ޑިފެންސް މިނިސްޓްރީ

ގިނަ މުދާ ހަރު މުދަލުގެ ރަޖިސްޓަރީއަކު ނެތް: ޑިފެންސް އޮޑިޓް

ޑިފެންސް މިނިސްޓްރީގެ ދަށުގައިވާ ބައެއް އިދާރާތަކުން ގަނެފައިވާ މުދާތައް، ހަރު މުދަލުގެ ރެޖިސްޓްރީގައި ހިމާނާފައިވާ ނުވާ ކަމަށް އެ މިނިސްޓްރީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ ހޯމަ ދުވަހު ނެރުނު އެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ޑިފެންސް މިނިސްޓްރީގެ ދަށުގައި އޮންނަ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް މިދިޔަ އަހަރު ގެނެފައިވާ 491،755 ރުފިޔާގެ މުދަލުގެ ތެރެއިން އެއްވެސް އެއްޗެއް ހަރު މުދަލުގެ ރަޖިސްޓްރީގައި ހިމާނާފައެއް ނުވެ އެވެ. މިއިން އެއްވެސް މުދަލެއްގައި ކޯޑު ނަންބަރު ޖަހާފައި ނުވާ ކަން ވެސް އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ހަސަން ޒިއަތު ފާހަގަ ކުރައްވާފައި ވެ އެވެ.

މީގެ އިތުރުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފީސް އިމާރާތުގައި ހުރި ބައެއް ހަރު މުދާ ވެސް ހަރު މުދަލުގެ ރަޖިސްޓްރީގައި ހިމާނާފައިނުވާއިރު އޭގެ ގިނަ ތަކެއްޗަށް ވެސް ހަރު މުދަލުގެ ކޯޑު ނަންބަރު ދީފައި ނުވާ ކަމަށް ޑިފެންސްގެ އޮޑިޓް ރިޕޯޓުގައިވެ އެވެ.

ކެޓަގަރައިޒް ކުރެވިގެން ހިސާބު ބެލެހެއްޓުމުގައި ހަރު މުދަލުގެ އިންވެންޓްރީގެ އެކި ބައިތަކަށް ބައި ކުރަން ޖެހޭ ގޮތް މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވީ ނަމަވެސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހަރު މުދާތައް ކެޓަގަރައިޒް ކޮށްފައި ވަނީ ގަވާއިދާ އެއްގޮތަކަށް ނޫން ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އެހެންކަމުން ކެޕިޓަލް ބަޖެޓުން ހަރަދުކޮށްގެން ހޯދާ ހަރު މުދަލާއި، އެހީގެ ގޮތުގައާއި އެ ނޫން ގޮތް ގޮތުން ލިބޭ މުދަލުގެ ހަރަދުގެ ގޮތުގައި ކުރެވޭ މަސައްކަތްތައް މާލިއްޔަތު ގަވާއިދުގައިވާ ގޮތަށް އެ އިދާރާއެއްގެ ހަރު މުދަލުގެ ރަޖިސްޓްރީގައި ހިމަނައިގެން ބެލެހެއްޓުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ އަންގާފަ އެވެ.

މާލިއްޔަތު ގަވާއިދުގައިވާ ގޮތަށް ހަރު މުދަލުގެ ރަޖިސްޓްރީގައި ހިމަނަން ޖެހޭ މުހިއްމު މައުލުމާތުތައް ހިމަނައި ރަޖިސްޓްރީ ފުރިހަމައަށް އަދާހަމަކޮށް ބެލެހެއްޓުމަށާއި ރަޖިސްޓްރީގައިވާ ހަރު މުދާތައް ހަމައަށް ހުރިތޯ އަހަރަކު މަދުވެގެން އެއް ފަހަރު ޗެކް ކުރުމަށް އޮޑިޓް ރިޕޯޓުގައި ޑިފެންސްއަށް ލަފާ ދީފައިވެ އެވެ.