މުހައްމަދު ނާޒިމް

ސޮއި ދިމާނުވާތީ ނާޒިމްގެ މައްސަލަ އަނބުރާ ފޮނުވާލައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރި މައްސަލަ، އެ ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް މިއަދު ވިދާޅުވީ، އެ މައްސަލަ ސުޕްރީމް ކޯޓުން އަނބުރާ ފޮނުވާލާފައިވާ ކަމަށާއި މައްސަލަ އަނބުރާ ފޮނުވާލީ އައިޑީކާޑުގައިވާ ނާޒިމްގެ ސޮޔާއި ދައުވާ ފޯމްގައިވާ ސޮއި ދިމާނުވާތީ ކަމަށެވެ. އެކަން އިސްލާހުކުރުމަށްފަހު މާދަމާ އަލުން މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަށް ނާޒިމްގެ މައްސަލަ ހުށަހަޅާފައިވަނީ އިތުރު ހެކިތަކާއެކު އެވެ. ނާޒިމުގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެފައިވަނީ، ނާޒިމްގެ ގެއިން ފެނުނު ފިސްތޯލް އެގެއަށް ވެއްދީ ކާކުކަން ނާޒިމަށް ސާބިތުކޮށްދެވިފައިނުވާތީ އޭގެ ޒިންމާ ނަގަން ޖެހޭނީ ނާޒިމް ކަމަށް ދަށު ކޯޓުން ނިންމާފައިވާ ކަމަށެވެ. ސުއޫދު ވިދާޅުވީ، އެ ފިސްތޯލް ވެއްދި މީހާ ހޯދިފައިވާ ކަމަށެވެ. ނަމަވެސް ނާޒިމްގެ އެޕާޓްމަންޓަށް ހަތިޔާރު ވެއްދި މީހެއްގެ ނަމެއް ސުއޫދު ވިދާޅެއް ނުވެއެވެ. ސުއޫދު ވިދާޅުވީ ނާޒިމްގެ އެޕާޓްމަންޓަށް ހަތިޔާރު ވެއްދި މީހެއްގެ މައުލޫމާތު ލިބިވަޑައިގަތީ މިވަގުތު ގޭބަންދުގައި ހުންނެވި ނާޒިމަށް ކަމަށާއި ގާނޫނީ ޓީމަށް ނާޒިމު އެމައުލޫމާތު ހިއްސާކުރައްވާފައިވާ ކަމަށެެވެ.

ސުއޫދު ވިދާޅުވީ، އެ މީހާއާ ބެހޭ މައުލޫމާތު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ހެއްކެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހާޒިރުކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ. އެމީހާއަކީ ދަށު ކޯޓަށް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ މީހެއް ނޫނެވެ. އާންމު އުސޫލުގެ ދަށުން ދަށު ކޯޓަށް ހުށަނާޅާ ހެއްކެއް ސުޕްރީމް ކޯޓަށް ހުށައެއް ނޭޅެ އެވެ. ނަމަވެސް ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމާއި ރިޔާސީ އިންތިހާބުގެ މައްސަލާގައި ސުޕްރީމް ކޯޓަށް ހެކި ހުށަހަޅައިގެން ޝަރީއަތް ކުރިއަށް ގެންގޮސްފައިވެ އެވެ.