މިދިޔަ އަހަރު ހިނގި ތަފާތު އެކި ހާދިސާތަކާއި ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފައިސާގެ އެހީގެ ގޮތުގައި 4.53 މިލިއަން ރުފިޔާ ދީފި އެވެ.
ޑިފެންސް މިނިސްޓްރީގެ އަހަރީ ރިޕޯޓު ދައްކާ ގޮތުން މިދިޔަ އަހަރު އެންޑީއެމްއޭގެ އާލީ ވޯނިން އެންޑް އެމެޖެންސީ އޮޕަރޭޝަން ސެންޓަރަށް 62 ހާދިސާއެއް ރިޕޯޓްކޮށްފައިވެ އެވެ.
މީގެތެރެއިން އެންމެ ގިނައީ ވިއްސާރަވުމުގެ ސަބަބުން ރިޕޯޓްކުރި ހާދިސާތަކެވެ. ވިއްސާރަވެގެން 33 ހާދިސާ އެންޑީއެމްއޭގެ އާލީ ވޯނިން އެންޑް އެމެޖެންސީ އޮޕަރޭޝަނަށް ހުށަހެޅުނުއިރު މި ހާދިސާތަކުގައި 25 ރަށެއްގެ 650 އަށް ވުރެ ގިނަ ގޭބީސީ އާއި ފަސް ރަށެއްގެ ދަނޑުބިމަށް އަސަރުކޮށްފައިވެ އެވެ. އަލިފާނުގެ 16 ހާދިސާއެއް ރިޕޯޓްކުރިއިރު 23 ގޭބިސީއަކަށް އަސަރުކޮށްފައިވެ އެވެ.
އަހަރީ ރިޕޯޓުގައިވާ ގޮތުން އުދައެރުމުގެ ހަތަރު ހާދިސާއެއްގައި 16 ގެއަށް ގެއްލުންވެގެން ރިޕޯޓްކޮށްފައިވެ އެވެ. މީގެއިތުރުން ގުގުރުމާއި ވައިގަދަވުމުގެ ސަބަބުން ބައެއް ތަންތަނަށް ގެއްލުން ވެގެންވެސް ރިޕޯޓްކޮށްފައިވެ އެވެ.
މިދިޔަ އަހަރު އެހީގެ ގޮތުގައި ދީފައިވާ ފައިސާގެ އަދަދު
- އަލިފާނުގެ 13 ހާދިސާއަށް - 2.67 މިލިއަން ރުފިޔާ
- ފެންބޮޑުވުން [މާލެ ފްލަޑްގެ ހާދިސާ] ހަ ހާދިސާ - 1.68 މިލިއަން ރުފިޔާ
- ފުރާޅުތައް އެއްލާލުމުގެ އެއް ހާދިސާ - 164،381 ރުފިޔާ
- އުދައެރުން އެއް ހާދިސާ - 8،960 ރުފިޔާ
އަހަރީ ރިޕޯޓްގައިވާ ގޮތުން ފެން ބޮޑުވުމުގެ ސަބަބުން އާންމު ރައްޔިތުންގެ މުދަލާއި ގޯތިގެދޮރަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ވެލި ބަސްތާ ޖެހުމަށް ބޭނުންވާ 51،500 ގޯނި ވެސް މިދިޔަ އަހަރު ފޯރުކޮށްދީފައިވެ އެވެ.