ހަބަރު

ކޮމަންވެލްތާ ގުޅިގެން މަޖިލިސް މެންބަރުންގެ އަހުލާގު ރަނގަޅު ކުރަން މަސައްކަތް ފަށަނީ

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަހުލާގު ރަނގަޅު ކުރަން ކޮމަންވެލްތާއި އެކު ތަމްރީން ޕްރޮގްރާމެއް ހިނގަން ސަރުކާރުން އެއްބަސްވެއްޖެ އެވެ. ސަރުކާރުން މިކަމަށް އެއްބަސްވީ، ކޮމަންވެލްތުގެ ޕާލިމެންޓަރީ އެސޯސިއޭޝަން އެސްޖީ (ސީޕީއޭ) އަކްބަރު ހާން ރާއްޖެ ވަޑައިގެން މަޖިލީހުގެ ރައީސްއާ އެކު ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

އަކްބަރް ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިރޭ އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާ ރާއްޖޭގައި ހޭދަ ކުރި ދެ ދުވަހުގެ ތެރޭގައި ހުރިހާ ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންނާވެސް ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއާއި ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރާ ބައްދަލު ކުރެއްވި ކަމަށް އަކްބަރް ވިދާޅުވި އެވެ.

އަކްބަރް ވިދާޅުވީ މި ދަތުރުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ މަޖިލީހުގެ ހާލަތު ދެނެގަނެ މަޖިލީހުގައި ކުރާ މަސައްކަތު އިތުރަށް ހަރުދާނާކޮށް މެންބަރުންގެ އަހުލާގު ރަނގަޅުކުރެވޭނެ ގޮތްތަކާއި މެދު ސަރުކާރާއި މެންބަރުންނާއި އެކު މަޝްވަރާ ކުރުން ކަމަށެވެ. އެގޮތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އާއެކު ކުރެވުނު ބިނާ ކުރެވުނު މަޝްވަރާތަކުގެ ތެރެއިން މަޖިލީސް މެންބަރުންގެ އަހުލާގު ރަނގަޅު ކުރުމަށް ތަމްރީން ޕްރޮގްރާމްތަކެއް ހިނގުމަށް ނިންމަވާފައިވާ ކަމަށް އަކްބަރް ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް އުފަލާއި އެކު ދަންނަވާލަން މި ދެދުވަހު ކުރެއްވި މަސައްކަތައް ފަހު މަޖިލީހުގެ ރައީސްއާއި އަޅުގަނޑުމެން އެއްބަސްވުމަކަށް އާދެވުނު މަޖިލީސް މެންބަރުންގެ އަހުލާގު ރަނގަޅު ކުރުމަށް ތަމްރީން ޕްރޮގްރާމްތަކެއް ހިނގުމަށް އަލުން ރާއްޖެ އަންނަން. އެ ތަމްރީން ޕްރޮގްރާމް ހިނގާނެ ގޮތާއި ބާއްވާނެ ތާރީހު ނިންމާނީ އިނގިރޭސިވިލާތައް ދިޔުމަށް ފަހު މަޝްވަރާކޮށްގެން. އަދި މިދެދުވަހު ބައްދަލުވި ހުރިހާ މެންބަރުންވެސް ވަނީ އެ ތަމްރީން ޕްރޮގްރާމް ބާއްވަން ތާއީދުކޮށް މަރުހަބައި ކިޔާފައި،" އަކްބަރު ވިދާޅުވި އެވެ.

އަކްބަރު ވިދާޅުވީ ކޮމަންވެލްތުގެ ޕާލިމެންޓަކީ ވަކި ސިޔާސީ ފަރާތަކަށް ނުޖެހޭ އަދި ކޮމަންވެލްތުގެ ގައުމުތަކުގެ މަޖިލިސްތައް ގުޅުވައިދީ އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކުރާ ބަައެއް ކަމަށެވެ. އަދި ވިދާޅުވީ ގޮތުގައި ރާއްޖޭގެ މަޖިލީހުގައި މިހާރު މި ހިނގައި ކަންތަކަކީ ޑިމޮކްރަސީގެ ޅަފަތުގައި ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ އިރު ދިމާވެދާނެ ބައެއް ކަންކަން ކަމަށެވެ. އެހެން ކަމުން އެކަންތައް ރަނގަޅުކުރުން އެ ޖަމިއްޔާއިން އިސްކަމެއް ދޭކަމަށް އަކްބަރު ވިދާޅުވި އެވެ.