ހަބަރު

އުދައިގެ ގެއްލުން ލިބިގެން ރިޕޯޓްކުރީ ހަތް ރަށަކުން

އިންޑިއާ ކަނޑުގައި އުފެދިފައިވާ ތޫފާނެއްގެ ސަބަބުން މިހާރު ރާއްޖޭގެ ރަށްތަކަށް އަރަމުންދާ އުދައިގެ ސަބަބުން މިހާތަނަށް އައްޑޫސިޓީގެ އިތުރުން ހަ ރަށަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭގެ އޮފިޝަލަކު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރު ރާއްޖޭގެ އެކި ރަށްތަކަށް އުދަ އަރަމުންދާ ކަމަށެވެ. ނަމަވެސް އުދައިގެ ސަބަބުން ގެއްލުންވެގެން ރިޕޯޓުކޮށްފައިވަނީ މިހާތަނަށް އައްޑޫ ސިޓީ އާއި ޅ. ކުރެންދޫ، ތ. މަޑިފުށި، ލ. މާވަށާއި ކުނަހަންދޫ، އދ. ފެންފުށީގެ އިތުރުން ގދ. ނަޑެއްލާއިން ކަމަށެވެ.

އޭނާ ވިދާޅުވީ އުދައިގެ ސަބަބުން މީހުން ދިރިއުޅޭ ގެތަކަށް ލޮނު ވަދެ ގެއްލުން ވަމުންދާތީ ކައުންސިލްތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ނަޑެއްލާގެ ގެއަކަށް ލޮނުވަދެ މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުން ވުމުން އެގޭގައި ދިރިއުޅޭ މީޙުން އެހެން ގެއަކަށް ބަދަލު ކުރުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

"ވަރަށް ގިނަ ރަށްތަކަށް އުދަ އަރާ ގެއްލުން ވަމުންދަނީ. ނަމަވެސް މި ރަށްތަކަކީ މިހާތަނަށް ބޮޑެތި ގެއްލުންވެގެން އެންޑީއެމްއޭގެ އެހީތެރިކަން ބޭނުންވެގެން ރިޕޯޓުކޮށްފައިވާ ރަށްތައް. އެމްއެންޑީއެފްއާއި ފުލުހުންނާއި ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން މިރަށްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން މިގެންދަނީ. މިއަދުވެސް އަދި ކުރިއަށް ދެ ދުވަހުވެސް އުދަ އަރާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނަމުންދާތީ ރައްކާތެރިވުމުގެ ގޮތުން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ދަނީ އެކި ރަށްރަށުގައި ކުރަމުން." އޭނާ ވިދާޅުވި އެވެ.

އުދައިގެ ސަބަބުން ގެއްލުންވެގެން ރިޕޯޓުކުރާ ރަށްތަކަށް ލިބެމުންދާ ގެއްލުމުގެ އެސެސްމަންޓް ހަދަމުންދާ ކަމަށާއި މިރަށްތަކަށް ވީ އެންމެ އަވަހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ގެތަކަށް ލޮނުވަދެ ލިބޭ ގެއްލުންތަކާއި މީހުން ދިރިނޫޅޭވަރަށް ގެއްލުން ލިބޭ ގެތަކުގެ މައުލޫމާތު ކައުންސިލް މެދުވެރިކޮށް ހޯދަމުންދާ ކަމަށާއި އެފަދަ ފަރާތްތަކަށް ދިރިއުޅޭނެ ތަންތަން ހޯދައިދިނުމުގެ މަސައްކަތްވެސް ކުރާނެ ކަމަށެވެ.

އުދަ އެރުމަކީ ކޮންމެ އަހަރަކުވެސް ރާއްޖެއަށް ކުރިމަތިވާ ކަމެކެވެ. ހާއްސަކޮށް ހަޅަޖަހާ ދުވަސްވަރު މުޅިރާއްޖެއަށް އުދަ އަރައި ގެއްލުންތަކެއްވެސް ވަމުންދެ އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށްވެސް ބުންޏެވެ. އަދި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށްވެސް މޫސުމަބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފަ އެވެ.