ. އަދި މީހުންނަށް މަރުގެ އަދަބު ދިނުމުގައި ޑޮކްޓަރުން ބައިވެރިވުން ވެސް ބައެއް ގައުމުތަކުގައި މަނަލެވެ.