ހަބަރު

ކާނަލް ނާޒިމްގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ގެއިން ފިސްތޯލައެއް ފެނުނު މައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިރޭ ބާތިލްކޮށްފި އެވެ.

ކުރީގެ މިނިސްޓަރު ނާޒިމް ދިރިއުޅޭ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ނާޒިމްގެ ފަރާތުން އިސްތިއުފާކުރުމުން 2016 ވަނަ އަހަރުގެ ތެރޭގައި އެ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.

އޭގެ ފަހުން ނާޒިމްގެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރުމުން ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކުރި ނިންމި ނިންމުން ރިވިއުކޮށް ދޭން އެދުނެވެ. އަދީބު ވެސް ވަނީ ކަން ހިނގި ގޮތް ސުޕްރީމް ކޯޓުގައި ކިޔައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން އޮތީ ގޮތެއް ނުނިންމަ އެވެ.

ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގެ ހުކުމް ރިވިއުކޮށް ދޭން ހުށަހެޅުއްވި މައްސަލާގައި ޝަރީއަތް ހިންގުމަށްފަހު މިރޭ އިއްވި ހުކުމްގައި، ނާޒިމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި އެންމެ ބޮޑު ސަބަބަކީ ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާތީ އެވެ.

ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ، ފިސްތޯލައިން ފެނުނު ޑީއެންއޭގެ މޭޖާ ކޮންޕޯނެންޓް އަދީބާ ދިމާވުމަކީ ނާޒިމްގެ ގެއިން ފެނުނު ތަކެއްޗާ އެހެން މީހަކާ ގުޅުމެއްވާ ކަމުގެ ދަލީލެއް ކަމަށެވެ. އަދި، އެ ހެއްކަކީ އެ މައްސަލާގައި ނާޒިމް ފާހަގަ ކުރައްވަމުން ގެންދެވި، އޭނާ ފްރޭމް ކުރި ކަމަށް ވިދާޅުވާ ވިދާޅުވުމަށް ބާރު ލިބޭ ކަމެއް ކަމަށެވެ.

އޭގެއިތުރުން ނާޒިމްގެ ގެއިން ފެނުނު ފިސްތޯލަ އާއި ތިން ވަޒަނަކީ އޭނާގެ އެއްޗެއްކަން ސާބިތު ކުރެވޭނެ އެކަށީގެންވާ ހެކި ވެސް ދައުލަތަށް ދެއްކިފައި ނެތް ކަމަށް ހުކުމްގައި ފާހަގަކުރި އެވެ. އެގޮތުން އެ ތަކެއްޗާއި ނާޒިމްއާ ގުޅުމެއްވާ ކަމަށް ބުނެ ހެކީގެ ގޮތުގައި ހުށަހެޅި ޕެން ޑްރައިވާއި އޭގެ އެނާލިސިސް ރިޕޯޓުން އެއްވެސް ކަމެއް ސާފުނުވާ ކަމަށް ބުންޏެވެ.

މައްސަލާގައި ނާޒިމްގެ ގެއަށް ފުލުހުން ދޮރު ވައްޓާލުމަށް ވަނުމުގައި ވެސް އަމަލުކޮށްފައިވަނީ ގޯސްކޮށް ކަމަށް ހުކުމްގައި ފާހަގަކުރި އެވެ. އެގޮތުން އެފަދަ އޮޕަރޭޝަނެއް ހިންގުމުގައި ފުލުހުން އަމަލު ކުރަން ޖެހޭ ގަވައިދުތަކުގައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކޮށްފައިވާކަން އެ ގެއަށް ވަތް ފުލުހުންނަށް ޝަރީއަތަށް ކަށަވަރުކޮށް ދެވިފައިނުވާ ކަމަށް ހުކުމްގައިވެ އެވެ. އަދި، އެ ގެއަށް ދަބަހެއް ހިފައިގެން ފުލުހުން ވަތް ކަމަށާއި އޭނާ އެނބުރި ދިޔައީ އެ ދަބަސް ހިފައިގެން ކަމެއް ވެސް ކަށަވަރު ނުވާ ކަމަށެވެ. ފުލުހުން އެ ގެއަށް ވެއްދި އެވިޑެންސް ބޭގް ތެރޭގައި ވެސް އެއްޗެއް ނެތްކަން ކަށަވަރުކޮށް ދިނުމަށް އެ ބޭގް އެތަނުގައި ތިބި މީހުންނަށް ދައްކާފައި ނެތްކަން ހުކުމްގައިވެ އެވެ.

އޭގެއިތުރުން ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައަކީ އެމްއެންޑީއެފްގެ އެއްޗެއް ނޫން ކަމަށް ބުނެ އެ ތަނުން ފޮނުވާފައިވާ ސިޓީއިން ވެސް ނާޒިމްއާ ދެކޮޅަށް އެއްވެސް ކަމެއް ސާބިތުނުވާ ކަމަށް ހުކުމްގައި ބުންޏެވެ. އެގޮތުން އެ ސިޓީގައި ވަނީ އެ ތަކެއްޗަކީ ސިފައިންގެ ތަކެތި ނޫން ކަމަށް އެކަނި ކަމަށާއި އެ ތަކެއްޗަކާ ނާޒިމް އެއްވެސް ގުޅުމެއްވާކަން އެ ސިޓީއިން ވެސް ނޭނގޭ ކަމަށެވެ.

އެހެން އެ ކަންކަން ހުރުމުން ކުރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭކަން ސުޕްރީމް ކޯޓުން ފާހަގަ ކުރި އެވެ. އެ މައްސަލާގައި އެ ދެ ކޯޓުގެ ހުކުމަކީ ގާނޫނީ އަދި ޝަރުއީ ގޮތުން ގޯސް ހުކުމެއް ކަމަށް ކަނޑައަޅައި އެ ހުކުމް ބާތިލްލުރި އެވެ. އަދި ނާޒިމަކީ އެ ކުށް ސާބިތު ނުވާ ބޭފުޅެއްގެ ގޮތުގައި ނިންމެވި އެވެ. ހުކުމް އިއްވަމުން ގެންދެވި ނާޒިމް ކީރިތި ކުރައްވަމުން ގެންދެވި އެވެ.

މި މައްސަލަ ބައްލަވާފައިވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ.