ހަބަރު

ދެ ނާޒިމްގެ މައްސަލާގައި މިއަދު ހުކުމް ކުރަނީ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް މައްސަލާގައި މިއަދު ހަވީރު ހުކުމް ކުރުމަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފި އެވެ.

ދެ ނާޒިމްގެ މައްސަލާގައި ވެސް މީގެކުރިން ވަނީ ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ބާއްވާފަ އެވެ. އެއް އަޑުއެހުމުން ވަނީ އަޑުއެހުންތައް ނިންމާލައި ހުކުމް އިއްވުމަށް ތައްޔާރުވެފަ އެވެ. އެއީ މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ.

ދެ މައްސަލާގައި މިއަދު ހުކުމް އިއްވާއިރު ސުޕްރީމް ކޯޓު އޮތީ ރިސެސްގަ އެވެ. ރިސެސްގަ އޮންނަ މުއްދަތަކީ އާންމުކޮށް މައްސަލަތަކުގެ ޝަރީއަތް ކުރިއަށް ގެންދާ މުއްދަތެއް ނޫނެވެ.

ދެ ނާޒިމްގެ ހުކުމް ރިވިއުކުރަން ހުށަހެޅި މައްސަލާގައި ވަކި ގޮތެއް ކަނޑައެޅެންދެން އެ ދެ ބޭފުޅުންގެ ހުކުމް ތަންފީޒުކުރުން ފަސްކުރަން ވެސް ވަނީ ސުޕްރީމް ކޯޓުން މީގެކުރިން އަމުރުކޮށްފަ އެވެ.

އެ ދެ ބޭފުޅުންގެ ހުކުމް ތަންފީޒުކުރުން ފަސްކުރިއިރު ދެ ބޭފުޅުން ވެސް ތިއްބެވީ ރާއްޖެއިން ބޭރުގަ އެވެ. ކުރީގެ މިނިސްޓަރު ނާޒިމް ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ރިޔާސީ އިންތިހާބަށްފަހު ބޭސްފަރުވާއަށެވެ. ކުރީގެ މެންބަރު ނާޒިމް ރާއްޖެއިން ބޭރަށް ވަޑައިގަތީ ސަރުކާރުން ހުއްދަދީގެން ބޭސްފަރުވާއަކަށް ޓްރެވެލް ޑޮކިއުމެންޓެއްގަ އެވެ. ނަމަވެސް އޭގެ ފަހުން ދެ ބޭފުޅުން ވެސް ވަނީ ރާއްޖެއަށް އެނބުރި ވަޑައިގެންފަ އެވެ.

ކުރީގެ މިނިސްޓަރު ނާޒިމް ދިރިއުޅޭ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ނާޒިމްގެ ފަރާތުން އިސްތިއުފާކުރުމުން 2016 ވަނަ އަހަރުގެ ތެރޭގައި އެ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.

އޭގެ ފަހުން ނާޒިމްގެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރުމުން ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކުރި ނިންމި ނިންމުން ރިވިއުކޮށް ދޭން އެދުނެވެ. އަދީބު ވެސް ވަނީ ކަން ހިނގި ގޮތް ސުޕްރީމް ކޯޓުގައި ކިޔައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން އޮތީ ގޮތެއް ނުނިންމަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވި ނާޒިމް އުމުރު ދުވަހަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުގެ އިއްތިފާގުން 2015 ވަނަ އަހަރު ހުކުމްކުރީ ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަަލައިގެ ތެރެއިން އެއް މައްސަލަ ސާބިތުވުމާ ގުޅިގެންނެވެ.