ޗައިނާ

މޯލްޑިވްސް-ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން އިފްތިތާހުކޮށްފި

މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަން (އެމްސީޓީސީއޯ) އިފްތިތާހުކޮށްފި އެވެ. މި އޯގަނައިޒޭޝަނަކީ ރާއްޖޭގައި ޗައިނާގެ އެމްބަސީ ގާއިމުކުރި ފަހުން ރަޖިސްޓާކުރި ފުރަތަމަ ޗައިނާ - މޯލްޑިވްސް އެންޖީއޯ އެވެ.

މިރޭ ބިލަބޮންގް ހައިސްކޫލްގައި އޮތް ރަސްމިއްޔާތެއްގައި މި ޖަމިއްޔާ އިފްތިތާހު ކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. ޖަމިއްޔާގެ ހޮނޮރަރީ ރައީސަކީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

ޖަމިއްޔާގެ ތައާރަފެއް ދެއްވަމުން ޖަމިއްޔާގެ ރައީސް އަހުމަދު މުސްތަފާ ވިދާޅުވީ، ރާއްޖެ އާއި ޗައިނާގެ ގުޅުމަކީ ތާރީހީ ގުޅުމެއް ކަމަށާއި، މި ގުޅުން އިތުރަށް ކުރިއަށް ދާނެ ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށެވެ. މިފަދަ ޖަމިއްޔާއެއް އުފެއްދުމުގެ ޝައުގުވެރިކަން އުފެދުނީ އެ ސަބަބާހުރެ ކަމަށެވެ. ޖަމިއްޔާގެ ބޭނުމަކީ ރާއްޖެއިން ޗައިނާއަށްދާ ވިޔަފާރިވެރިންނަށް އެހީވެ ދިނުމާއި ޗައިނާއިން ރާއްޖެއަށް އަންނަ ވިޔަފާރިވެރިންނަށް އެހީވެދިނުން ކަމަށް މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ އިތުރަށް ވިދާޅުވީ، ސަގާފީގޮތުން ގުޅުން އިތުރަށް ބަދަހިކޮށް، ސަގާފީ ކަންކަން ދެ ގައުމުގެ ދެމެދުގައި ބޭއްވުމަކީ ވެސް މި ޖަމިއްޔާގެ މަގުސަދެއް ކަމަށެެވެ. ޗައިނާގެ ބަސް ކިޔަވައިދިނުމުގެ މަސައްކަތް ވެސް ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަމިއްޔާގެ މަސައްކަތްތަކާ ގުޅޭ ގޮތުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަމިއްޔާގެ ޖެނަރަލް ސެކްރެޓްރީ، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވީ، ޗައިނާގެ ޓޫރިސްޓުންނަށް އިތުރަށް ފަސޭހަވާނެ ގޮތްތައް ހޯދުމަށް ޓޫރިސްޓް ފުލުހުންނާ ޖަމިއްޔާއިން ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ސްރީލަންކާގެ މިފަދަ ޒަމާންމީ ޖަމިއްޔާއަކާ އެކު އެމްއޯޔޫއެއްގައި ސޮއިކުރުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށް ރިފާއު ވިދާޅުވި އެވެ. އެއީ އެ ޖަމިއްޔާގެ ތަޖުރިބާ ހޯދުމަށް ކަމަށް ވިދާޅުވި އެވެ.

ރިފާއު ވިދާޅުވީ، ވަރަށް އަވަހަށް ޖަމިއްޔާގެ އޮފީހެއް ޗައިނާގެ ބެލްޖިންގައި ވެސް ހުޅުވޭނެ ކަމަށެވެ. އެ އޮފީސް ހުޅުވުމާއެކު ޖަމިއްޔާގެ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

މި ޖަމިއްޔާއަކީ މިދިޔަ އޮގަސްޓް މަހު ރަޖިސްޓާކުރެވުނު ޖަމިއްޔާއެކެވެ. ޖަމިއްޔާ ރަސްމީކޮށް މިރޭ އިފްތިތާހުކޮށްފައިވީ ނަމަވެސް މީގެކުރިން ވެސް ޖަމިއްޔާއިން ވަނީ ބައެއް ހަރަކާތްތައް ބާއްވާފަ އެވެ.