ހަބަރު

އިދިކޮޅު ފަރާތްތަކުން ކޮންމެ ކަމަކާ ދެކޮޅު ހަދައިގެން ނުވާނެ: ކޮމަންވެލްތު

އިދިކޮޅު ފަރާތްތަކުންވެސް ކޮންމެ ކަމަކަށް ދެކޮޅޫ ހެދުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށް ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ) އިން ބުނެފި އެވެ. ސީޕީއޭ އިން މިހެން ބުނީ އެޖަމިއްޔާގެ ސެކްރެޓަރީ ޖެނަރަލް އަކްބަރް ހާން ރާއްޖެ ވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގައި މަސައްކަތް ކުރިޔަށް ދާގޮތް ބެއްލެވުމަށް ފަހުއެވެ.

ރައްޔިތުން މަޖިލީހުގެ މަސައްކަތް ހިނގައި ގޮތް ބެއްލެވުމުގެ ގޮތުން ދެ ދުވަހަށް އޭނާ ރާއްޖެއަށް ކުރެއްވި މި ދަތުރު ނިންމާލައްވައި ފުރުމުގެ ކުރިން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖެ ފަދަ ޅަފަތުގެ ޑިމޮކްރަސީއެއް އޮންނަ ގައުމެއްގައި މަޖިލީހުން ވިސްނަން ޖެހޭނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ގުޅިގެން ރައްޔިތުންގެ ލާބަޔާ މަންފާއަށް މަސައްކަތް ކުރަން ކަމަށެވެ. އެގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ އިދިކޮޅު ފަރާތްތަކުގެ ޒިންމާއެއް ކަމަށާއި އަދި އެފުރުސަތު ސަރުކާރުންވެސް ދޭން ޖެހޭނެ ކަމަށް އަކްބަރު ފާހަގަ ކުރެއްވި އެވެ.

ނަމަވެސް އެގޮތަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން އިދިކޮޅު ފަރާތްތަކުންވެސް ދަސްކުރަން ޖެހޭ ކަމަށާއި، އިދިކޮޅު ފަރާތަކަށް ވީތީ ކޮންމެ ކަމަކަށް އިދިކޮޅު ހަދާކަށް ނުޖެހޭ ކަމަށް އަކްބަރު ވިދާޅުވި އެވެ.

"މަޖިލީށް ތެރޭގައި އިދިކޮޅު ފަރާތްތަކަށްވެސް ސަރުކާރާއި މެދު ސުވާލު އުފައްދައި ހިޔާލު ފާޅު ޖަވާބުދާރީ ކުރުމަށް ޖާގަދޭން ޖެހޭނެ ކަމަށް މަޖިލިސްގެ ރައީސްވެސް ގަބޫލު ކުރެއްވި. ނަމަވެސް ސިޔާސީ ގޮތުން މަޖިލީސްތެރޭގައި މި ދެވޭ ފުރުސަތުތަކާއި ޖާގައިގެ ބޭނުން ހިފަން އިދިކޮޅު ފަރާތްތަކުންވެސް ދަސްކުރަން ޖެހޭ. އިދިކޮޅު ފަރާތްތަކަށް ވީތީ ހުރިހާ ކަމަކަށް އިދިކޮޅު ހަދައިގެން ނުވާނެ. އެހެން ހަދާކަމަށް ވަނީ ނަމަ މަޖިލީސް ހުއްޓުމަކަށް އަންނާނެ،" އަކްބަރު ވިދާޅުވި އެވެ.

އަކްބަރު ވިދާޅުވީ މަޖިލީހުގެ މެންބަރުންވެސް ސިޔާސީ ފިކުރުތަކުގެ ބަދަލުގައި ރައްޔިތުންގެ މަންފާއަށް ކުރެވޭނެ ކަންތައްތައް ހޯދައި އެކަންކަމަށް ސަރުކާރާއި އެކު އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަކްބަރު އަދި ވިދާޅުވީ ދެފަރާތުން ގުޅިގެން ރަނގަޅު ނަތީޖާއެއް ނެރެވޭނީ ކޮން ދާއިރާތަކަކުންތޯ ބަލައި މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.

އެގޮތަށް ޕާޓީތައް ގުޅިގެން މަޖިލީހުގައި މަސައްކަތް ކުރާނަމަ ކޮރޮޕްޝަން މަދުވާނެ ކަމަށާއި އަދި ދައުލަތުގެ ހުރި ވަސީލަތްތައް ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނެ ގޮތްތައް ހޯދުމުގެ ފުރުސަތު އިތުރު ވުމުގެ އިތުރުން އާމުންގެ ހުރި ޝަކުވާތައް ފާހަގަކޮށް އެ ކަންތައް އަމަލީގޮތުން ހައްލެއް ގެނެވުމަށް ގިނަ މަސައްކަތް ކުރެވިގެން ދާނެ ކަމަށްވެސް އަކްބަރު ވިދާޅުވި އެވެ.