މި ސީޒަންގައި ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ޓީސީ ސްޕޯޓްސް ކްލަބްގެ އަމާޒަކީ ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ހޯދުން ކަމަށާއި މިހާރު އެ ޓީމުގައި އޮތް ސްކޮޑާއެކު އެކަން ހާސިލްކުރެވިދާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ޓީސީ ސްޕޯޓްސް އިން ރޭ ނަސަންދުރާ ޕެލެސް ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކްލަބުގެ ރައީސް އަހުމަދު ނާޝިދު (ޑޭވް) ވިދާޅުވީ އެ ކްލަބުގެ އަމާޒަކީ ހަމައެކަނި ފުރަތަމަ ޑިވިޝަންގެ ޖާގަ ދިފާއުކުރުމަށް ވުރެ ބޮޑަށް، ގަދަ ހަތަރަކުން ޖާގަ ހޯދުން ކަމަށެވެ.
"މިހާރު މި އޮތް ސްކޮޑާއެކު ސުވާލު އުފެދޭނެ ހަމަ މިހާރު ވެސް ޓީސީގެ އަމާޒަކީ ގަދަ ހަޔަކުން ޖާގަ ހޯދައި ރެލިގޭޝަނުން ސަލާމަތްވުން ބާއޭ. އަޅުގަނޑުމެންގެ އަމާޒަކީ ގަދަ ހަތަރަކުން ޖާގަ ހޯދައި، ޕްރެޒިޑެންޓްސް ކަޕުން ޖާގަ ހޯދުން،" ޑޭވް ބުންޏެވެ.
ޓީސީން ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ފުރަތަމަ ޑިވިޝަނަަށް ނުކުންނަނީ ރަނގަޅު ސްކޮޑަކާއެކު އެވެ. މާޒިޔާ އަށް ކުރިން ކުޅުނު ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު އިމްރާނާއި ބީީޖީ ސްޕޯޓްސް އާއި ނިއު ރޭޑިއަންޓްގެ ކުރީގެ ޑިފެންޑަރު ކުދޫސް ކެލާނީ އާއި ބީޖީގެ މުހައްމަދު ސަމާހު އާއި މުހައްމަދު އައްޒާމް އާއި ވެލެންސިއާ އާއި މާޒިޔާގެ ކުރީގެ ޑިފެންޑަރު އަލީ އިމްރާން އަދި ވިކްޓަރީ އަހުމަދު ފައްރާހު ހިމެނެ އެވެ.
މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުން ޓީސީ އިން މިއަދު ހަވީރު އެ ޓީމުގެ ފަރިތަކުރުންތައް ފަށާނެ އެވެ.
ޑޭވް ވިދާޅުވީ އެ ޓީމުގެ ފަރިތަކުރުންތައް މިއަދު ފަށާއިރު، މި ވަގުތު މާލޭގައި ތިބި ކުޅުންތެރިންނާއެކު ދެން ބައިވެރިވާނީ ޓްރައިލްގައި ބައިވެރިވާ ކުޅުންތެރިން ކަމަށެވެ. އަދި ޓްރައިލްގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ކުޅުންތެރިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ޓްރައިލްގައި ބައިވެރިވާ ކުޅުންތެރިންގެ ތެރެއިން 10 ވަރަކަށް ކުޅުންތެރިން ޓީމަށް ނަގަން ބޭނުންވާ ކަމަށެވެ.
"މިދިޔަ އަހަރު (ދެވަނަ ޑިވިޝަން)ގައި ކޯޗަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ބަދަލުކޮށްލާނެ ކުުންތެރިއެއް ނެތުން. އެހެންވީމަ މި ފަހަރު ޓްރައިލް އިން 10 ވަރަކަށް ކުޅުންތެރިން ނަގާފައި، ސްކޮޑް ބޮޑުކޮށްލަން ބޭނުންވަނީ،" ޑޭވް ބުންޏެވެ.
ޑޭވް ވިދާޅުވީ މިހާރު ކޮންޓުރެކްޓްގައި ތިބި ހުރިހާ ކުޅުންތެރިންނާއެކު، އެ ޓީމުގެ ފަރިތަކުރުންތައް ރަސްމީކޮށް ފަށާނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.