މާފުށީ ޖަލު

ޖަލަށް ވައްދަން ލަކުޑީގައި ކަނޑާ ނަގައިގެން ފޯނު ބަންދުކޮށްފައިވާ ފޮށިގަނޑެއް އަތުލައިގެންފި

May 19, 2016
1

މާފުށީގައި ހުންނަ ސަރުކާރުގެ މައި ޖަލަށް ވައްދަން މާލެއިން މާފުށްޓަށް ގެންދަން އުޅުނު ގިނަ އަދަދެއްގެ މޮބައިލް ފޯނާއި އެހެނިހެން ބައެއްތަކެތި ހިމެނޭ ލަކުޑީގެ ތެރޭގައި ބަންދުކޮށްފައިވާ ފޮށިގަނޑެއް އަތުލައިގެންފި އެވެ.

ފުލުހުން އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިތަކެތި އަތުލާފައިވަނީ މާލެއިން މާފުށްޓަށް ބަންދު މީހުން އުފުލާ ފެރީއަށް އަރުވާފައި ހުއްޓައި ކަމަށެވެ.

އޮޅުވާލައިގެން މިތަކެތި މާފުށީ ޖަލަށް ގެންދަން ބަންދުކޮށްފައި ހުރީ ލަކުޑި ޕެލެޓްތަކެއްގެ ތެރޭގައި ލަކުޑިގަނޑު ކަނޑައިގެން އެލަކުޑިގަނޑުގައި ބަންދުކޮށްގެން ގެންދާ ގޮތަށެވެ.

މިއަދު ފުލުހުން އަތުލައިގަތް ތަކެތީގެ ތެރޭގައި މޮބައިލް ފޯނުގެ 44 ފޯނާއި، 36 ޗާޖަރާއި، 26 ސިމްކާޑާއި، ހަ ހެޑް ސެޓާއި ހަ ކާޑްރީޑަރާއި އާއި އެއް ޔޫއެސްބީ ކޭބަލްގެ އިތުރުން ހަތަރު އަތަރު ފުޅި ހިމެނެއެވެ. މިތަކެތީގެ ތެރޭގައި ހަތަރު ސްމާޓް ފޯނުވެސް ހިމެނެއެވެ.

މި ފޮށިގަނޑު އަތުލައިގަތް ނަމަވެސް މިކަމާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުންނެއް ނުބުނެ އެވެ. ނަމަވެސް ފުލުހުން ގެންދަނީ މި މައްސަލަ ބަލައި ތަހުގީގު ކުރަމުންނެވެ.