ހަބަރު

ނުވަ ދާއިރާއަކުން ޑިސެބިލިޓީ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ "ޑިސެބިލިޓީ އެވޯޑް" އަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ޑިސެބިލިޓީ އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލުން އިންތިޒާމްކޮށް ކޮންމެ ދެ އަހަރުން އެއް އަހަރު ދޭ އެވޯޑެކެވެ. މިއަހަރު އެ އެވޯޑް ދޭން ނިންމާފައިވަނީ ޖުމްލަ ނުވަ ދާއިރާއަކުންނެވެ.

މިއަހަރު އެވޯޑް ދޭ ދާއިރާތައް:

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތައް
ރާއްޖެއަށް އެކިގޮތްގޮތުން ރީތި ނަން ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމް ފޯރުކޮށްދޭ ފަރާތްތައް
ފަރުދީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާތައް
ފަންނީ ގޮތުން ނުކުޅެދުންތެރިކަމަށް މަސައްކަތްކުރާ ފަރާތްތައް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަކެތި އަދި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދޭ ފަރާތްތައް
ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭގޮތުން ޚަބަރު ފަތުރާ ވަސީލަތްތަކުން ކޮށްދޭ ހިދުމަތް ދޭ ފަރާތްތައް

މި ދާއިރާތަކުން 16 ފަރާތަކަށް އެވޯޑު ދޭނެ އެވެ.

ޖެންޑަ މިނިސްޓްރީން ބުނީ، އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަންނަ މަހުގެ 30އާ ހަމަޔަށް އެވޯޑަށް ފޯމް ހުށަހެޅޭނެ ކަމަށެވެ.

އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ފައިނަލް މީހުން ހޮވާނީ ޖެންޑަ މިނިސްޓްރީއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލުން އެކަމަށް ހަދާފައިވާ މާކްސް ދޭނެ އުސޫލާ އެއްގޮތްވާގޮތުގެ މަތިން، ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކޮށްގެން ކަމަށް ޖެންޑާއިން ބުންޏެވެ. އެކަމަށް އެ މިނިސްޓްރީން ހާއްސަ ކޮމިޓީއެއްވެސް ވަނީ އެކުލަވާލާފަ އެވެ.