ހައުސިން ޔުނިޓް

ރެެހެންދި ފްލެޓްތައް ވިއްކަން އަނެއްކާވެސް އިއުލާންކޮށްފި

ޓީވީ ކޮށީގައި އިމާރަތް ކުރެވިފައިވާ "ރެހެންދީ ފްލެޓް" ގެ 11 އެޕާޓްމަންޓު ވިއްކާލަން ހައުސިން މިނިސްޓްރީ އިން އަނެއްކާވެސް އިއުލާންކޮށްފި އެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި އެޕާޓްމަންޓުތައް އާމުންނަށް ހުޅުވާލައި، ވިއްކަން ނިންމީ ސަރުކާރުގެ "ގެދޮރުވެރިކަމުން ހިތްފަސޭހަ ދިރިއުޅުން"ގެ ސިޔާސަތުގެ ދަށުން ކަމަށެވެ. އެގޮތުން ޓީވީ ކޮށީގައި އެފްޑަބްލިޔޫ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނާއި ފޯ ޕާލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ރެހެންދި އެކެއްގެ އެއް ފްލެޓް އަދި ރެހެންދި ތިނެއްގެ 10 ފްލެޓް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގެ އުސޫލުން ފްލެޓްތައް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް އިއުލާނުގައިވެ އެވެ.

މީގެކުރިން ވެސް މި 11 ފްލެޓް ވިއްކުމަށް އިއުލާންކޮށްފައިވެ އެވެ. ނަމަވެސް އިއްޔެ ވަނީ އެ އިއުލާން ބާތިލްކޮށްފަ އެވެ.

މިރޭ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ރެހެންދީގެ ޕާޓުމަންޓެއް ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ކުރިން ހައުސިން މިނިސްޓްރީއަށް ހާޒިރުވެ، މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންނަ މަހުގެ 15 ގައި ފޯމް ހުށަހަޅަން ޖެހޭނެ އެވެ.