ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއިދުކޮށް ހައިކޯޓުން އިއްވި ހުކުމް ސްޕްރީމް ކޯޓުގައި އިލްތިމާސްކޮށްފި އެވެ. މި މައްސަލަ ސްޕްރީމް ކޯޓްގައި އިލްތިމާސްކޮށްފައިވަނީ މިއަދެވެ.
ދަށު ކޯޓުން ނާޒިމްގެ މައްޗަށް ޖަލު ހުކުމެއް ކުރީ މާޗް 27، 2015 އިގަ އެވެ. އެ ހުކުމާމެދު ހިތްހަމަ ނުޖެހޭތީ ނާޒިމްގެ ފަރާތްޕުޅުން ހައި ކޯޓްގައި އިސްތިއުނާފު ކުރުމުން ޝަރީއަތް އަލުން ބެލުމަށްފަހު ބެންޗުން ނިންމީ ދަށު ކޯޓްގެ ހުކުމް ރަނގަޅު ކަމަށެވެ.
"ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު ކްރިމިނަލް ކޯޓުގެ ނަންބަރު 137/Cr-C/2015 ގަޒިއްޔާގައި ކުރައްވާފައިވާ ހުކުމް އިސްތިއުނާފުކުރުމަށް މ. ސީނުކަރަންކާގެ/ މުހައްމަދު ނާޒިމުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ގަޒިއްޔާގައި ކުރައްވާފައިވާ ހުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއްނެތް ކަމަށް މި ގަޒިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުގުން ކަނޑައަޅައި އެގޮތުގެމަތިން ހުކުމްކޮށްފީމެވެ،" ހައިކޯޓުން އިއްވި ހުކުމުގައިވެ އެވެ.
ދަށު ކޯޓުން ނާޒިމަށް ހުކުމް އިއްވި އިރު ބުނެފައި ވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ޝަރީއަތުގައި ސާބިތުކޮށް ދެއްވިފައި ނުވާ ކަމަށެވެ.
ހައިކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ނާޒިމުގެ ހިޔާޒަތުގެ ދަށުގައި ހަނގުރާމަވެރި ހަތިޔާރު ހުއްޓާ ފެނުމުގެ ކުށުގައި އުފުލިފައިވާ ދައުވާއެއް ކަމުގައިވާއިރު، މި މައްސަލާގައި ދައުލަތުން ސާބިތުކޮށް ދޭންޖެހެނީ، ނާޒިމް ދިރިއުޅޭ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނުކަމާއި، އެހަތިޔާރު ގެންގުޅުން ނުވަތަ ބެހެއްޓުން ގާނޫނުން މަނާކޮށްފައިވުންކަން ކަމާއި، މިބާވަތުގެ މައްސަލަތަކަކީ މުތްލަގު މަސްއޫލިއްޔަތު އުފުލަންޖެހޭ ޒާތުގެ ކުށެއްކަމުން ހަނގުރާމަވެރި ހަތިޔާރު ނާޒިމްގެ ހިޔާޒަތުގެ ދަށަށް އައިގޮތެއް ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ ނާޒިމް ކަމާއި، މި ހާލަތުގައި މިތަކެތި ނާޒިމުގެ ހިޔާޒަތުގެ ދަށަށް އައިގޮތެއް އަދި މިތަކެތީގެ ޒިންމާ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން އުފުލަންޖެހޭ އެހެން ފަރާތެއް ނާޒިމަށް ނުދެއްކޭހާ ހިނދަކު، އެތަކެއްޗާއި މެދު ޝަރީއަތާއި ގާނޫނުގެ ކުރިމަތީގައި ޖަވާބުދާރީވެ، ޒިންމާ އުފުލަ ންޖެހޭ ފަރާތަކީ، މިތަކެތި އެމީހެއްގެ ހިޔާޒަތުގެ ތެރެއިން ފެނުނު މީހާ ކަމަށެވެ.
ނާޒިމްގެ ވަކީލުންގެ ނިއުސް ކޮންފަރެންގައި ނާޒިމުގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު މިއަދު ވިދާޅުވީ ގ. އެނިފްގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ހަތިޔާރު ވެއްދި މީހަކު މިހާރު ހޯދިފައިވާ ކަމަށެވެ. ނަމަވެސް ނާޒިމްގެ އެޕާޓްމަންޓަށް ހަތިޔާރު ވެއްދި މީހެއްގެ ނަމެއް ސުއޫދު ވިދާޅެއް ނުވެއެވެ. ސުއޫދު ވިދާޅުވީ ނާޒިމްގެ އެޕާޓްމަންޓަށް ހަތިޔާރު ވެއްދި މީހެއްގެ މައުލޫމާތު ލިބިވަޑައިގަތީ މިވަގުތު ގޭބަންދުގައި ހުންނެވި ނާޒިމަށް ކަމަށާއި ގާނޫނީ ޓީމަށް ނާޒިމު އެމައުލޫމާތު ހިއްސާކުރައްވާފައިވާ ކަމަށެެވެ. އެމީހާއާ ބެހޭ މައުލޫމާތު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.