ހަބަރު

ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމުގައި ދިރާގުން ބައިވެރިވެއްޖެ

ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހައްޖަށާއި އުމްރާއަށް ދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އެކުލަވާލާފައިވާ ސްކީމުގައި ދިރާގުން ބައިވެރިވެއްޖެ އެވެ.

ދިރާގުން އެ ސްކީމްގައި ބައިވެރިވެފައިވާއިރު ސަރުކާރުގެ 13 އޮފީހަކުން މިހާރުވެސް އެ ސްކީމުގައި ވަނީ ބައިވެރިވެފަ އެވެ. ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމަކީ މުވައްޒަފުންގެ މަހު މުސާރައިން ވަކި ވަރެއް އުނިކޮށް ހައްޖާއި އުމްރާއަށް ދާން އެ ފައިސާ ރައްކާކުރުމަށް އެހީތެރިވެދޭ ސްކީމެކެވެ.

އެ ސްކީމުގައި ބައިވެރިވުމަށް މިއަދު ދިރާގުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ފަރާތުން ސްކީމުގައި ބައިވެރިވި ކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ. ހައްޖުކޯޕަރޭޝަންގެ ފަރާތުން މެނޭޖިން ޑިރެކްޓާ ޔާމީން އިދްރީސް އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްމާއިލް ރަޝީދު ވިދާޅުވީ، ސްކީމުގައި ދިރާގުން ބައިވެރިވުމަށް ނިންމީ ހައްޖަށާއި އުމްރާއަށް ދިއުމުގެ ފުރުސަތު މުވައްޒަފުންނަށް ތަނަވަސްކޮށްދިނުމަށް ކަމަށެވެ. ހައްޖާއި އުމްރާއަކީ ވާޖިބު އަޅުކަމަކަށް ވީ ނަމަވެސް، އާދައިގެ ވަޒީފާތަކުގައި އުޅޭ ބައެއް މީހުންނަށް ފައިސާގެ ދަތިކަމާ ހުރެ އެ ފުރުސަތު ގިނަ ފަހަރަށް ނުލިބިފައި އޮންނަ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"ކޮންމެ އަހަރަކު އެއްފަހަރު އަޅުގަނޑުމެންގެ ކުންފުނިން ދެ މުވައްޒަފަކަށް އެބަ ދޭ ހައްޖަށް ދިއުމުގެ ފުރުސަތު. އެހެން ނަމަވެސް އެހެން މުވައްޒަފުންނަކީވެސް އެ ފުރުސަތު ބޭނުންވެފައި ތިބޭ ބައެއް. ނަމަވެސް އެއް ފަހަރާ އެވަރުގެ އަދަދެއް ދައްކަން ޖެހުމުން ގިނަފަހަރަށް ދެވޭ ގޮތް ނުވަނީ. މި ސްކީމުގެ ސަބަބުން މުވައްޒަފުންނަށް ހައްޖަށް ދާން ސޭވް ކުރެވޭނެ،" އިސްމާއިލް ވިދާޅުވި އެވެ.

މި ސްކީމުގައި ބައިވެރިވާ ކޮންމެ މުވައްޒަފަކަށްވެސް އިސްލާމިކް ބޭންކުގައި ސޭވިން އެކައުންޓެއް ހުޅުވޭނެ އެވެ. އެކައުންޓަށް ފުރަތަމަ ލާންޖެހެނީ 500ރ. އެވެ. ނަމަވެސް އޭގެ ފަހުން އެ މުވައްޒަފަކު ބޭނުން އަދަދެއް ޖަމާކުރެވޭނެ އެވެ.

ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޔާމީން ވިދާޅުވީ ސްކީމުގެ ދަށުން ހުޅުވާ އެކައުންޓަށް ފައިސާ ލާންޖެހޭނީ އެމީހަކަށް ވާވަރަކުން ކަމަށެވެ. އެހެންކަމުން އެ ސްކީމުގެ ބޭނުން ހިފުމަށް ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.