މިއީ އިނގިރޭސި ޕްރިމިއަ ލީގުގެ ކޯޗުންނެވެ. ކުރިއަށް އޮތް ސީޒަން ވެގެންދާނީ ކުޅުންތެރިންނަށް ވުރެ މަޝްހޫރު ނުވަތަ ފުޓްބޯޅައިގެ ދަނޑުގައި ކޯޗުންގެ ގޮތުގައި ސުޕަސްޓާރުންގެ ދަރަޖަ ހޯދާފައިވާ ގިނަ މޫނުތަކެއް ފެނިގެންދާނެ ސީޒަނަކަށެވެ. ވަކިން ހާއްސަކޮށް މި ފޯރިއެއް ގަދަވެފައި ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ޗޯކުކަމާ، ޗެލްސީގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ހަވާލުވާން އުޅޭތީ އެވެ.
އެކަމަކު އަންނަ ސީޒަނުގައި ޕްރިމިއަ ލީގުން ފެނިގެންދާނެ ހަމައެކަނި މި ފެންވަރުގެ މޫނަކީ މިއީއެއް ނޫނެވެ. ބާސެލޯނާގެ ކުރީގެ ކޯޗު، ޕެޕް ގާޑިއޯލާ، ބަޔާން މިއުނިކް ދޫކޮށް މެންޗެސްޓާ ސިޓީއާ ހަވާލުވުމަކީ މޮރީނިއޯގެ އެނބުރި އައުން އަދި އިނގިރޭސި ޕްރިމިއަ ލީގުގެ ކޯޗުންގެ ފޯރި އިތުރަށް ގަދަކޮށްދޭނެ ނިކަން މުހިންމު ސަބަބެކެވެ. ލަލީގާ ގައި ވެސް އަހަރެމެންނަށް ވަނީ މޮރީނިއޯ އާއި ގާޑިއޯލާގެ އާދަޔާހިލާފު ކުރިމަތިލުންތަކެއް ފެނިގެން ގޮސްފަ އެވެ.
އެކަމަކު ކުރިއަށް އޮތް ސީޒަނުގައި މި ދެ ކޯޗުންގެ ކޯޅުމާއި ފޯރި އިތުރަށް ގަދަވާނެ އެވެ. ސަބަބަކީ ރިއަލް މެޑްރިޑާއި ބާސެލޯނާގެ ކުރިމަތިލުންތަކަށް ވުރެ ވަކި މެންޗެސްޓާ ޔުނައިޑެޓާއި މެންޗެސްޓާ ސިޓީގެ ކުރިމަތިލުންތައް ވެސް ފޯރިކުޑައެއް ނުވާނެތީ އެވެ.
ޔުނައިޑެޓާއި ސިޓީ އިން އާ ކޯޗުންނާ އެކު އަންނަ ސީޒަނަށް ނުކުންނައިރު މޮރީނިއޯ ބޭރުކޮށްލުމަށް ފަހު ޗެލްސީ އަށް ވެސް ވަނީ ސުޕަސްޓާރެއްގެ ދަރަޖައިގެ ކޯޗެއް ހޯދައިފަ އެވެ. އެއީ އިޓަލީގެ ގައުމީ ޓީމު ގޮވައިގެން އަންނަ މަހު ޔޫރޯ އަށް ނުކުންނަ އެންޓޯނިއޯ ކޮންޓޭ އެވެ. އެ ތަޖުރިބާ އަށް ފަހު ދެން އޭނާ ގުޅޭނީ ޗެލްސީއާ އެވެ.
އޭނާ އަކީ އިޓަލީގެ ފުޓްބޯޅައިގެ ފަހުރު ކަމުގައި ބެލެވޭ ޔުވެންޓަސްގެ ލެޖެންޑެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ވެސްމެ އެވެ. ޔުވެންޓަސްއާ އެކު ފަސް ފަހަރެއްގެ މަތިން ލީގު ކާމިޔާބުކޮށްފައިވާއިރު ކޯޗެއްގެ ގޮތުގައި އެ ޓީމާ އެކު ޖައްސަޖައްސައިގެން ތިން ސީޒަނުގައި ލީގު ތަށި ނެގި އެވެ.
ކޮންޓޭ އަކީ އާދައިގެ ކޯޗެއް ނޫނެވެ. އިޓަލީގެ ގައުމީ ޓީމާ ހަވާލުވުމަށް ފަހު ނެރެމުން އަންނަ ނަތީޖާތަކުން ވެސް އެކަން އެނގެ އެވެ.
ޖާގެން ކްލޮޕް އަކީ ވެސް ސުޕަސްޓާރެެކެވެ. ނުވަތަ ރޮކްސްޓާރެކެވެ. ލިވަޕޫލާ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަވާލުވުމަށް ފަހު އޭނާ އެ ޓީމަށް ގެނެސްފައިވާ ބަދަލުތައް މިހާރު ވެސް ދަނީ ފެންނަމުންނެވެ. ބުންޑަސްލީގާގައި ޑޯޓްމަންޑާ އެކު އޭނާ ހޯދި ކާމިޔާބީތައް މި ކޯޗުގެ އާދަޔާހިލާފުކަމުގެ ވާހަކަތަކަށް ފުދެ އެވެ.
އެކަމަކު ކްލޮޕްއާ އެކު ލިވަޕޫލަށް މިދިޔަ ސީޒަނުގައި ތައްޓެއް ނުލިބުނެވެ. ދެ ފައިނަލެއްގައި ކުޅުނު ނަމަވެސް ތަށީގައި އަތެއް ނުލެވުނެވެ.
މޮރީނިއޯ އާއި ގާޑިއޯލާ އަދި ކްލޮޕާއި ކޮންޓޭގެ އިތުރަށް ވެސް ޕްރިމިއަ ލީގުގައި ތިބީ ވަރުގަދަ ކޯޗުންނެވެ. ޔަގީނަށް ވެސް ކުރިއަށް އޮތް ސީޒަނުގައި ޕްރިމިއަ ލީގުގެ ކުޅުންތެރިންނަށް ނުލިބޭ ސަމާލުކަން މި ލީގުގެ ކޯޗުންނަށް ލިބިގެންދާނެ އެވެ. އާސެނަލްގެ އާސެން ވެންގާ އާއި ޓޮޓެންހަމްގެ މައުރީސިއޯ ޕޮޗެޓިނީ އަކީ ވެސް ތަރިއެކެވެ.
އެހެންވީމަ މި ގަދަފަދަ ކޯޗުންނަށް ބަލާއިރު އަންނަ ސީޒަނުގައި ޝޮކެއް ދޭނެ ކަމަށް ބެލެވެނީ ކާކު ހެއްޔެވެ؟ ވަރަށް ގިނަ ބަޔަކު ތިބީ މޮރީނިއޯއާ އެކު ޔުނައިޓެޑްގެ ކުޅުން ހަލާކުވެގެން ހިނގައިދާނެ ކަމަށް ގަބޫލުކޮށްގެންނެވެ. އެކަމަކު އެމީހުންގެ ކުޅުން ފާއިތުވި ދެ ތިން ސީޒަނެއްގައި ގޯސްނުވެ އޮތް ތަނެއް އެބައޮތް ހެއްޔެވެ؟
ޔަގީނަށް ވެސް އަންނަ ސީޒަން ވެގެންދާނީ ޕްރިމިއަ ލީގުގައި އަނެއްކާވެސް އާދަޔާހިލާފު އެތައް ކަމެއް ފެނުމުގެ ފުރުސަތު ބޮޑު ސީޒަނަކަށެވެ.