ފެން ބޮޑުވުން

ވިލާތަކުގެ ބާރު ގަދަވެ އުފެދުނު ތޫފާނުގެ ނަމަކަށް "ރޯނު"

May 19, 2016
2
  • ތޫފާން މިހާރު އޮތީ ބަންގާޅު ކަނޑުގައި
  • ރާއްޖޭގެ ރޯނު ނަކަތް ފަށާނީ މާދަމާ
  • ރޯނު ނަތަކު ވިއްސާރައަކީ ގަދަ ވިއްސާރައެއް

މިހާރުގެ ކުރާ ވިއްސާރައިގެ ވިލާތަކުގެ ބާރު ގަދަވެ އުފެދުނު ތޫފާނަށް "ރޯނު" ގެ ނަންދީފި އެވެ. ރޯނު ތޫފާން މިހާރު ދަތުރު ކުރަމުން ދަނީ ރާއްޖެއިން ނެއްޓި ބޭ އޮފް ބޭންގޯލް އަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިރޮލޮޖީން ބުނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ އިރުމަތީ ފަރާތުގައި އުދެފުނު ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ތޫފާނަކަށް ބަދަލުވެފައިވާ ކަމަށެވެ.

މި ތޫފާނަށް "ރޯނު" ނަން ދިން އިރު، ރޯނު މި ނަމަކީ ހުޅަނގު މޫސުމުގެ ނަކަތެވެ. ކެތި ނަކަތް ނިމި މި އަހަރުގެ ރޯނު ނަކަތް ފަށާނީ މާދަމާ އެވެ. ރޯނު ނަކަތު ވިއްސާރައަކީ އަބަދުވެސް ރާއްޖޭގައި ގަދަފަދަ މަޝްހޫރު ވިއްސާރައެކެވެ. ރޯނު ނަކަތަކީ ހުޅަނގު މޫސުމުގެ ހަތަރު ވަނަ ނަކަތެވެ.

ރާއްޖެ އާއި އަވަށްޓެރި ސްރީލަންކާއަށް ކުރާ ގަަދަ ވިއްސާރައިގެ ވިލާގަނޑު ފުރަތަމަ އުފެދުނީ ރާއްޖޭގެ އިރުމަތިން މި މަހު ނުވައެއްގަ އެވެ. އެ ވިއްސާރަ ވިލާތައް މަޑުމަޑުން އުތުރަށް ޖެހެމުން ގޮސް މިހާރު ސްރީ ލަންކާ މަތިން ނެއްޓި އިންޑިޔާގެ މަތިން އުތުރަށް ބޭ އޮފް ބެންގާލްއަށް ދަތުރު ކުރުމަށްފަހު އިތުރަށް ބާރުގަދަވެ ސައިކްލޯން އަކަށް ބަދަލުވެފައިވެ އެވެ.

"ވިލާގަނޑު މިހާރު ސްރީ ލަންކާއަށް ވުރެ އުތުރަށް ދަތުރުކޮށްފައިވީ ނަމަވެސް އެއާ ގުޅިގެން ވަރަށް ބޮޑު ސަރަހައްދަކަށް އޭގެ އަސަރު ކުރަމުންދާނެ. އެގޮތުން މި ދުވަސަވަރު ރާއްޖެއަށް ވެސް މޫސުން ގޯސްވެގެން މިއުޅެނީ. ނަމަވެސް އެ ވިލާތައް ދުރަށް ދާވަރަކަށް އޭގެ ބާރު ކެނޑި މޫސުން ރަނގަޅަމުން އަންނާނެ ކުރިޔަށް އޮތް ދެދުވަހެއް ތެރޭގައި ރާއްޖެއަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ،" ޑިރެކްޓާ މީޓީއޮރޮލޮޖީ، އަހުމަދު ރަޝީދު ވިދާޅުވި އެވެ.

މޫސުމާބެހޭ އިދާރާއިން މިއަދު ބުނެފައި ވަނީ ރާއްޖޭގެ އިރުމަތީ ފަރާތުގައި އުފެދުނު ކޮޅިގަނޑު މަޑުމަޑުން އުތުރަށް ދަތުރުކޮށް ސުރީލަންކާ ފަހަނައަޅާ އިންޑިއާގެ އިރުމަތީ އައްސޭރި ފަށާ ކައިރިން ދަތުރުކޮށްފައިވާ ކަމަށެވެ.

މޫސުން ގޯސްވެ ރާއްޖެއަށް ކުރާ ވިއްސާރާގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ގަދަ ވިއްސާރަކޮށްފައިވާރު، 15 ވަރަކަށް ރަށަށް ގެއްލުންތައް ލިބުނު އިރު އޭގެތެރެއިން ބައެއް ރަށް ރަށަށް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. އަދި 40 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.

ގެއްލުން ލިބުނު ރަށްތައް

ތިމަރަފުށި
ހިރިލަންދޫ
ވޭމަންޑޫ
ކިނބިދޫ
މުލި
ވިލިނގިލި
އުކުޅަސް
ކުނަހަންދޫ
ފޮނަދޫ
ގަން
ފޭދޫ
ހިތަދޫ
މީދޫ
ކުޑަހުވަދޫ
ބޮޑުފުޅަދޫ

ވިއްސާރާގައި ރާއްޖެއިން އެންމެ ބޯކޮށް ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވުނު ރަށްތަކުގެ ތެރޭގައި ހިމެނެނީ 170 މިލިމީޓަރުގެ ވާރޭ ވެހުނު ތ. ވޭމަންޑޫ އާއި 107 މިލިމީޓަރުގެ ވާރޭ ވެހުނު ލ. ކައްދޫ އާއި 91 މިލިމީޓަރުގެ ވާރޭ ވެހުނު ހުޅުލެއެ އެވެ.