ރާއްޖެއަށް މީގެކުރިން ދުވަހަކު ވެސް އައިސްފައި ނުވާ ވަރުގެ ބޮޑު އިންވެސްޓްމަންޓެއް ރައީސް އަބްދުﷲ ޔާމީން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީއޭގެ ކޮންގްރެސް ފެށުމުގައި ރަސްމިއްޔާތުގައި މިރޭ ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ އެ އިންވެސްޓްމަންޓަކީ މީގެ ކުރިން ދުވަހަކު ވެސް ރާއްޖެ އައިސްފައި ނުވާ އަދި މުސްތަގްބަލުގައި ވެސް އެފަދަ އެހެން އިންވެސްޓްމަންޓެއް އައުން ދުރުގައި އޮތްވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި އެ އިންވެސްޓްމަންޓަކީ ކޮބައިކަން ވަރަށް އަވަހަށް ރައީސް ޔާމީން އިއުލާން ކުރައްވާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އެ ހަބަރު އަޅުގަނޑުމެންގެ އޯގާތެރި ރައީސް ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަންނަވާނެ. އެ ހިސާބުން ރައްޔިތުން ބުނާނެ އަސްތަޣުފިރުﷲ އޭ މި ސަރުކާރަކީ ވާވާ ބައެއް ބާވައޭ." ރައީސް ޔާމީން ޝަރަފްވެރިކޮށް ދެއްވި އެ ހަފުލާގައި ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ވަކި ބަޔަކަށް ކަންތައްތަކެއް ކޮށްދިނުމަށް ނޫން ކަމަށާއި އެއްވެސް މީހަކާ މެދު ސަރުކާރުން ތަފާތު ނުކުރާނެ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީނާ އެކު މަސައްކަތް ކުރަން އެމްޑީއޭއިން ނިންމީ ރާއްޖެއަށް ތަރައްގީ ގެނެވޭނީ ރައީސް ޔާމީނަށް އެކަނި ކަމަށްވާތީ ކަމަށެވެ. ނަމަވެސް 2013 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވި އެހެން ބޭފުޅުންނަކީ އެފަދަ ތަރައްގީއެއް ގެނެވޭނެ ބޭފުޅުންނެއް ނޫން ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑަކީ އެ ބޭފުޅުން ވަރަށް ކައިރިން ދަންނަން. އަޅުގަނޑަށް އަދި އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންނަށް ވިސްނުނު ގޮތަކީ ރާއްޖޭގެ ރައްޔިތުންގެ ބޭނުންވަނީ ތަރައްގީކަން. އެހެންވީމާ މި ޕާޓީން ނިންމީ މިހާރު ރައީސް އަބްދުﷲ ޔާމީނާ އެކު ކޯލިޝަން ހަދަން." ސިޔާމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވީ އެމްޑީއޭއަކީ ގާނޫނު އަސާސީގެ ހިމާޔަތުގައި އޮންނާނެ ޕާޓީއެއް ކަމަށާއި ގާނޫނު އަސާސީގެ ދިފާއުގައި މިހާރު ނިކުމެގެން އުޅޭ ފަރާތްތަކަށް ގާނޫނު އަސާސީ ހިމާޔަތް ނުކުރެވޭނެ ކަމަށެވެ. އެ ފަރާތްތަކަކީ ގާނޫނު އަސާސީގެ ބޭރުން އެތައް ކަމެއް ކޮށްފައިވާ ބައެއް ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.