ފެން ބޮޑުވުން

މ. ގެ ތިން ރަށެއްގައި ފެން ބޮޑުވެއްްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއެކު މ. އަތޮޅުގެ ތިން ރަށެއްގައި ފެން ބޮޑުވެއްޖެ އެވެ.

ފެން ބޮޑުވެފައި ވަނީ މުއްޔާއި މުލަކު އަދި ވޭވަށުގަ އެވެ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލު އަވަސްއަށް ވިދާޅުވީ ރެއިންސުރެ އެ ތިން ރަަށަށް ވަރަށް ބޯކޮށް ވާރޭ ވެހެމުންދާ ކަމަށާއި އަދި މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެން ވަންނަމުންދާ ކަމަށެވެ.

ފެން ބޮޑުވުމުން ކައުންސިލް އިދާރާއާއި އާންމުން ގުޅިގެން ފެން ހިންދާ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ފަށާފައިވާއިރު އާރުޑީސީ އާއި އެމްޓީސީސީގެ ފަރާތުން ވެސް ދަނީ އެހީތެރިވަމުން ނެވެ.

ރާއްޖޭގެ މޫސުން ގޯސްވެ ބައެއް އަތޮޅުތަކަށް ލެޔޯ އެލާޓް ވެސް އޮތީ ނެރެފަ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރު އުތުރުން ސްރީލަންކާ ކައިރީގައި ކޮޅިގަނޑެއްގެ އަސަރެވެ. މެޓު އޮފީހުން މީގެ ކުރިން ބުނީ އެ ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެދާނެ ކަމަށެވެ. އެގޮތުން އެކިސަރަހައްދުގައި ވަޔާއި ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.