ފެން ބޮޑުވުން

ތިމަރަފުށީގެ އެސެސްމެންޓް ނިމިއްޖެ، އެހެން ރަށްތަކުގެ ފަށަނީ

މިދިޔަ ހަފުތާ ތެރޭގައި ކުރި ވިއްސާރާގައި އެންމެ ބޮޑު ގެއްލުމެއްވި ތ. ތިމަރަފުއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓުން ހަދާ އެސެސްމެންޓް ނިންމާލައިފި އެވެ. މި އެސެސްމެންޓްގައި އެ ރަށުގެ 70 ވަރަކަށްގެ ވަނީ ބަލާފަ އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވީ، ތިމަރަފުށީގެ ގެއްލުންވި ގެތަކުގެ އެސެސްމެންޓް ހަދާ ނިންމާލެވިފައިވާ ކަމަށާއި، ވިއްސާރާގައި ގެއްލުންވި ތ. އަތޮޅުގެ އިތުރު ރަށްތަކުގެ އެސެސްމެންޓް ހެދުމުގެ މަސައްކަތް ފަށަން މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެސެސްމެންޓް ހަދާނީ ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކަމަށެވެ.

މިދިޔަ ހަފުތާ ކުރި ވިއްސާރާގައި އެންމެ ބޮޑު ގެއްލުމެއް ތ. އަތޮޅަށްވެފައިވާއިރު، އެ އަތޮޅުގެ ހިރިލަންދޫ އާއި ވޭމަންޑޫ އަދި ކިނބިދޫއަށް ވެސް ވަނީ ގެއްލުންތަކެއްވެފަ އެވެ. މީގެއިތުރުން މ. މުލި، ގއ. ވިލިނގިލި، އއ. އުކުޅަސް، ލ. ކުނަހަންދު، ލ. ފުނަދޫ، ލ. ގަން، ސ. ފޭދޫ، ސ. ހިތަދޫ، ދ. މީދޫ، ދ. ކުޑަހުވަދޫ، އއ. ބޮޑުފުޅަދޫއަށް ވެސް އެކިވަރުގެ ގެއްލުންތައްވެފައިވެ އެވެ.

ވިއްސާރާގައި ރާއްޖެއިން އެންމެ ބޯކޮށް ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވުނު ރަށްތަކުގެ ތެރޭގައި ހިމެނެނީ 170 މިލިމީޓަރުގެ ވާރޭ ވެހުނު ތ. ވޭމަންޑޫ އާއި 107 މިލިމީޓަރުގެ ވާރޭ ވެހުނު ލ. ކައްދޫ އާއި 91 މިލިމީޓަރުގެ ވާރޭ ވެހުނު ހުޅުލެއެ އެވެ.

މިނިސްޓަރު މީގެކުރިން ވިދާޅުވެފައިވަނީ، ވިއްސާރާގައި ގެއްލުންވި ގޭގެއަށް ސަރުކާރުން މާލީ އެހީ ދެއްވާނެ ކަމަށެވެ. އެ އެހީ ދޭނީ އެސެސްމެންޓްތައް ނިމުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.