އެޗްޕީއޭ

މަސް މާރުކޭޓާއި ހޮޓާތަކުގެ އިންސްޕެކްޝަން އެޗްޕީއޭއިން ހަރުކަށި ކުރަނީ

  • އާ ގަވާއިދެއް އެކަމަށް އެކުލަވާލައި ގެޒެޓް ކުރާނެ
  • މަސްމާރުކޭޓްގެ ރައްކާތެރިކަން ކަށަވަރުކުރާނެ
  • އިންސްޕެކްޝަންތައް ކުރާ އަދަދު އިތުރު ކުރާނެ

މަސް މާރުކޭޓާއި، ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނުގެ ސިއްހީ ރައްކާތެރިކަން ސުޕަވައިޒް ކުރުމުގެ މަސައްކަތް ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަރުކަށި އުސޫލުތަކަކާ އެކު އާ ގަވާއިދެއް އެކުލަވާލަން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކާބޯތަކެތި ވިއްކާ ތަންތަނުގެ އާންމު ސާފުތާހިރުކަމުގެ މިންގަނޑު ވަޒަންކުރުމާއި އެ މިންގަނޑުގެ ތެރެއަށް އެފަދަ ތަންތަން ފެއްތުމުގެ މަސައްކަތަކީ އެޗްޕީއޭގެ މޭންޑޭޓުގެ ތެރެއިން މިހާތަނަށް ވެސް ކުރަމުން އައި ކަމެކެވެ. ނަމަވެސް އެކަމަށް އާ ގަވާއިދެއް އެކުލަވާލަން ނިންމައި އެ މަސައްކަތް ފެށީ ކާބޯތަކެތި ވިއްކާ ތަންތަނުގެ ސާފުތާހިރުކަން އިންސްޕެކްޓް ކުރުމަށް އެ އެޖެންސީން ފަށާފައިވާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، މަސް މާރުކޭޓް ފަދަ ތަންތަނުގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، އެފަދަ ތަންތަން އިންސްޕެކްޓް ކުރުމަށް އާ ގަވާއިދެއް މިހާރު ޑްރާފްޓު ކުރަން ފަށާފައިވާ ކަމަށެވެ. ކުރިއަށް އޮތް ދެ މަހެއްހައި ދުވަހުގެ ތެރޭގައި އެ ގަވާއިދު ޑްރާފްޓުކޮށް ނިންމައި ގެޒެޓް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އޭރުން މިހާރަށްވުރެ ބޮޑަށް މާރުކޭޓާއި އަދި އެނޫންވެސް އެފަދަ ހިދުމަތްދޭ ތަންތަނުގެ ސިއްހީ ރައްކާތެރިކަން ދެމެހެއްޓުމަށް މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށް ނާސިރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އުންމީދުކުރަނީ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ޑްރާފްޓް ނިންމާލެވޭނެ ކަމަށް. އެއަށްފަހު ގަވާއިދު ގެޒެޓް ކޮށް އެއާ އެއްގޮތަށް ތަންތަން އިންސްޕެކްޓް ކުރުމުގެ މަސައްކަތް ފެށިގެންދާނެ،" ނާސިރު ވިދާޅުވި އެވެ.

އެ ގަވާއިދު ޑްރާފްޓް ކުރަމުން ދަނީ، މަސްމާރުކޭޓުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް އާންމުންނަށް ރައްކާތެރި މިންވަރެއްގައި ހިފެހެއްޓުމަށް ބޮޑު ސަމާލުކަމެއްދީގެން ކަމަށް ނާސިރު ވިދާޅުވި އެވެ. އެތަނުގައި މަސް ގެންގުޅޭ ގޮތާއި، މަސްތައް އެޅުމަށް ބޭނުންކުރާ ކޮންޓެއިނާތަކުގެ ސާފުތާހިރު ކަމާއި، މަސް ކަނޑައި ސާފުކުރުމަށް ބޭނުންކުރާ ފެނުގެ ސާފުތާހިރު ކަމާއި، އެތަނުގައި މަސައްކަތްކުރާ މީހުންގެ ސާފުތާހިރުކަމާއި ސިއްހީ ހާލަތު ވަޒަންކުރުމާ ގުޅޭ ކަންތައްތަކެއް ހިމަނާނެ ކަމަށް ނާސިރު ވިދާޅުވި އެވެ. މީގެ އިތުރުން މަސް ކެނޑުމަށްފަހު އުކާލާ ބައިތައް ނައްތާލަނީ ރަނގަޅަށްތޯ ބެލުމާއި، މަސް މާރުކޭޓުގެ އިންފްރާސްޓްރަކްޗާގައި ހުރީ ކޮންކަހަލަ އުނި ކަންތައްތަކެއްތޯ ވަޒަންކުރުން ވެސް އެ ގަވާއިދުގެ ދަށުން ބަލާނެ ކަމަށް ނާސިރު ވިދާޅުވި އެވެ.

"މި ޑްރާފްޓް ވަރަށް ފުރިހަމަޔަށް އަޅުގަނޑުމެން އެކުލަވާލާނަން އިރާދަކުރެއްވިއްޔާ. އެޗްޕީއޭގެ ޒިންމާ އަކީ އާންމު ސިއްހަތު ރައްކާތެރިކުރުން. އެހެންވީމަ މި ގަވާއިދާއެކު އެ މަސްއޫލިއްޔަތު އިތުރު ހަރުދަނާ ކަމަކާއެކު އަދާކުރުމުގެ މަގު ފަހިވެގެންދާނެ،" ނާސިރް ވިދާޅުވި އެވެ.

ކާބޯތަކެތި ވިއްކާ ތަންތަން އިންސްޕެކްޓް ކުރަނީ އާންމުކޮށް މަހަކު އެއްފަހަރު އެވެ. ނަމަވެސް ދިމާވާ ހާލަތްތަކުގައި އެއަށްވުރެ އަވަހަށްވެސް ތަންތަން ސުޕަވައިޒް ކުރެ އެވެ.

މަސް މާރުކޭޓާއި ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނުގެ އިންސްޕެކްޝަން ހަރުދަނާ ގަވާއިދެއްގެ ދަށަށް ގެންނަން އެޗްޕީއޭއިް މަސައްކަތް ފަށާފައިވާއިރު ދާދި ފަހުން ވަނީ މަސް މާރުކޭޓުގައި އެތަނުގެ މަސައްކަތްތެރިން ފެންވަރާ ވީޑިއޯ އެއް އާންމުވެސް އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފަ އެވެ.