ކުރެންދޫ

އުދައިގެ ގެއްލުން ހަތަރު މިލިއަން ރުފިޔާ އަށް އަރާނެ: ކުރެންދޫ ކައުންސިލް

Sep 25, 2021
1

ޅ. ކުރެންދޫއަށް އުދަ އަރާ ލިބުނު ގެއްލުންތަކުގެ އަގު ހަތަރު މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ކުރެންދޫ އަށް ލިބުނު ގެއްލުންތަކާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ސިމާއު ވިދާޅުވީ އުދަ އެރުމުން ލިބުނު ގެއްލުން ބޮޑުވީ ރައްޔިތުންގެ މަސައްކަތުން ހަދާފައިވާ ޓާފް ދަނޑު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމުން ކަމަށެވެ.

"ދަނޑު ހެދުމަށް ރައްޔިތުން ވަނީ ދަނޑާ ގުޅޭ އެކި ކަހަލަ ތަކެތި ގަތުމަށް 3.5 މިލިއަން ރުފިޔާ ވަރު ހޭދަކޮށްފައި. އެހެންވީމާ ދަނޑަށް އެ ލިބުނު ގެއްލުމާއި އަދި ރަށަށް އުދައަރައިގެން ލިބުނު ގެއްލުން އަޅުގަނޑުމެންނަށް މިހާރު ލަފާކުރެވޭނީ ހަތަރު މިލިއަން ރުފިޔާ ވަރު ވާނެ ކަމަށް،" ސިމާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުން ހަރަދުކޮށްގެން ބޭނުން ކުރެވޭ ވަރަށް ކުރެންދޫ ދަނޑު ކައިރި މުސްތަގުބަލެއްގައި ނިންމާ ނުލެވޭނެ ކަމަށެވެ. އެހެންކަމުން އަލުން ދަނޑު ބޭނުންކުރެވޭ ހާލަތަށް ގެނައުމަށްޓަކައި ސަރުކާރާ މަޝްވަރާކޮށްގެން ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަަމަށެވެ. ދަނޑުގައި އަޅާފައިވާ ޓާފް ސާފުކޮށްގެން ބޭނުންކުރެވޭނަމަ ސާފު ކުރަން ވެސް ބުރަ ބޮޑު މަސައްކަތެއް ކުރަންޖެހޭނެ ކަމަށް އެކަމުގެ ފަންނީ ބޭފުޅުން މައުލޫމާތު ދެއްވާ ކަމަށްވެސް ސިމާއު ވިދާޅުވި އެވެ.

ކުރެންދޫ އަށް އިއްޔެ އުދަ އެރީ އެރަށުގެ ދެކުނު ފަޅިން ދަނޑާ ދިމާލުންނެވެ. ސިމާއު ވިދާޅުވީ ކުރެންދޫ އަކީ މިހާރު ވެސް ބިމުގެ މައްސަލަ އޮތް ރަށަކަށް ވާތީ ރަށުގެ އެހެން ދިމާލަކަށް ދަނޑު ބަދަލުކުރެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. ހައްލަކީ އެ ރަށުގައި ފަށަން ތައްޔާރުވެފައިވާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އަވަހަށް ފެށުން ކަމަށާއި އެ މަޝްރޫއާއި އެކު އުދަ އަރާ މައްސަލަ އަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ކުރިން ވެސް ރަށަށް ކޮންމެވެސް ވަރަކަށް އުދަ އަރާ. އެކަމަކު އިއްޔެ އުދަ އެރި ގޮތަށް ރަށަށް އުދައެރި ހަނދާނެއް ނުވޭ. ލިބުނު ގެއްލުންތައް ހައްލުކުރުމަށް ސަރުކާރުގެ އިދާރާތަކާއި ވަކިން ހާއްސަކޮށް ޑިޒާސްޓާ ސެންޓަރާ ވަރަށް ގާތުން އެބަ މަސައްކަތް ކުރެވޭ. މިހާރުވެސް ގެއްލުމުގެ މައުލޫމާތު ދެވިފައި ވަނީ،" ސިމާއު ވިދާޅުވި އެވެ.

އުދަ އެރުމުން ރަށު ތެރޭގައި ފޫޓެއްހާ ހިސާބަށް ފެން ހެދި އެކި އިމާރާތްތަކަށް އެކި ކަހަލަ ގެއްލުންތައް ވަނީ ލިބިފަ އެވެ. ނަމަވެސް އެހީތެރިކަމެއް މިވަގުތަށް ކޮންމެހެން ފޯރުކޮށްދޭން ޖެހޭ މިންވަރަށް ގެއްލުން ލިބުނު ކަމަށް އަދި ފާހަގަކުރެވެނީ ދެ ގެއަކަށް ކަމަށް ސިމާއު ވަނީ މައުލޫމާތު ދެއްވާފަ އެވެ. އެކަމަކު އުދައިގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނުވައިފި ކަމަށްވެސް ވިދާޅުވި އެވެ.

"ދެ ގެއެއްގައި ހިފާ ގެންގުޅޭ ސާމާނު މިވަނީ މުޅިންހެން ހަލާކުވެފައި. ޓީވީ ފްރިޖު މިކަހަލަ އިލެކްޓްރޯނިކް ސާމާނުތަކާއި ކަބަޑު ކަހަލަ މުދާ މިހުރީ ހަލާކުވެފައި. އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން،" ސިމާއު ވިދާޅުވި އެވެ.

ކުރެންދޫ އަށް އުދަ އެރުމުން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވަނީ އާންމު ރައްޔިތުންނާއި ސިފައިން ގުޅިގެންނެވެ. ކުރެންދޫގައި އާބާދީގައި 2،082 މީހުން ހިމެނޭއިރު ރަށުގައި އާންމުކޮށް ދިރިއުޅެނީ 1،100 މީހުންނެވެ.