ރާއްޖެ ކުޅިވަރު

ޓީސީގައި ރަނގަޅު ކުުޅުމެއް ދަައްކާނަން: ރަފީނިއާ

ޓީސީ ސްޕޯޓްސްގައި ރަނގަޅު ކުޅުމެއް ދައްކާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ނިއު ރޭޑިއަންޓް އިން ދޫކޮށްލި ބްރެޒިލްގެ ފޯވަޑް ރަފީނިއާ ބުންޏެވެ.

މި ސީޒަންގެ ޕީޕަލްސްގައި ކަޕްގައި ނިއު އަށް ކުޅުނު ރަފީނިއާގެ ފަރާތުން އެ މުބާރާތުގައި ރަނގަޅު ކުޅުމެއް ނުފެނުނެވެ. އެ މުބާރާތުގެ ލީގު ބުރުގައި ނިއު ކުޅުނު ތިން މެޗުގައި ވެސް އެ ޓީމުގެ ފުރަތަމަ 11ގައި ރަފީނިއާ ކުޅުނު ނަމަވެސް، އޭނާ އަށް ލަނޑެއް ނުޖެހެ އެވެ. އެ މުބާރާތުގެ ނާކާމިޔާބަށް ފަހު، ނިއު އިން ވަނީ ރަފީނިއާ އާއި އެ ޓީމަށް ކުޅުނު ބްރެޒިލްގެ ފޯވަޑް ސަންތޯސް އަދި ސްޕެއިންގެ ގޯލްކީޕަރު ޕެޑްރޯ މަރެންކޯ ދޫކޮށްލައިފަ އެވެ.

ނިއު އިން ދޫކޮށްލުމުން، ޓީސީ އަށް މިހާރު ސޮއިކޮށްފައިވާ ރަފީނިއާ ބުނީ ނިއުގައި އޭނާ އަށް އެކަށީގެންވާ ވަގުތު ނުލިބުނު ކަމަށެވެ. އަދި ނިއުއާ ގުޅުނީ ތިން މަސް ދުވަހު ނުުޅެ ހުރުމަށް ފަހު ކަމަށާއި ރަނގަޅަށް ފިޓުވެ، ރަނގަޅު ކުޅުމެއް ދެއްކޭނީ ވަގުތު ލިބިގެން ކަމަށެވެ.

"ޕޯޗުގަލްގައި އަހަރެން އެންމެ ފަހުން ކުޅުނީ. ޕޯޗުގަލްގެ ސީޒަން ނިމުުމުން އެނބުރި ބްރެޒިލް އަށް ގޮސް، ތިން މަަސް ދުވަހުގެ ޗުއްޓީއެއް ހޭދަކޮށްލީ. ތިން މަސް ދުވަސް ނުކުޅެ ހުރެފައި، ނިއުއާ ގުޅުނީ. ފިޓުވެ، ރަނގަޅު ކުޅުމެއް ދައްކަން ވަގުތު ބޭނުންވާނެ. އެކަމަކު ނިއުގައި އަހަންނަށް އެ ވަގުތެއް ނުލިބުނު،" ރަފީނިއާ ބުންޏެވެ. "ޓީސީގައި އަހަރެން ބޭނުން އަހަރެންވެ ފެންވަރު ދައްކާލަން. ޓީސީގައި ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް ގަބޫލްކުރެވޭ. ސީޒަން ފެށެން އަދި އެބައޮތް ދުވަސް ކޮޅެއް. އެހެންވީމަ ފިޓުވާން ވެސް ވަގުތު ލިބޭނެ."

ރަފީނިއާ ބުނީ ނިއު އާއި އޭނައާދެމެދު އެއްވެސް މައްސަަލައެއް ނެތް ކަމަށެވެ. އެކަމަކު ނިއުގެ ކޯޗު މިކާ ލޮންސްޓްރޮމްގެ އެ ޓީމު ލައްވާ ކުޅޭ "ސްޓައިލް" އޭނާ އަށް ކަމުނުދާ ކަމަށެވެ.

"ނިއުގެ ކޯޗު ޓީމު ލައްވައި ކުޅުވަނީ ދިގު ބޯޅަތަކެއް ކުރިއަށް ލާ ގޮތަށް. އެއީ އަހަންނަށް ކަމުދާ ގޮތެއް ނޫން. ނިއުއާ އެއްވެސް މައްސަލައެއް ނެތް. އަހަރެން ދެން ބަލާނީ ޓީސީގައި ގިނަ ލަނޑުތަކެއް ޖަހަން،" ރަފީނިއާ ބުންޏެވެ.

މި ސީޒަންގައި ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ޓީސީ ސްޕޯޓްސްގެ ފަރިތަކުރުންތައް މިއަދު ފަށާނެ އެވެ.