ހަބަރު

ފުލުހުންގެ ނަމުގައި ގުޅިޔަސް އެކައުންޓްގެ މައުލޫމާތު ނުދޭން އަންގައިފި

އޮޅުވާލައިގެން އެކި އެކި ނަންނަމުގައި މީހުންނަށް ގުޅައި ފުލުހުން ކަމަށް ބުނެ ބޭންކް އެކައުންޓުގެ މައުލޫމާތު ހޯދައި އެކައުންޓުގައި ހުންނަ ފައިސާ މަކަރާ ހީލަތުން ހޯދުމަށް މަސައްކަތް ކުރަމުންދާ މައްސަލަތައް ފުލުހުންނަށް ލިބޭ މިންވަރު އިތުރުވާތީ އެކަމަށް ސަމާލުވާން އެދެފި އެވެ.

އޮޅުވާލައިގެން ފުލުހުންގެ ނަންމަތީގައި މީހުންގެ ބޭންކް އެކައުންޓް ތަކުން ވައްކަންކުރާ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ކަންބޮޑުވުން ފާޅުކޮށް މޯލްޑިވްސް ޕޮލިސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައާއި ބޮޑެތި އިންވެސްޓްމަންޓްތަކުގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މަސައްކަތްކުރާ މައްސަލަތައް މިހާރަކަށް އައިސް ފުލުހުންނަށް ހުށަހަޅާ ނިސްބަތް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާއިން ފެށިގެން ފުލުހުންގެ ނަމުގައި އެގޮތަށް ގުޅައިގެން މީހުންގެ އެކައުންޓުން ފައިސާ ނަގާ މައްސަލަތަކެއްވެސް ފެންމަތިވެފައިވާ ކަމަށެވެ.

"ކުރިންވެސް ދަންނަވާފައިވާނެ ފަދައިން މޯލްޑިވްސް ޕޮލިސް ސާވިސްއިން އަދި ވަކިވަކި ފުލުހުންވެސް ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ނޫންނަމަ ތަހުގީގީ ބޭނުމަށް އެއްވެސް މީހަކަށް ފޯނުން ގުޅައި އެމީހެއްގެ އެކައުންޓުގެ މައުލޫމާތު ސާފުކޮށްދޭން ނޭދޭނެއެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ފޭކު ކޯލްތައް އިތުރުވެފައިވާއިރު، ތަކުރާރުކޮށް އެއްވެސް ފަރާތަކުން ޕޮލިސް ސާވިސްގެ ނަމުގައި ނޫންނަމަ ތަހުގީގު ކުރާ ފުލުހުންގެ ނަމުގައި ގުޅައި އެމީހެއްގެ އެކައުންޓުގެ މައުލޫމާތު ހޯދަން އެދުނު ނަމަވެސް އެ މައުލޫމާތު ނުދިނުމަށް އިލްތިމާސް ކުރާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެފަދަ ފައިސާ ހޯދަން ނުދަންނަ ނަމްބަރުތަކުން ގުޅައި ދައްކަމުންދާ ވާހަކަތަކަށް އެއްބާރުލުން ނުދިނުމަށް ވެސް އިލްތިމާސްކުރާ ކަމަށެވެ.