ފިނިޕޭޖް

މުހައްމާއަށް ކެހި ދިނީ އޮލިމްޕަހާއި މޫސުން!

ޕްރޮޑިއުސަރު މުހައްމާ ނުވަތަ މަޖިލިސް މެމްބަރު މުހައްމަދު އަބްދުﷲ ގެ "ވަފާތެރި ކެހިވެރިޔާ" އަކީ އަހަރުގެ އެންމެ ބޮޑު ފިލްމެވެ. އެކަމަކު އެ ފިލްމުގެ ޝޯތައް ނިންމާލާފައިވާ ގޮތުން އެންމެ ބޮޑު ފިލްމު ނުވަތަ އެންމެ ކާމިޔާބު ފިލްމެކޭ އަދި ބުނެވޭކަށް ނެތެވެ. މުހައްމާ ވެސް ބުނަނީ މިހެންނެވެ.

އެކަމަކު މިވަގުތަށް އޭނާ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އޮލިމްޕަސް ބޭނުންވާހާ ދުވަހަކަށް ނުލިބުމުގެ މައްސަލަ އާއި މޫސުމުގެ މައްސަލަ އެވެ. މުހައްމާ އަށް ކެހިދިނީ އޮލިމްޕަހާއި މޫސުމެވެ.

މުހައްމާ ބުނީ ހައުސްފުލް ހަތް ޝޯ ދެއްކުމަށް ފަހު ފިލްމުގެ ޝޯތައް މެދުކަނޑާލީ އޮލިމްޕަހުގައި މި ދުވަސްކޮޅު އިތުރު ޝޯތަކެއް ދެއްކެން ނެތުމުން ކަމަށެވެ.

"ޖުމްލަކޮށް ބަލާ ނަމަ، އަދި ޝޯތަކެއް އެޅުވިގެން ފިލްމުގެ ބަޖެޓް ކަވަރުވާނީ. އަދި އަޅުގަނޑުމެން ނިންމައެއް ނުލަން. އެކަމަކު އޮލިމްޕަސް ލިބެން ނެތީމަ، ފިލްމު އަޅުވަން ނެގިއިރު ވެސް ނުވަ ދުވަސް ލިބުނީ. ވަދާއީ ތިން ޝޯއެއްވަރު އަޅުވަން އެބަ ގަސްދުކުރަން އަދި،" ފޯނުން ވާހަކަ ދައްކަމުން މުހައްމާ ރޭ ބުންޏެވެ.

މުހައްމާގެ މި ފިލްމަކީ 400،000 ރުފިޔާ އަށް ވުރެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. އޭގެ ތެރެއިން ބޮޑު ބައެއް ހޭދަކޮށްފައި ވަނީ ފިލްމުގެ މާކެޓިން އަށެވެ.

މި ފިލްމުގެ އިތުރު ޝޯތަކެއް ޝްވެކް ސިނަމާގައި ދެއްކުމުގެ މަޝްވަރާތަކެއް ކުރިއަށް ގެންދާ ކަމަށް ވެސް މުހައްމާު ބުންޏެވެ.

"ޝްވެކްގައި ވަދާއީ ޝޯތަކެއް އަޅުވަން ގަސްދުކޮށްގެން މި އުޅެނީ. އަދި ވަކި ތާރީޚެއް ނެތް. އިތުރު ޝޯތަކެއް ދެއްކުން ވަރަށް މުހިންމު.
މޫސުމް ވެސް ގޯސްވުމުން ރަށްތަކުގައި ވެސް ފިލްމު ދެއްކުން ކުރިއަކަށް ނުގެންދެވޭ ބޭނުންވާ ގޮތަކަށް،" މުހައްމާ ބުންޏެވެ.

ބޭނުންވާ ދުވަސްތަކަށް އޮލިމްޕަސް ހޯދުމުގައި ދަތިތަކެއް ހުރިކަން ފާހަގަކޮށް ވާހަކަ ދައްކަމުން މުހައްމާ ބުނީ މި ރޭޓުން ދާ ނަމަ މި އަހަރު އިތުރު ފިލްމެއް ގެނެސްދެވޭނެ ކަމުގެ އުއްމީދު ވެސް ކުޑަ ކަމަށެވެ.

"ކަނޑައެޅިގެން ނުދަންނަވާނަން އޮލިމްޕަސް ނުލިބިގެންނޭ ވެސް. އެކަމަކު ވެސް އެހެން ފަރާތްތަކަށް ސިނަމާ ދޭއިރު އެންސީއޭ އިން ދިވެހި ފިލްމުތަކަށް އިސްކަންދޭނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަނީ،" މުހައްމާ ބުންޏެވެ. "އިތުރު ފިލްމެއް މި އަހަރު ތެރޭގައި ގެނެސްދިނުމުގެ ވިސްނުން އަދިވެސް އެބަހުރި. އެކަމަކު ސިނަމާ ނުލިބޭ ކަމަށް ވަންޏާ ފިލްމު އުފެއްދުމުގެ މާ ބޮޑު ބޭނުމެއް ނެތޭ ވެސް ހިތަށް އަރާ."

ވަފާތެރި ކެހިވެރިޔާ ޑައިރެކްޓްކޮށް ލީޑް ރޯލު ކުޅެފައި ވަނީ އަލީ ސީޒަން އެވެ.