މޫސުން

މިއަދު ވެސް އުދައަރާނެ ކަމަށް ލަފާކުރެވޭ: މެޓް

ވައިގަދަވެ މޫސުން ގޯސްވުމުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާފާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފި އެވެ.

މެޓުން ބުނީ، މެދު ރާއްޖެ ތެރެއިން ފެށިގެން ހުވަދު އަތޮޅާ ދެމެދުގެ ރަށްރަށަށް ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ހެނދުނު 11:45 އިން 15:30 އާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ.

އުދަ އަރާނެ ކަމަށް ލަފާކުރެވޭތީީ ރަށު ފެންވަރުގައި ކުރެވެން ހުރި މަސައްކަތްތައްކޮށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓުން އިލްތިމާސް ކުރައްވަ އެވެ. އަދި ކަނޑު ދަތުރު ކުރުމުގައި ވެސް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރައްވަ އެވެ.

ބޯކޮށް ވިއްސާރަވެހުމުގެ ސަބަބުން ނުވަތަ އުދައެރުމުން އަދި މޫސުން ގޯސްވުމުގެ ސަބަބުން ލިިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން:

  • ގެއަށް ފެން ނުވަންނާނެ ގޮތަށް ވެލިބަސްތާ ޖެއްސުން ފަދަ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުން
  • ގޭގައި ހިފާ ގެންގުޅޭ ތަކެތި އަދި އިލެކްޓްރޯނިކް ތަކެތި ފެނުގެ އަސަރު ނުފޯރާނެ ރައްކާތެރި ތަނެއްގައި ބެހެއްޓުން
  • ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާލުވެ، ހާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާ ގެދޮރު ފަދަ ތަންތަނުގެ ފުރާޅު ފަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން
  • ކޮޅިގަނޑުގައި ގަދަ ވަޔާއެކު ވިއްސާރަ ވެހޭއިރު ރައްކާތެރި އިމާރާތެއްގެ ތެރޭގައި ތިބުމަށް ސަމާލުވުން
  • ކޮޅިގަނޑުގައި ޖެހޭ ވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ވަޔާއި އެއްލާނުލާނެ ގޮތަކަށް ހައްޔަރު ކޮށްފައި ބެހެއްޓުން
  • ކަނޑު ދަތުރުފަތުރު ކުރުވުމުގައި ސަމާލުވުމަށާއި މިކަމާއި ގުޅޭ ގޮތުން ކަމާއިގުޅޭ އިދާރާތަކުންދެއްވާ އިރުޝާދަށް ސަމާލުވުން
  • މޫސުމާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދެއްވާ މަޢުލޫމާތަށް ރައްޔިތުން ސަމާލުވުން