ފެބުރުއަރީ ހަތެއްގެ ހަނދާންތަކާއެކު ބައެއް މީހުންގެ ހިތް ފަޅަފަޅައިގެންގޮސް ކުދިކުދިވާއިރު އަނެއްބައި މީހުން އެ އިހުސާސްތައް ހިތާ ކައިރި ކުރަނީ އެންމެ އުފާވެރި އިހުސާސްތަކުގެ ގޮތުގައެވެ. އެތައް ފިލާވަޅެއް ނަގައިދިން ދުވަހެއްގެ ގޮތުގައެވެ. އާ ލީޑަރުން އުފަންކުރިވި، އަރައިގެން އައި ބައެއް ތަރި އޮއްސުނު ދުވަހެއްގެ ގޮތުއެވެ. އެ ހާދިސާތަކަށް ތިން އަހަރު ފުރުނު އިރު، ސިޔާސީ އެކި ބޭފުޅުންގެ އިހުސާސްތައް ވެސް މިއަދު ވަނީ އެކި ދިމަ ދިމާއަށް އެކި ގޮތްގޮތަށް ބަންޑުންވެފައެވެ. އެއްބަޔަކު ފަހުރާއި ޝަރަފު ލިބިގަންނަމުންނެވެ. އަނެއްބަޔަކު އެކަން ވީ ގޮތް ހަނދާ ކުރަމުން ރޮމުންނެވެ.
ފެބުރުއަރީ ހަތެއްގައި ވަރަށް އުފާވެރި ދެމޫނެއް މިއަދު ސޯޝަލް މީޑިއާއިން ވަނީ ފެނިލައިފައެވެ. އެ މަންޒަރުވެސް ހިމެނެނީ މިއަދުގެ އާދަޔާހިލާފު މަންޒަރުތަކުގެ ތެރޭގައެވެ. ތަފާތު ގޮތަކަށް މިއަދު، ފެބުރުއަރީ 7 ފާހަގަ ކުރައްވާ އެއް ބޭފުޅަކީ ރާއްޖޭގެ އެންމެ ނުފޫޒު ގަދަ އެއް ސިޔާސީ ސަހުސިއްޔަތު ކަމަށް މީހުން ބުނާ މިހާރުގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. އެމަނިކުފާނު ޓްވިޓާ ޓައިމްލައިން ދައްކާ ގޮތުން އެމަނިކުފާނު މިއަދު އުޅުއްވީ ސަރާސަރު ބޮޑު ބަގީޗާއެއްގެ ތެރޭގައެވެ.
އަދީބު ޓްވީޓް ގައި ބުނާ ގޮތުން މިއަދުގެ އެންމެ ބޮޑު އުފާފުޅެއް ލިބިވަޑައިގަތީ އަބަދުވެސް ގައުމީ ރޫހުގައި ހުންވައި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާ އެކު ވަގުތު ހޭދަކޮށްލެވޭތީ އެވެ. ކުރެއްދޫ ރިސޯޓްގެ އޯކިޑް ބަގީޗާގައި އުއްޗުއާއެކު އަދީބު މިއަދު ވަގުތު ހޭދަ ކުރައްވާއިރު އެކަމާ ފަހުރުވެރިވެ ވަޑައިގަންނަވާ ސަބަބެއް ވެސް ބުނެ ދެއްވައެވެ: ވިދާޅުވަނީ އެއީ "[އުއްޗުއަކީ] ގައުމީ ހިދުމަތުގައި ފަހަތަށް ޖެހިވަޑައި ނުގެން ސާބިތު ކަމާ އެކު ހުންނަވާ ބޭފުޅަކަށް ވާތީ" ކަމަށެވެ.
ތެދެކެވެ؛ އަދީބު ކަހަލަ ޒުވާން، އަދި އަރައިގެން އަންނަ ސިޔާސީ ލީޑަރަކަށް ރަނގަޅު "ސަމުގާ" ބޭނުންވާނެ އެވެ. އަދީބު ސިފަ ކުރައްވާ ގޮތަށް އުއްޗުފަދަ ދެގޮތެއް ނުވާ އަދި ގައުމީ ރޫހުގެ ލީޑަރުންގެ އެހީތެރިކަމާއި އިރުޝާދު ބޭނުންވެ އެވެ.
އުއްޗުއަކީ ވަރުގަދަ ތާރީހެއް އޮތް އެތައް ވާހަކައެއްގެ ބޭފުޅެކެވެ. އޭނާގެ ޖަލުގެ ހަޔާތަށް އެކަނި ބަލައިލިއަސް އެވާހަކަތައް ހުސްނުވެއެވެ. އަދި އެއީ ރާއްޖޭގައި ހުންނެވި އެންމެ މުއްސަދި އެއް ވިޔަފާރުވެރިޔާ އެވެ. އެމަގަށް ވަޑައިގަންނަވަން އުއްޗު އަމިއްލަފުޅަށް ކުރެއްވި މަސައްކަތް އެއީ ޒުވާނުންނަށް މިސާލެއް ކަމަށްވެއެވެ. އެ އުފާ ހާސިލު ކުރެއްވުމަށް އޭނާ ދުރަށް ހިންގެވި އެވެ. ސިޔާސީ ލީޑަރުން ކަމަށްވާ މަހުޖަނު ގާސިމް އިބްރާހިމް އަށް ވެސް އެންމެ ބޮޑަށް އެހީވާ އެއް ބޭފުޅަކީ އުއްޗު ކަމަށްވެ އެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ބޮޑު ލޯނެއް ގާސިމް އުއްޗު އަތުން ނެންގެވި ކަމަށްވެ އެވެ. އެކަމަކު އެ ލޯނު ނުދައްކަވައިގެން ދެ ބޭފުޅުން މޫނު ކެޑުނު ކަމަށް ވެސް ބުނެވެ އެވެ. އެހެން ވީމާ އެއްޗު އަކީ ހަމަ މިފަދަ ދުވަހެއް ހޭދަކޮށްލަން ރަނގަޅު ލީޑަރެއް ނޫން ހެއްޔެވެ؟
އަބަދުވެސް ސާބިތު ކަމާ އެކު އެއްގޮތެއްގައި ހުންނެވުމަކީ އުއްޗުގެ އެންމެ ހާއްސަ ސިފަ އެވެ. ސިޔާސީ ލީޑަރުން އެކި ދުވަހު އެކި ގޮތަށް ތިއްބެވި ނަމަވެސް އުއްޗުއަކީ އެއް މިސްރާބަކަށް ވަޑައިގަންނަވާ ބޭފުޅެކެވެ. މިފަދަ ދުވަހެއްގައި އުއްޗު ފަދަ ސާބިތު، ޕެޓްރިއޮޓިކް ސަހުސިއްޔަތަކާ އެކު ވަގުތުކޮޅެއް ހޭދަކޮށްލުމަކީ އަދީބަށް ވެސް އޮތް އުފަލެއްދޯ އެވެ. އޯކިޑް ބަގީޗާގައި އުފާ ކުރައްވާށެވެ. ވަރުގަދަ ސިކުނޑިން ފިލާވަޅު ލިބޭފަދަ މީރުވަސް ދުވާ މާ ބިންނަވާށެވެ.