ޕާކިސްތާން

ޕާކިސްތާނަށް އެހީވުމަށް ޓެލެތޯނެއް ބާއްވަނީ

ޕާކިސްތާނަށް ބޯކޮށް ވާރޭ ވެހި، ކުރިމަތިވެފައިވާ ފެން ބޮޑުވުމުގެ ހާދިސާއިން އަރައިގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނާއި ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން (ޕީއެމްއެފްއޭ) ގުޅިގެން ރާއްޖޭގައި ޓެލެތޯންއެއް ބާއްވަން ނިންމައިފި އެވެ.

ޓެލެތޯން ބާއްވަން ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޮކްޓޯބަރު އެއްވަނަ ދުވަހު ރާއްޖޭގެ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ގުޅިގެންނެވެ.

މީގެ އިތުރުން ރާއްޖޭގެ ގިނަ ނޫސް ތަކެއްގައި ޓެލެތޯންގެ މަންޒަރުތަކާއި ހަބަރުތައް ވަގުތުން ގެނެސްދެމުންދާނެ އެވެ.

މަދުވެގެން 12 ގަޑިއިރަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓެލެތޯންގެ މަގުސަދަކީ، ފެން ބޮޑުވުމުގެ ސަބަބުން އެތައް ގެއްލުމެއް ލިބިފައިވާ ޕާކިސްތާނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ފައިސާ އެއްކުރުމެވެ.

ޕާކިސްތާންގައި ފެން ބޮޑުވެ އެ ގައުމުގެ ތިންބައިކުޅަ އެއްބައި ސަރަހައްދު ފެނު އަޑީގައި އޮތް އިރު 33 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ އެކި ކަހަލަ ގެއްލުންތައް ލިބިފަ އެވެ. މިހާތަނަށް 1،300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު 12،700 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވެ އެވެ.

ފެނުގެ ސަބަބުން މީހުން ދިރިއުޅޭ 1.7 މިލިއަން ގެ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާއިރު، 3.96 މިލިއަން ދަނޑު ބިން ވަނީ ހަލާކުވެފަ އެވެ. މިއީ ޕާކިސްތާންގެ ދަނޑުވެރިންނަށް ލިބިފައިވާ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެކެވެ. މީގެ އިތުރުން މަގުތައް ހަލާކުވެ، 246 ބްރިޖަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ޕާކިސްތާންގައި ފެން ބޮޑުވެ ދަތުރުފަތުރަށް ބުރޫއަރާފައިވާތީ 60،000 އަށް ވުރެ ގިނަ މާބަނޑު މީހުން އެއްވެސް ސިއްހީ އެހީތެރިކަމަކާ ނުލައި ވިހަން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް ކަމާ ގުޅޭ އިދާރާތަކުން ބުނެ އެވެ.

ފެންބޮޑުވުމާ ގުޅިގެން ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށްޓަކައި ދުނިޔޭގެ އެހެން ގައުމުތަކުގެ އެހީތެރިކަމަށް ޕާކިސްތާން ސަރުކާރުން ވަޏި އެދިފަ އެވެ. މިގޮތުން އަންނަ އޮކްޓޯބަރު އެއްވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓެލެތޯންގެ ތެރެއިން ދިވެހިންގެ ފަރާތުން ޕާކިސްތާނަށް ރަނގަޅު މާލީ އެހީތެރިކަމެއް ލިބިގެން ދިއުމަށް އުއްމީދު ކުރާ ކަމަށް ރާއްޖޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުން ބުނެ އެވެ.