ޔޫރަޕުގެ ގައުމުތަކަށް ރާއްޖެއިން އެކްސްޕޯޓް ކުރާ މަހަށް ނަގާ ޓެރިފް ބޮޑުކުރުމުގެ ސަބަބުން އެކަމުގެ ދަތިތައް ވަރަށް ބޮޑަށް ކުރިމަތިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާއާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު ގައެވެ.
އދގެ އާއްމު މަޖިލިސްގެ ހަވާސާގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރައްޖެއަށް އެހީތެރިކަން ބޭނުންވާ ކަންކަން ހިއްސާކުރައްވާފަ އެވެ. ހާއްސަ ގޮތެއްގައި ޔޫރަޕަށް ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުން ނަގާ ޓެރިފް ބޮޑުވުމަކީ އޭގެ ސަބަބުން ޔޫރަޕުގެ ގައުމުތަކަށް މަސް އެކުސްޕޯޓް ކުރުމަށް ރާއްޖެއަށް ވާދާކުރުމަށް ދަތިތަކަކާ ކުރިމަތިވާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޔޫރަޕުގެ ގައުމުތަކާ އެކު ރާއްޖެއިން ބާއްވާ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށްވެސް މިސަރުކާރުން ބޭނުންވާ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތި ވަމުންދާ ނުރައްކަތަކުން ސަލާމަތްވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައްވެސް ވަނީ ފާހަގަކުރައްވާފަ އެވެ.
ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓް ކުރާ މަހަށް ނަގާ ޓެރިފް ކުޑަކުރުމަކީ ނިމިދިޔަ ސަރުކާރުތަކުންވެސް ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމެކެވެ. ނަމަވެސް ޔޫރަޕުން ރާއްޖެއަށް މިކަމުގައި އެއްވެސް ލުޔެއް ދޭން އުޅޭ ތަނެއް ނުފެނެ އެވެ.