ހަބަރު

ޗެކެއް ނުވަތަ ފައިސާއެއް ދީފައި އޮތުމަށް ބިނާކޮށްގެން ދަރަންޏެއް ސާބިތެއް ނުކުރެވޭނެ: ސުޕްރީމް ކޯޓު

އިތުރު ހެކިތަކާ ނުލައި ފައިސާ އާއި ޗެކް ފަދަ ތަކެއްޗަށް ބިނާކޮށް މީހުންގެ މައްޗަށް ދަރަނި ސާބިތު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު އެ ކޯޓުން އެގޮތަށް ކަނޑައެޅި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހާ ދެކޮޅަށް މ. ވިލާދޮށުގޭ މުހައްމަދު މަނިކުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރި މައްސަލައިގަ އެވެ. އެ މައްސަލައަކީ ޖަނާހުގެ ފަރާތުން މުހައްމަދު މަނިކަށް ދޫކުރި 1.3 މިލިއަން ޑޮލަރު(20 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަނބުރާ ނުދީގެން ޖަނާހުގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ޖަނާހާ އެއްކޮޅަށް ދަށު ކޯޓާއި ހައި ކޯޓުން ނިންމި މައްސަލައެކެވެ.

ދަށު ކޯޓާއި ހައި ކޯޓުން ވެސް ހުކުމްކޮށްފައިވަނީ އެ ފައިސާއަކީ ޖަނާހަށް މުހައްމަދު މަނިކު ދޭންޖެހޭ ފައިސާއެއް ކަން ސާބިތުވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، އެ ފައިސާއަކީ ޖަނާހަށް އަނބުރާ ދޭންޖެހޭ ފައިސާއެއް ކަން ސާބިތުނުވާ ކަމަށް ނިންމައިފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ފައިސާ އާއި ފައިސާ ރަމްޒުކޮށްދޭ ޗެކް ފަދަ އެއްޗެއްސަކީ އެކި ބޭނުންތަކުގައި މިހާރު ބަދަލު ކުރެވެމުންދާ އެއްޗެއް ކަމަށެވެ. އެގޮތުން އެހީއެއްގެ ގޮތުންނާއި ހިބަ އާއި ވަސިއްޔަތުގެ އިތުރުން ދީފައިވާ ޚިދުމަތެއްގެ އަގު އަދާ ކުރުމުގެ ގޮތުން ވެސް ޗެކާއި ފައިސާ މިހާރު ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރެވެމުންދާ ކަން އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތަށް އެކަން ހިނގަމުންދާއިރު މީހަކު އެހެން މީހަކަށް ޗެކެއް ނުވަތަ ފައިސާ ދޭ ކޮންމެ ފަހަރަކު އެއީ ދަރަންޏެއްގެ ގޮތުގައި ދިން އެއްޗެއް ކަމަށް ޝަރީއަތުން ބަލައިގެން ނުވާނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެފަދަ ހާލަތްތަކުގައި އެއީ ދަރަންޏެއް ކަން ސާބިތު ކުރެވޭނީ އެކަމަށް ބާރު ދޭ އިތުރު ގަރީނާތަކެއް ހުރެގެން ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި އެ ހުކުމުގައިވެ އެވެ.

"އެއް ފަރާތުން އަނެއް ފަރާތަށް ފައިސާ ނުވަތަ ޗެކެއް ދީފައިވާ ކަން ސާބިތުވާ ކޮންމެ ހާލަތަކީ އިތުރު ގަރީނާތަކާ ނުލައި އެ ޗެކަކީ ދަރަންޏެއްގެ ގޮތުގައި ދީފައިވާ ޗެކެއް ކަމަކަށް ވެސް އަދި ހަމައެފަދައިން އެއީއަކީ އިތުރު ގަރީނާތަކާ ނުލައި އެ ޗެކް ލިބުނު ފަރާތުގެ މައްޗަށް އެ ޗެކްގައިވާ އަދަދަށް ދަރަނި ސާބިތުވެއްޖެ ކަމަށް ޝަރުއީ ނުވަތަ ގާނޫނީ ގޮތުން ބެލެވެންޖެހޭ ފަދަ ހަރުދަނާ އަސާސެއް ކަމަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަކަށް ނުފެނެ އެވެ،" އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ރިޔާސަތު ބެލެހެއްޓެވި ބެންޗަކުން އިއްވި އެ ހުކުމުގައިވެ އެވެ.

މީގެ ހަތް އަހަރެއްހާ ދުވަސް ކުރިން 2006 އިން ފެށިގެން ޝަރުއީ މަރުހަލާގައި ހިނގަމުންދިޔަ އެ މައްސަލައިގެ އެންމެ ފަހުގެ ނިންމުން ސުޕްރީމް ކޯޓުން ނިންމި ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު ސައީދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު އަދި ފަނޑިޔާރު އަބްދުﷲ އަރީފެވެ.