މާލެ ފިޔަވާ ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދެއްގައި އެއްވެ އުޅުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި މާލޭގައި އެއްވެ އުޅުމަށް މަނާ ކުރަނީ ތޮއްޖެހި މީހުނަށް ބޮޑެތި ދަތިތަކާއި ކުރިމަތި ލާން ޖެހޭތީ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު މިހެން ވިދާޅުވީ، ޔޫރަޕިއަން ޔޫނިއަން އިން ރާއްޖެއާ ލަންކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑޭވިޑް ޑެލީ މިއަދު މިނިސްޓަރު އުމަރާއި ބައްދަލު ކުރައްވައި ރާއްޖޭގައި އެއްވެ އުޅުމުގެ މިނިވަން ކަމާއި މެދު ސުވާލު އުފެއްދުމުންނެވެ. އެކަމާއި ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދު ތަކުގައި އެއްވެސް ހުރަހެއް ނެތި އެއްވެ އުޅުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި މާލޭގައިވެސް މަގުތައް ފިޔަވައި އެހެން ހުރިހާ ސަރަހައްދެއްގައި އެއްވުންތައް ބޭއްވޭނެކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ގޮތުގައި މާލޭގެ މަގުތަކުގައި މުޒާހަރާކުރުމުން މަނާކުރެވެނީ މަގުތައް ތޮއްޖެހި ދުއްވާ އެއްޗެއްސަށާއި ހިނގާ ފަރާތަތަކަށް ދަތިވާނެތީ އެވެ. މި ބައްދަލުވުމުގައި އުމަރު ވަނީ އީ ވޯޓިން ސިސްޓަމްއާ ގުޅޭ ގޮތުންވެސް އީޔޫގެ ސަފީރަށް މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ.