އެޗްޕީއޭ

ލޮލުރޯގާ އިތުރުވާތީ ސަމާލުވުމަށް އެދިއްޖެ

ލޮލުރޯގާ އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މިދިޔަ ޖެނުއަރީ މަހުން ފެށިގެން ލޮލު ރޯގާ ޖެހިގެން ރިޕޯޓް ކުރާ އަދަދު އިތުރު ކަމަށެވެ.

ލޮލުރޯގާ އެންމެ ބޮޑަށް ފެތުރިފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ހދ، ރ، ލ އަދި ގދ އަތޮޅު ގައެވެ.

ލޮލު ރޯގާ ފެތުރެމުންދާތީ ބަލިން ރައްކާތެރިވުމަށް ފަރުދީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ލޮލުރޯގާގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ލޯ ހިރުވުމާއި ލޮލުން ފެންއައުމާއި ލޮލުގައި މަޑުހެދުމާއި ލޯ ރަތްވުން ކަހަލަ އަލާމާތްތައް ހިމެނެ އެވެ.

ލޮލުރޯގާ އިން ރައްކާތެެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ސައިބޯނިލައިގެން އަތް ދޮވުމާއި އާންމުކޮށް އަތްލައި ތަކެއްޗާއި ތަންތަން ސާފުކުރުމާއި ލޮލުގައި އަތްލުމާއި އަތް އުނގުޅުމުން ދުރުހެލިވުމާއި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމާއި ލޮލުރޯގާ ޖެހިފައިވާ މީހަކު ލޮލަށް އަޅަން ބޭނުން ކުރާ ބޭސްފުޅި ބޭނުން ނުކުރުން ހިމެނެ އެވެ.

ލޮލުރޯގާ ޖެހިއްޖެނަމަ ނުވަތަ އެކަމަށް ޝައްކު ކުރެވޭނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.