ދުނިޔެ

ގްރީސްގެ އައްސޭރިފަށުން ފެނުނީ އިިޖިޕްޓް އެއާގެ ފްލައިޓެއް ނޫން

އިއްޔެގެ ވަގުތެއްގައި ގެއްލުނު އިޖިޕްޓް އެއާގެ ފްލައިޓް އަދިވެސް ނުފެންނަ ކަމަށް އެ ކަމުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނެފި އެވެ. ރޭ ވަނީ ގްރީސްގެ އައްސޭރިފަށުން އެ ފްލައިޓްގެ ބައިތަކެއް ފެނިފައިވާ ކަމަށް އިޖިޕްޓް އެއާއިން ބުނެފަ އެވެ. ނަމަވެސް އެ ބައިތަކަކީ އެ ފްލައިޓްގެ ބައިތަކެއް ނޫންކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

ގްރީސްގެ ކާޕަތޯސް އައިލެންޑުގައި ހަރަކާތްތެރިވަމުންދާ ގްރީސް، ފްރާންސް، މިސްރު އަދި އިނގިރޭސިވިލާތުގެ އޮފިޝަލުން ބުނެފައިވާ ގޮތުން އެ ސަރަހައްދުން ފެނުނު ލައިފް ޖެކެޓްތަކަކީ އެ ފްލައިޓްގެ އެއްޗެއް ނޫންކަން އެސެސްމެންޓްތަކުން އެނގިފައިވާ ކަމަށެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުން މިސްރުގެ ވެރިރަށް ގާހިރާއަށް 66 މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ފްލައިޓް ވީނުވީއެއް ނޭނގި ގެއްލިފައިވާ ފްލައިޓްގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައިނުވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

މިސުރުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ވިދާޅުވީ މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ބެލެވޭ ކަމަށާޢި ނަމަވެސް ވަކި ގޮތެއް ޔަގީންވާނީ ބޯޓްގެ ބްލެކް ބޮކްސް ހޯދިގެނެވެ. ގްރީސްގެ ޑިފެންސް މިނިސްޓަރު ވަނީ ފްލައިޓު ވެއްޓުމުގެ ކުރިން ދެފަހަރު އަނބުރާލާފައިވާ ކަމަށް ކުރިން ވިދާޅުވެފަ އެވެ. ޕާނޯސް ކަމެނޯސް ވިދާޅުވީ އެއާބަސް އޭ320 ފުރަތަމަ ފަހަރު ވާތަށް ދެން ދެވަނަ ފަހަރަށް ކަނާއަތަށް އަޅާލިކަމަށާއި އެއަށް ފަހު ވަނީ ރާޑަރުން ގެއްލިފައިވާ ކަމަށެވެ.

މީހުން ހޯދުމަށް ގްރީސް އާއި މިސުރާއި ފްރާންސް އަދި އިނގިރޭސިވިލާތުގެ ނޭވީ އިން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފަ އެވެ.