ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ ހުކުމް ތަންފީޒުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެ ދެ ބޭފުޅުންގެ ހުކުމް ތަންފީޒުކުރުން ފަސްކުރިއިރު ދެ ބޭފުޅުން ވެސް ތިއްބެވީ ރާއްޖެއިން ބޭރުގަ އެވެ. ކުރީގެ މިނިސްޓަރު ނާޒިމް ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ރިޔާސީ އިންތިހާބަށްފަހު ބޭސްފަރުވާއަށެވެ. ކުރީގެ މެންބަރު ނާޒިމް ރާއްޖެއިން ބޭރަށް ވަޑައިގަތީ ސަރުކާރުން ހުއްދަދީގެން ބޭސްފަރުވާއަކަށް ޓްރެވެލް ޑޮކިއުމެންޓެއްގަ އެވެ. ނަމަވެސް ބޭސްފަރުވާއަށް ފޮނުވި ގައުމު ދޫކުރައްވައި ނާޒިމް މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގަ އެވެ.
ކުރީގެ މިނިސްޓަރު ނާޒިމް ދިރިއުޅޭ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ނާޒިމްގެ ފަރާތުން އިސްތިއުފާކުރުމުން 2016 ވަނަ އަހަރުގެ ތެރޭގައި އެ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.
އޭގެ ފަހުން ނާޒިމްގެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރުމުން ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކުރި ނިންމި ނިންމުން ރިވިއުކޮށް ދޭން އެދުނެވެ. އަދީބު ވެސް ވަނީ ކަން ހިނގި ގޮތް ސުޕްރީމް ކޯޓުގައި ކިޔައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން އޮތީ ގޮތެއް ނުނިންމަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމީ ރިވިއުކުރުމުގެ މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ހުކުމް ތަންފީޒުކުރުން ފަސްކުރުމަށާއި އެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން ނާޒިމްގެ މައްޗަށް އެއްވެސް އިދާރާއަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކުރުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވި ނާޒިމް އުމުރު ދުވަހަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުގެ އިއްތިފާގުން 2015 ވަނަ އަހަރު ހުކުމްކުރީ ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަަލައިގެ ތެރެއިން އެއް މައްސަލަ ސާބިތުވުމާއި ގުޅިގެންނެވެ. އޭނާ ވެސް އެ ހުކުމް ރިވުއުކޮށްދޭން އެދިފައިވާތީ ސުޕްރީމް ކޯޓުން މިއަދު ނިންމީ އެ މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ހުކުމް ތަންފީޒުކުރުން ފަސްކުރުމަށާއި އެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން ނާޒިމްގެ މައްޗަށް އެއްވެސް އިދާރާއަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކުރުމަށެވެ.