ކުނީގެ މައްސަލައަށް ހައްލެއް ލިބުމާމެދު ބައެއް މީހުން ވަނީ އުންމީދު ކަނޑާލާފަ އެވެ. ރާއްޖޭގައި ގިނަ ސަރަހައްދުތަކުގައި މިހާރުވެސް ކުނި ނައްތާލުމުގެ މަސައްކަތަކީ އެއްވެސް ހަރުދަނާ ގޮތަކަށް ކުރެވޭ ކަމަކަށް ނުވާތީ އެވެ. އަރާއިރާއެކު ބޭރުކުރާ ކުނި، ގާޑިޔާތަކުގައި ގެންގޮސް ގޮނޑަށް ފުނިޖަހަނީ އެވެ. ގޮނޑުގައި އެ ބަހައްޓައިގެން އަޅައި ނުލެވި ތިމާވެއްޓައް ގެއްލުނަވާ ގޮތަށް އަދި ރައްކާތެރި ކަމެއްވެސް ނެތި ދެން ޖެހެނީ އަނދާށެވެ.
ކުނީގެ ކަންކަމުގައި ވެރިރަށް މާލޭގެ ހާލަތުވެސް ވަކި ރަނގަޅެއް ނޫނެވެ. އާބާދީގައި 150،000 އަށް ވުރެ ގިނަ މީހުން އުޅޭ ރަށަކުން އުފައްދާހައި ކުނި ލޭންޑިން ކްރާފްޓުތަކަށް އަރުވައިގެން، ތިލަފުއްޓަށް ގޮސް ބަންޑުން ކޮށްލަނީ އެވެ. ތިލަފުށީފައި 100 ފޫޓު އުސްމިނަށް ކުނި ޖަމާވަމުންދެ އެވެ. އެއީ ކުނި މެނޭޖުކުރުމަށް އެކަށީގެންވާ ޕްލޭނެއް އޮތްތަނެއް ހެނެއް ހިޔެއް ނުވެއެވެ.
ރ. އަތޮޅު ވަނދޫގައި ގާއިމްކޮށްފައިވާ ރީޖަނަލް ވޭސްޓު މެނޭޖްމަންޓް ސެންޓަރު ފެނުމުން ތިލަފިށީގެ މައްސަލައަށް ވެސް ހައްލެއް ލިބިދާނެ ކަމުގެ އުންމީދެއް އާވެ އެވެ.
އެއީވެސް ތިލަފުށި ފަދަ ފަޅުރަށެކެވެ. އެރަށް ހަމައެކަނި ބޭނުން ކުރަނީ ނ. އަތޮޅާއި، ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގައި ޖަމާވާ ކުނި އެޅުމަށެވެ. ނަމަވެސް އެ ރަށާއި ތިލަފުއްޓާ ތަފާތެވެ. ވަންދޫ އޮންނަނީ ތަރުތީބުކޮށް، ޒަމާނީ ފެންވަރަށް ކުނި މެނޭޖް ކުރާނެ ގޮތްތައް ރާވާފަ އެވެ. އެރަށުގެ އެއްވެސް ސަރަހައްދެއްގައި ނުތަނަވަސް ކަމެއް ނޫނީ ނުބައި ވަހެއް ނުހުރެއެވެ. ކުނި މެނޭޖުކުރާ ތިލަފުށި ކަހަލަ ރަށެއްހެން ހީވެސް ނުވެއެވެ. ސުވާލަކީ އުތުރު އަތޮޅުތަކުގެ ރަށްތަކުގައި އުފެދޭ ކުނި އެއްތަނަކަށް އަޅާއިރު، އެހާ ގިނަ ކުނި ފުރިހަ ކަމާއެކު މެނޭޖު ކުރަނީ ކިހިނެތް ހެއްޔެވެ؟
ރަށު ފެންވަރުގައި ކުނި މެނޭޖު ކުރުން
ކުނި މެނޭޖު ކުރާ ސިސްޓަމަށް އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރި މަސައްކަތުގެ ތެރޭއިން އެންމެ ފުރަތަމަ ކުރި ކަމަކީ ކައުންސިލަރުން އެކަމަށް ހޭލުންތެރި ކުރުވުމެވެ. އެގޮތުން ވޯލްޑު ބޭންކުގެ އެހީގައި ބައެއް ކައުންސިލަރުން ކުނި ކޮމްޕޯސްޓް ކުރާނެގޮތް ދަސްކޮށް ދިނުމަށް ސްރީ ލަންކާއަށް ގެންގޮސް އެކަށީގެންވާ ތަމްރީން ދިނެވެ. އެ ތަޖުރިބާގެ އަލީގައި ފެށީ، ރަށު ތެރޭގައި އުފެދޭ ކުނި ކޮމްޕޯސްޓް ކުރުމުގެ މަސައްކަތެވެ. އެއިން ރަނގަޅު އާމްދަނީއެއް ވެސް ކައުންސިލްތަކަށް ލިބެ އެވެ.
އެ ތަމްރީން ލިބިގެން ކުނި ކޮމްޕޯސްޓުް ކުރުމުގެ މަސައްކަތް ކުރާ ބ. އަތޮޅު މާޅޮހު ކައުންސިލް މެންބަރު އަބްދުލް މަތީން ވިދާޅުވި ގޮތުގައި އެ ރަށުގައި ކުނި ކޮމްޕޯސްޓް ކުރަން ފެށި އިރު އެކަން ކުރަން ބޭނުންވާ އެއްވެސް ސާމާނެއް ނެތެވެ. އަށް މަސް ވަންދެއް އެ މަސައްކަތް ކުރީ ރަށުތެރޭގައި ހިނގާއި ހުރިހާ ގެޔަކަށް ގޮސް ކުނި ނެރެގެނެވެ.
"އަޅުގަނޑުމެން ފަސް ކައުންސިލަރުން އަމިއްލައަށް ނުކުމެ އަށް މަސްދުވަސް ވަންދެން ޑަސްބިން ދަމައިގެން އެ މަސައްކަތް ކުރީ އޭގެ ނަތީޖާއެއް ގޮތުން ސަރުކާރުން އެކަން ބަލައިގަނެ އިތުރަށް ރަށުގެ ގޮނޑު ބޮޑު ކޮށްދިން. މިއަދު މިވަނީ މިކަން އަޅުގަނޑުމެން ހިތް ހަމަޖެހޭ ފެންވަރަށް ގެންދެވިފައި،" މަތީން ވިދާޅުވި އެވެ.
މަތީން ވިދާޅުވި ގޮތުގައި މިހާރު ރަށުގެ ކޮންމެ ގެޔަކުން ކަނޑައެޅިފައިވާ ކުޑަ ފީއެއް ނެގިގެން ހުކުރު ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހަކު ޕިކަޕެއްގައި ކުނި ނަގާނެ އެވެ. އެނަގައި ކުނިން އާމްދަނީ ހޯދާނެ ގޮތްތައް ވެސް ވަނީ ފަހިވެފައެވެ. އެގޮތުން ކުނިން އުފެއްދޭ ގަސްކާނާ އެކި އަތޮޅުތަކަށް ވިއްކަ އެވެ. ދަޅާއި ލަކުޑި އަދި ނާށި ފަދަތަކެތި ވެސް ވިއްކަ އެވެ.
މި މަސައްކަތް މިހެން ކުރިޔަށް ދަނީ ހަމައެކަނި މާޅޮހުގައެއް ނޫނެވެ. ބައެއް އެހެން އަތޮޅުތަކުގައި ވެސް އެ މަސައްކަތް ފަށައިފި އެވެ. ދެން ހުރި ރަށްތައް ދަނީ ރަށު ފެންވަރުގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތައް ތަމްރީން ހޯދަމުންނެވެ.
އުތުރުގެ ނ. ރ. ބ. ޅ. ގައި މީހުން އުޅޭ 45 ވަރަކަށް ރަށް އޮންނަ އިރު 22 ހަކަށް ރިސޯޓުވެސް އޮވެ އެވެ. އެންވާރަމަންޓް މިިނިސްޓްރީ އިން ކުރި ދިރާސާއަކުން ދައްކަ ގޮތުން އެ ހަތަރު އަތޮޅުގައި ދުވާލަކަށް 62 ޓަނުގެ ކުނި އުފެދެ އެވެ. ނަމަވެސް އެކުނީގެ 70 ޕަސަންޓަކީ ފަނާވާ ޒާތުގެ ކުންޏެވެ. އެކުނި ކޮމްޕޯސްޓް ކުރަން މީހުން އަހުލުވެރި ކުރުވަމުންދާއިރު ބާކީ 30 ޕަސެންޓް ކުންޏަކީ ތިމާވެށީގެ ގޮތުންވެސް މައްސަލައަކަށްވާ ޒާތުގެ އަންދައިލަންޖެހޭ ކުންނެވެ. އެ ހުރިހާ ކުންޏެއް ރަށު ފެންވަރުގައި ކޮމްޕޯސްޓް ކުރުމަށް ފަހު ބާކީ ހުންނަ ބައި ގެންދަނީ ވަންދޫގައި އިންސަނެރޭޓް ކުރާށެވެ.
ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް
ޒަމާނީ ފެންވަރަށް އުތުރުގެ ކުނި މެނޭޖު ކުރުމަށް ވަނދޫގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ކުރިޔަށްދާތާ މިހާރު ހަ އަހަރުވެއްޖެ އެވެ. ކުނި މެނޭޖް ކުރާ ސިސްޓަމް އެރަށުގައި ގާއިމް ކުރުމަށް އެތައް ވަގުތެއް ދިޔައެވެ. ވަންދޫގައި ޕްރޮޖެކްޓު ފެށުމަށް ކުރަން ޖެހޭ ކަންކަމަށް 10 މިލިއަން ޑޮލަރު ހޭދަ ކުރެވިފައިވެ އެވެ. ކުރިން ވަރަށް ބޮޑަށް މަޑުޖެހިފައި އޮތް މި ޕްރޮޖެކްޓު މިފަހުން ވަނީ ބާރު ސްޕީޑެއްގަ ގެން ގޮސް ގާތްގަނޑަކަށް ނިމިފަ އެވެ. އަންނަ މަހު އެތަން ހިންގަންށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލު ކުރާނެ އެވެ.
ކުނި މެނޭޖް ކުރުމަށް ވަންދޫއަށް ވަނީ ރާއްޖޭގައި މިހާރު ހުރި އެންމެ ބޮޑު އިންސިނަރޭޓަރު ގެންގޮސް ފައެވެ. އެއީ ތިމާވެއްޓާއި ރައްޓެހިކޮށް ދުން ނާރުވާ ގިނަ އަދަދަކަށް ކުނި އެނދުމަށް ބޭނުން ކުރާ މެޝިނެކެވެ.
ވަންދޫގައި މިހާރު ބަހައްޓާފައި ހުރީ ޖަރުމަނުގެ ކުންފުންޏަކުން ސަޕްލައިކޮށް އިންސްޓޯލްކޮށްފައިވާ އިންސިނަރޭޓަރެކެވެ. އެއީ ވޯލްޑު ބެންކުގެ އެހީގައި 2.6 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ މެޝިނެކެވެ.
"އިންސަނަރޭޓާގައި ބޭނުން ކުރެވޭނެ އަނދާލެވޭ ޒާތުގެ ކޮންމެ އެއްޗެއްވެސް. ޕްލާސްޓިކް ފުޅި ކަހަލަ އެއްޗެހި އެންދިޔަސް ޖައްވަށް ބޭރުވުކުރެވޭ ނުރައްކާތެރި ބައިތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވޭނެ. ތިމާވެށީ ގޮތުންވެސް ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ސިއްހަތައް އޭގެ ނޭދެވޭ އަސަރެއް ނުކުރައި ފެންވަރަށް އެކަންކަން ކޮންޓްރޯލް ކުރެވޭނެ ގޮތައް ކުރިޔަށް މިދަނީ،" މޯލްޑިވްސް އެންވާރަމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓުގެ ސްޕެޝަލިސް ކޯޑިނޭޓަރު އަހުމަދު ނިޒާމް ވިދާޅުވި އެވެ.
ނިޒާމް ވިދާޅުވި ގޮތުގައި އުތުރުގެ އަތޮޅުތަކުން 60 ޓަނުގެ ކުނި އުފައްދައި އެއިން ގާތްގަނޑަކަށް 30 ޕަސަންޓް ވަނދޫއަށް ގެންދާ އިރު، އެ އިންސަނަރޭޓަރުން ދުވާލެއްގެ މައްޗައް 40 ޓަނު ކުނި އަންދާލެވެ އެވެ. އެކުނި އަންދާލުމަށް ފަހު ބާކީ ހުންނާނީ އެއިން އުފެދޭ ދެއްޔެވެ.
ނަމަވެސް އެ ދެލިވެސް ވަނދޫގައި އުކާލާފައެއް ނުހުރެ އެވެ. އެކަންވެސް ކުރަނީ ބޭރުގެ ގައުމުތަކުން ކަންކުރާ ގޮތަށް އެ ފެންވަރުގައެވެ. އެގޮތުން ލޭންޑްފިލް އަކަށް އަޅައި ރައްކާކުރެ އެވެ. އެގޮތުން ވަންދޫގައި އިންސަނަރޭޓަރުން އަންދައި ކުނިން އުފެދޭ ދެލި 10 އަހަރަށް ވާވަރަށް ރައްކާ ކުރެވޭ ވަރު ތަނެއް ހަދާފައިވެއެވެ.
"10 އަހަރަށް އަޅިތައް ރައްކާކޮށްފައި ބެހެއްޓޭވަރު ޖާގަ މިހުރީ ހަދާފައި. އެކަމަކު ކޮންމެހެން 10 އަހަރަށް އެ ރައްކާ ކުރާކަށް ނުޖެހޭ. ސަބަބަކީ މަގު ހެދުން ފަދަ މަސައްކަތް ކުރުމަށް އެ އަޅި ބޭނުން ކުރެވިދާނެ. ނަމަވެސް ހަމަ މިހާވަރުގެ އެއް ސެލް އުފެއްދުމަށް މިހާރު ތައްޔާކޮށްފައި ވާނެ،" ނިޒާމް ވިދާޅުވި އެވެ.
ވަރަށް ފުރިހަމައަށް ތިމާވެއްޓާއި ރައްޓެހި އަދި ރީސައިކަލް ކުރެވޭ ގޮތައް ވަންދޫގައި ވެސް މަސައްކަތް ކުރެވޭނެ މަގުވަނީ ފަހަހިކޮށްދީ ފައެވެ. މީގެ އިތުރުން އަންދާ ނުލެވެ ދަނގަޑު ފަދަތަކެތި ރީސައިކަލް ކުރަން ވަނދޫގައި ރީސައިކަލް ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް އޮތީ އެވެ.
މިއީ ރާއްޖޭގައި ކުނި މެނޭޖު ކުރެވޭ ނިޒާމަށް ގެނެވޭ އިންގިލާބީ ބަދަލެކެވެ. އަތޮޅުތަކުގައި ކުނި ރީސައިކަލް ކުރުމުގެ މަސައްކަތް ކުރިޔަށް ދާއިރު ފުޅާ ދާއިރާއެއްގައި ރީޖަނަލް ސެންޓަރެއްގައި އެ މަސައްކަތް ޒަމާނީ ފެންވަރަށް ގެންދިއުމަކީ އެކަން ކުރަން ޖެހޭ ގޮތެވެ. އަންނަ މަހުން ފެށިގެން އުތުރު ވެގެންދާނީ ރާއްޖޭގައި އެންމެ ރައްކާތެރިކޮށް ކުނި ނައްތާލެވޭ ސަރަހައްދަށެވެ.