އަފްޣާނިސްތާން

ތާލިބާން ލީޑަރު މުއްލާ އަހްތަރު މަންސޫރު މަރާލައިފި

އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި އަފްގާނިސްތާނުގައި އޮންނަ ތާލިބާނު ޖަމާއަތުގެ ލީޑަރު މުއްލާ އަހްތަރު މަންސޫރު މަރުވެއްޖެ ކަމަށް އެމެރިކާއިން ބުނެފި އެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައ މުއްލާ އަހްތަރާއި އޭނާއެކު ހުރި އިތުރު މީހަކު މަރާލީ އަފްގާނާއި ޕާކިސްތާނާ ގުޅޭ ބޯޑަރު ކައިރިން އެމީހުން ދަތުރު ކުރަމުންދިޔަ ވެހިކަލަށް އަމާޒުކޮށްގެން ދިން ހަމަލާއެއްގައި ކަމަށެވެ.

މުއްލާ އަހްތަރަށް އަމާޒުކޮށްގެން ހަމަލާ ދިން ކަން ޕެންޓަގަން އިން ވަނީ ކަށަވަރު ކޮށްދީފަ އެވެ. ޕެންޓަގަން އިން ބުނީ އެ ހަމަލާގެ ނަތީޖާ މިހާރު ބަލަމުން އަންނަ ކަމަށެވެ. މުއްލާ އަހްތަރު ތާލިބާނުގެ ލީޑަރު ކަމަށް އިސްކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ތާލިބާނުންގެ ކުރީގެ ލީޑަރު މުއްލާ މުހައްމަދު 2013 ވަނަ އަހަރު މަރާލި ފަހުން އެ ޖަމާއަތަށް ލީޑަރެއް އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މުއްލާ އަހްތަރަށް ދިން މި ހަމަލާއަކީ އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ހާއްސަ ހުއްދައެއް ހޯދައިގެން ދިން ހަމަލާއެކެވެ.

"އަހަރުމެން އަދިވެސް މިދަނީ ނަތީޖާ އެސެސް ކުރަމުން، ނަތީޖާ ލިބުނުހާ އަވަހަށް އިއުލާނު ކުރާނަން" ޕެންޓަގަންގެ ލީޑަރު ޕީޓާ ކުކް ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް ނަން ހާމަނުކޮށް ތާލިބާންގެ ލީޑަރަކު ރައުޓާސް އަށް ބުނީ އެފަދަ ތާކުން ތާކު ނުޖެހޭ ދޮގު ވާހަކަތައް މީގެ ކުރިންވެސް ފަތުރާފައިވާ ކަމަށާއި މުއްލާ އަހްތަރު މަރާނުލާ ކަމަށެވެ.

މުއްލާ އަހްތަރުގެ މަރުވެއްޖެކަން އެމެރިކާއިން ޔަގީންކޮށްދީފިނަ އެއީ ތާލިބާނުގެ ތެރޭގައި ގޮއްވާލެވޭ ބޮމަކަށް ވެދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މުއްލާ އަހްތަރު ތާލިބާނުގެ ލީޑަރު ކަމަށް އައްޔަނު ކުރި ފަހުން ވަނީ އެޖަމާއަތް އެތައް ގޮތަކުން ކުރިއަރައި އަފްގާނުގެ އަސްކަރިއްޔާއަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އަދި މުއްލާ އަހްތަރުގެ ވެރިކަމުގައި އަފްގާނުގެ އެންމެ މުހިންމު އެއް ސިޓީވަނީ ތާލިބާނުގެ ބާރުގެ ދަށަށް ގެނެސްފަ އެވެ.

ތާލިބާނުގެ އިސް ލީޑަރުންތަކެއް މަރާލިކަމަށް ބުނެ މީގެ ކުރިންވެސް އެތައް ފަހަރަކު އެމެރިކާއިން ވަނީ ދޮގު ހަބަރުތަކެއް ފަތުރާފަ އެވެ. ތަލިބާނުގެ ފައުންޑާ މުއްލާ އުމަރު މަރުވިކަންވެސް އެ ޖަމާއަތުން ކަށަވަރުކޮށްދީފައިވަނީ އޭނާ މަތުވިތާ ދެ އަހަރު ފަހުންނެވެ.