ހަބަރު

އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ޕާކިސްތާނާ މަޝްވަރާކޮށްފި

ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ފުޅާ ދާއިރާއެއްގައި ޕާކިސްތާނާއެކު ރާއްޖެއިން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް އޮތީ، މިމަހުގެ 18 އިން 19 އަށް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި ދެވަނަ ސްޓާފް ޓޯކްސްގަ އެވެ. މި ޓޯކްސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެލެއްވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދެވެ.

ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދުގެ މިދަތުރުފުޅުގައި، ދެ ގައުމުގެ އަސްކަރިއްޔާގެ ގުޅުން ބަދަހި ކުރުމާއި ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

މި ދަތުރުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދުގެ އަރިހުގައި، އެމްއެންޑީއެފްގެ ޕްރިންސިޕަލް ޑައިރެކްޓާ އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިން ކާނަލް ހާމިދު ޝަފީގާއި ކެޕްޓަން މުހައްމަދު ފަހުމީ ބައިވެރިވެލެއްވި އެވެ. މި ދަތުރު ނިންމާލުމަށްފަހު މި ވަފުދު މިއަދު މެންދުރުފަހު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.